English Edition
Dhivehi Edition

އެއީ ސުވައިދީބު ސަރުކާރުގެ ދުވަސްވަރެވެ. އޭރު ސ. ހިތަދޫ، ކެމީ، ހަސަން ލަބީބަކީ ޅަޒުވާނެކެވެ.

ހާލަތު ނިޔާކުރި ގޮތުން ދުވަސްވަރަކީ ލަބީބުގެ ބޮޑު ބޭބެ (އަބްދުﷲ އަލީ) ގޭ ބަންދުކޮށްފައި ހުންނެވި ދުވަސްވަރެކެވެ. އެއީ މޮޅު ޅެންވެރިއެކެވެ. އެހެން ކަމުން ގޭގައި ހުންނެވި ދުވަސްވަރު އެހެން ރައްޓެއްސަކާއެކު ގައުމީ ޅެން ހައްދަވަމުން ގެންދެވިއެވެ.

އެއީ ލަބީބުގެ ވިސްނުންފުގައި ޅެންވެރިކަމުގެ ވިންދުޖަހަން ފެއްޓެވި ދުވަސްވަރެވެ. ބޮޑުބޭބެމެން އެކުރައްވާ މަސައްކަތެއްގެ ސަބަބުން ޅެމެއް ހައްދަވަން ނިންމެވިއެވެ. އުމަރުން އެންމެ ސޯޅަ އަހަރުގައި ހެއްދެވި ޅެމުގެ ނަމަކީ “ރަމަޟާން މުބާރިކް” އެވެ. ޅެން ހެއްދެވުމަށްފަހު ބޮޑުބޭބެއަށް ދެއްކެވިއެވެ. އެއިން އެތައް ކުށެއް ބޮޑުބޭބެ އިސްލާހު ކޮށްދެއްވިއެވެ.

އެއަށްފަހު ޅެން ހެއްދެވުމުގައި ލަބީބު ފަހަތަކަށް ނުބައްލަވައެވެ. ޅެން ހައްދަވަމުންގޮސް ރަނގަޅު ފެންވަރަކަށް ޅެމެއް ހެއްދެވުނީ އުމުރުން އަށާރަ އަހަރުގައެވެ.
ޅެންވެރިކަމުގެ ވައްޓަފާޅިއާއި، އިތުރު ހުނަރު ލަބީބު ދަސްކުރެއްވީ ހުސައިނިއްޔާ ސްކޫލުގެ އޭރުގެ ދިވެހި މުދައްރިސް، މާލެ، މ. އަފްޒާ، މުހައްމަދު ފަހުމީގެ އަރިހުންނެވެ.

ޅެންވެރިކަމުގެ ދާއިރާއިން އެންމެ ފުރަތަމަ ރަސްމީކޮށް އާންމު ކުރެއްވީ ޅެންބަހުން ހައްދަވައިފައިވާ ތަމްސީލެކެވެ. އެއީ ހުސައިނިއްޔާ ސްކޫލަށް ތައްޔާރުކޮށްދެއްވި އެއްޗެކެވެ.

“އަޅުގަނޑު ހުސައިނިއްޔާ ސުކޫލަށް ހަދައިދިނީ ޅެންބަހުން ތަމްސީލެއް. އެއީ “ކުއްޅަވަށްފަލު ރަނިން” ގެ ވާހަކައަށް ދެތިން ހަތަރު ފަރުދާ ހިމެނޭ ގޮތަށް ހަދައިދިން އެއްޗެއް” ލަބީބު ވިދާޅުވިއެވެ.

ލަބީބަކީ މިހާރު މުޅިރާއްޖެއަށް ބެލިކަމަށްވިޔަސް ފާހަގަ ކޮށްލެވޭ މޮޅު ޅެންވެރިއެކެވެ. އޭނާވަނީ ގާތްގަޑަކަށް 190 ވަރަކަށް މީހުންނަށް ޅެން ހަދަން ދަސްކޮށްދެއްވައިފައެވެ. ދިވެހި ބަހަށް ލޯބި ކުރެއްވުމަކީ އޭނާގެ ޚާއްސިޔަތު ކަމުގެ ތެރެއިން އެއްކަމެކެވެ. އޭގެ ތެރެއިންވެސް އައްޑޫ ބަހުރުވައަށް އިސްކަން ދެއްވުމަކީ އައްޑޫ ފަސްގަނޑުގައި ހުންނަވައިގެން އޭނާ ކުރައްވާ މުހިންމު ކަމެކެވެ. އެގޮތުން އައްޑޫ ބަސް ނުވަތަ ބަހުރުވައާ ބެހޭ ގޮތުން އައްޑޫ އޮންލައިނަށް އޭނާ ލިޔުއްވާފައިވެއެވެ.
ލަބީބު ވަނީ ދިގު މުއްދަތެއްގައި ބުރަ މަސައްކަތްތަކެއް ކުރައްވައި އެވޯޑު ތަކެއް ހާސިލް ކުރައްވައިފިއެވެ. އެންމެ ފަހުން ބޭއްވި އައްޑޫ އެވޯޑުގެ ޝަރަފްވެރި ބައިން ބަހާއި އަދަބަށް ޚިދުމަތް ކުރެއްވުމުގެ، ޝަރަފްވެރި އެވޯޑު އުފާލާލެއްވީ ލަބީބެވެ. މަރުހަބާއާއި ސާބަސް ހުއްޓެވެ. ލަބީބުގެ މަސައްކަތާއި ހިތްވަރަށް ތައުރީފް ހުއްޓެވެ.

