English Edition
Dhivehi Edition

މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އިންދަރް ކުމާރްގެ ‘ޓޯޓަލް ދަމާލް’ ޕާކިސްތާނުގެ ސިނަމާތަކުގައި ނާޅުވާ ގޮތަށް އެ ފިލްމުގެ ޓީމުން ނިންމައިފިއެވެ.

ފިލްމުގެ ކާސްޓުންނާއި، ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ވެސް ހިމެނޭ ގޮތަށް އެ ޓީމުން މި ގޮތައް ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕާކިސްތާނުގެ ހަނގުރާމަވެރިންގެ ބަޔަކު ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓްގައި ދިން ހަމަލާއާއި ގުޅިގެންނެވެ. މި ހަމަލާގައި އިންޑިއާ ސިފައިންގެ 40 މީހުން މަރުވެފައިވާ އިރު މި ހަމަލާއާއި ގުޅިގެން ދެގައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ޓޯޓަލް ދަމާލް ޕާކިސްތާނުގައި ނާޅުވާނެކަމަށް ބުނެ ފިލްމުގެ ތަރި އަޖޭ ދޭވްގަން ކުރި ޓުވިޓްގައި ބުނެފައިވަނީ މިހާރު މި އޮތް ހާލަތުން ޕާކިސްތާނުގައި ފިލްމު ރިލީޒްނުކުރަން ފިލްމުގެ ޓީމުން ނިންމާފައިވާކަމަށެވެ.އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ  މި ފިލްމުގެ ތަރިންނާއި، ފިލްމުގައި އެކިއެކި ގޮތްގޮތުން މަސައްކަތްކޮށްފައިވާ ފަރާތްތަކުން މަރުވި އިންޑިއާ ސިފައިންގެ އާއިލާތަކަށް ފައިސާގެ އެހީވެފައިވާކަމަށެވެ.

މި ފިލްމުގައި އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރުޝަދް ވާސީ، މަދޫރީ ދިކްޝިތް، ޖާވިދް ޖާފަރީ އަދި އަނިލް ކަޕޫރު ގެ އިތުރުން އީޝާ ގުޕްތާ ވެސް ފެނިގެންދެއެވެ.

ޕާކިސްތާނުގެ މި ހަމަލާއާއި ގުޅިގެން ޕާކިސްތާންގެ އާޓިސްޓުންނަށް ބޮލީވުޑްން ފުރުސަތު ދިނުން ހުއްޓައިލަން ބޮލީވުޑްގެ ބައެއް ތަރިން ވަނީ ގޮވާލައިފައެވެ. 2016 ވަނަ އަހަރު ޕާކިސްތާނުން އިންޑިއާއަށް ދިން ހަމަލާއާއި ގުޅިގެންވެސް އޭރު ބޮލީވުޑްގައި ފައިތިލަ ސާބިތުކުރަން މަސައްކަތްކުރަމުން “އޭ ދިލް ހޭ މުޝްކިލް” ގެ ޕާކިސްތާނުގެ ބަތަލު ފަވާދު ހާނާއި ޝާހްރުކް ހާންގެ ފިލްމު “ރައީސް” ގެ ބަތަލާ މާހިރާ ހާން އަށްވަނީ އެ ފުރުސަތު ގެއްލި ބޮލީވުޑްގެ ފިލްމުތަކާއި ދުރަށް ދާންޖެހިފައެވެ.