English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ

ޕީޖީ އިން މިއަދު ކުރި ޓުވިޓެއްގައި ބުނީ މއ. ކާމިނީހުޅަގުގެ، އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައިނުވާނެ ކަމަށާއި އެ ޝަރީއަތްކުރިއަށް ދާނީ އަންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

ޔާމީންގެ މައްޗަށް ޕީޖީ އިން ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގަ އެވެ.މި މައްސަލައިގެ ޝަރީއަތަށް، ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް އެދިފައިވާއިރު، މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުންވަނީ އިއްޔެ ހުކުމްކޮށްފައެވެ.