އޭނާ ޅެންވެރިކަމަށް ޝައުގު ހުންވާވަރު ދެނެވަޑައިގަންނަވަމު ތޯއެވެ؟ “އައްޑޫ ޅެންވެރިންގެ ރޫހު” ގެ ނަމުގައި އޭނާ ވައިބަރުގައި ގްރޫޕެއް ހިންގަވައެވެ. ބޭނުމަކީ އައްޑޫ ޅެންވެރިންގެ މެދުގައި އެކަމަށް އިތުރު ޝައުގެއް އުފެއްދެވުމެވެ. އިތުރު ޅެންވެރިން ނެރުމެވެ. އެކުވެރިކަން ބަދަހިކޮށް ގުޅުން ގާއިމް ކުރުމެވެ.

ދިވެހި ބަހުގެ ތެރެއަށް ލަބީބު ވަދެ ވަޑައިގެންނެވީ ކިޔަވައިދެއްވަން ފެއްޓެވި ހިސާބުންނެވެ. ރީތި ސާފު ދިވެހި ބަހުން ވާހަކަ ދެއްކެވުމަށް އޭނާ ވަރަށް ބޮޑަށް ބާރު އަޅުވައެވެ. މިހާރުވެސް އޭނާ ގެންދަވަނީ ގްރޭޑް 3 އިން ފެށިގެން 12 އާ ދެމެދުގެ ދަރިވަރުންނަށް ދިވެހި ބަސް އުގަންނަވައި ދެއްވަމުންނެވެ. އެކަމަށްޓަކައި އޭނާވަނީ “އަދަބީ ހިޔާ” ނަމުގައި ޚާއްސަ މަރުކަޒެއް އެޑިޔުކޭޝަންގައި ރަޖިސްޓްރީ ކުރައްވައިފިއެވެ. މިފަދަ ތަފާތު އެތައް މަސައްކަތްތަކެއް ކުރައްވައިގެން އައްޑޫ އެވޯޑު ލިބިވަޑައިގެންނެވުމުން ލަބީބު ވިދާޅުވީ ކީކޭތޯއެވެ؟

“އެވޯޑަކީ ވަރަށްގިނަ ދުވަހު މަސައްކަތްކޮށްގެން ވަރަށް ބުރަ މަސައްކަތުން ހާސިލް ކުރެވޭ އެއްޗެއް. މިފަދަ އެވޯޑެއް ބަޔަކު އަޅުގަނޑަށް ދެއްވީމާ އަޅުގަނޑު ހިތަށްއެރީ އެއީ ދެން ކުރިއަށްވުރެ ބޮޑަށް އަޅުގަނޑު މަސައްކަތް ކުރަންޖެހުނީއޭ. ކުރިން ކުރި މަސައްކަތުގެ ޑަބަލް އިތުރުކޮށްލަންވީއޭ. އެއީ ބަޔަކު އެކަމުގެ އަގުވަޒަން ކުރައްވަން ފެއްޓެވީމާ،” ލަބީބު ވިދާޅުވިއެވެ. ކިހައި ހިތްވަރުގަދަ ބަސްފުޅެއް ތޯއެވެ؟

ލަބީބުގެ އުމުރުން މިހާރު ގާތްގަނޑަކަށް 69 އަހަރު ފުރެނީއެވެ. އެކަމަކު ދިވެހިބަހާއި އަދަބަށް ޚިދުމަތް ކުރެއްވުމުގައި އޭނާއަކީ ފިސާރި “ޒުވާން” ބޭފުޅެކެވެ. މުޅި ރާއްޖެ، ޚާއްސަކޮށް އައްޑޫސިޓީ އޮތީ ލަބީބު ފަދަ ބޭފުޅުންގެ ޚިދުމަތަށް އެދިއެދިއެވެ.