English Edition
Dhivehi Edition

ރައްކާތެެރިގޮތުގައި ގަސްއިންދައި ބަލަހައްޓާނެ ގޮތާއި ގޯތި ތެރޭގައި ގަސް އިންދުމާއި ބެހޭ ގޮތުން އައްޑޫސިޓީގެ މީދޫގައި ކުރިއަށް ގެންދިޔަ “އެގްރޯ ފޮރެސްޓީ” ތަމްރީނު ޕްރޮގްރާމު ނިންމާލައިފިއެވެ.

މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި 30 މީހުން ވަނީ ބައިވެރިވެފައެވެ. ރައްކާތެރިގޮތުގައި ގަސް އިންދައި ބެލެހެއްޓުމާއި އަދި ގަހަށް ޖަހާ ބޭހުގެ ގޮތުގައި ބޭނުންކުރާ ކެމިކަލް އެކުލެވޭ ބާވަތްތައް ރައްކާތެރި ގޮތުގައި ބޭނުންކުރާނެ ގޮތާއި ގަސްގަހަށް ޖެހޭ ބަލިން ގަސް ސަލާމަތްކުރާނެ ގޮތްތަކާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެއްވެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ އޮފިސަރ އަބްދުއް ލަތީފެވެ.

5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ކޮންމެ ބައިވެރިއަކަށް ވަނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވިކަމުގެ ހަނދާނީ ލިޔުމާއެކު ރީތި ފިނިފެންމާ ގަހެއް ހަދިޔާއެއްގެ ގޮތުގައި ދީފައެވެ.

މިއީ ޔޫއެންޑީޕީގެ ސްމޯލް ގްރާންޓް ޕްރޮގްރާމް ޕްރޮޖެކްޓްގެ ދަށުން ޗޭނު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މި ޕްރޮޖެކްޓްގެ ފޭސް އެކެއްގައި ނަމޫނާ ފާމް އަދި ގަސްއިންދުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީދޫ އަކީ ދަނޑުވެރިކަން ކުރުމަށް މަޝްހޫރު ތަނަކަށް ވާއިރު މިފަދަ ތަމްރީން ޕްރޮގްރާމުގެ ސަބަބުން ދަނޑުވެރިކަމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ތަމްރީނު ޕްރޮގްރާމުން ލިބިގެންދިޔަ މައުލޫމާތުގެ ރަށުގެ ގިނަ ބަޔަކަށް ފޯރުކޮށް ދިނުމަށް ވެސް ޗޭނުން ވަނީ ބައިވެރިންގެ ފަރާތުން އެދިފައެވެ.

މީދޫ އެކުވެރިންގެ ޗޭނަކީ މީދޫގެ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރާ ހީވާގި ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން މީދޫގެ ދަނޑުވެރިކަން ކުރިއެރުވުމަށް މީގެ ކުރިންވެސް މިފަދަ ގިނަ މަސައްކަތް ކޮަށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.