English Edition
Dhivehi Edition

ކައިވެންޏަކީ އުފާވެރި މުސްތަގުބަލެއްގެ ބިންގާ ކަމުގައިވާއިރު ކައިވެނީގެ އެންމެ ބޮޑު މަގްސަދަކީ ދަރިންނެވެ. ތިމާގެ ހަށިގަނޑުގައި އެހެން ފުރާނައެއް ވިންދުޖަހާކަން އެނގުމާއެކު އެ ދަރިފުޅަށްޓަކައި އެތަކެއް ފޮނި އުއްމީދުތަކެއް ކުރެވެން ފަށައެވެ. ދުވާލާއި ރޭގަނޑުގެ ނިދިން މަހްރޫމްވެ އެދަރިފުޅަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ފަށައެވެ.އެދަރިފުޅު ފުރިހަމަ ސިއްޙަތެއްގައި ލައްވާތޯ އެތައް ދުޢާއެއް ކުރެވެއެވެ. އެ ދަރިފުޅު އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވާނެ ދުވަހަކަށް އިންތިޒާރުކުރެވެން ފަށައެވެ.

މުޙައްމަދު ޝާވީ ޝަޒީންއަކީ ހއ. ހޯރަފުށީ ރަތްބަގީޗާގެ ޝައްމޫނާ ނަސީރު އާއި ސ.މީދޫ ސީނާ ހުސެއިން ޝަޒީން ކައިވެންޏަށް 2 އަހަރުގައި ލިބުނު ފުރަތަމަ ދަރިފުޅެވެ. ބަނޑަށް 6 މަހުގައި ޝާވީ މި ދުނިޔެއަށް އުފަންވިއިރު ބަރުދަނުގައި ހުރީ އެެއްމެ ކިލޯއެކެވެ. ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން އެންއައިސީޔޫގައި ތިންމަސް ވަންދެން ބާއްވަންޖެހުނެވެ.

ޝާވީ ބޮޑުވަމުން އައި އިރު އެހެންކުދިންނާއި ތަފާތުކަން ފާހަގަވުމުން ޑޮކްޓަރަށް ދެއްކުމުން ލިބުނީ ހިތްކުދިވާ ފަދަ ޖަވާބެކެވެ. ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން ސިކުޑީގެ ޑެމޭޖެއް ހުރުމުގެ ސަބަބުން ޝާވީއަށް ވަނީ ސެރިބްރަލް ޕަލްސީ ލިއުކޮމެލޭސިއާ ކިޔާ ބައްޔެއް ޖެހިފައިކަމުގައި ޑޮކްޓަރު ބުންޏެވެ. މި ބަލީގެ ސަބަބުން ޝާވީ ވަނީ ނުހިނގޭ ބަލިކުއްޖަކަށް ވެފައެވެ. ޝާވީގެ އުމުރުން އެއް އަހަރުން ފެށިގެން ކޮންމެ އަހަރަކު އިންޑިއާގެ ޓްރެވެންޑްރަމަށް ގޮސް ފަރުވާދެމުން ދިޔަނަމަވެސް އުމުރުން ފަސް އަހަރުވީއިރުވެސް މާ ބޮޑު ފަރުވާއެއް ލިބިފައެއް ނެތެވެ.

10 ފެބްރުއަރީ 2017 ގައި އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރު ބުނެފައިވަނީ ޝާވީގެ ސިކުނޑިއަށް ކުރެވޭނެ މާ ބޮޑު ފަރުވާއެއް ނެތްކަމަށެވެ. އެހެން ނަމަވެސް ރަގަޅު ފަރުވާއެއް ކުރެވިއްޖެ ނަމަ ހިނގޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުވަނީ ދީފައެވެ.

ރިސޯޓެއްގައި ވަޒީފާއަދާކުރާ ޝަޒީންއަށް ލިބޭ މަދު އަމްދާނީ ކޮޅުން ދަރިފުޅުގެ ބައްޔަށް ހަރަަދުކުރަމުންދާއިރު އެމީހުންތިބީ އެހީތެރިކަމުގެ އަތަކަށް ވަރަށްވެސް ބޭނުންވެފައެވެ. ސާޖަރީކޮށްގެން ދަރިފުޅަށް ހިނގޭނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް ސާޖަރީއަށް ބޭނުންވާ 12500 ޑޮލަރު ހޯދުމަކީ އެމީހުންނަށް އެހާ ފައްސޭހަކަމެއް ނޫނެވެ.

“2016 ވަނަ އަހަރު ބެންގަލޫރުގެ ރިކޫޕް ހޮސްޕިޓަލުން އައި މި ބަލި(ސްރިބްރަލް ޕެލެސީ)ގެ ހާއްސަ ޑޮކްޓަރަކަށް ޝާވީ ދެއްކުމުން ޑޮކްޓަރ ލަފާ ދެއްވަނީ 5 ސާޖަރީއެއް ކުރަމުން ދަރިފުޅު ރަގަޅުވާނެކަމަށް. އެކަމަކު އެ ހޮސްޕިޓަލަކީ އާސަންދަވެސް ލިބޭ ތަނެއް ނޫން.ސާޖަރީއަށް ބޭނުންވާ އަދަދަށް ފައިސާ ލިބޭނެ ގޮތެއް އަދި ނެތް” ޝާވީގެ މަންމަ ބުންޏެވެ.

ޖުލައި މަހު ދަރިފުޅުގެ ނާރުގެ ސާޖަރީއެއް ކުރުމަށް ފުރަން ނިންމާފައިވާއިރު ތިންމަސް ވަންދެން އިންޑިއާގައި މަޑުކުރަންޖެހޭ ކަމުގައި ޝާވީގެ މަންމަ ބުންޏެވެ. އެންމެ ތުއްތު އިރުއްސުރެ ޝާވީ އުރާލައިގެން އުޅެމުންދިޔަ ނަމަވެސް ޝާވީ ބޮޑުވަމުން އަންނަ ވަރަކަށް އުފުލައިގެން އުޅެން މިހާރު އުދަގޫވާކަމަށް ޝައްމޫނާ ބުންޏެވެ. އެކަމަކު ދަރިފުޅަށްޓަކައި އެ ހުރިހާ ވޭނަކާ ބުރައެއް ޝައްމޫނާވަނީ ހަދާންނައްތާލާފައެވެ. އެ ދަރިފުޅަށް ބޭނުންވާ ކޮންމެ ކަމެއް އެ ދެމަފިރިން ކޮށްދެމުންދަނީ އުފަލާއެކުގައެވެ.

އަތާއި ފައިގެ ނާރުތައް ބާރުވުމުގެ ސަބަބުން ޝާވީ އަށް ނުހިގުނު ނަމަވެސް ދަރިފުޅުގެ މަންމަ އެ ދަރިފުޅާމެދު ދެކެމުންދާ ހުވަފެންތައް ވަރަށްވެސް ފޮންޏެވެ. މިހާރު ޝަރީފީ ޕްރީ ސްކޫލްގެ އެލްކޭޖީ ގައި ކިޔަވަމުންދާ ޝާވީ އަކީ ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވާ ކިޔެވުމަށް މޮޅު ކުއްޖެކެވެ.

“އިންޝާﷲ ޝާވީ އަކީ ވަރަށް ބަސްއަހާ މޮޅުކުއްޖެއް. އަތުގެ އިނގިލީގައި ވަރު ނުހުންނާތީ ލިޔުމަށް އުދަގޫވި ނަމަވެސް އެހެން ހުރިހާ ކަމަކަށްވެސް ވަރަށް ބަރާބަރު.އެއީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް. ކްލާހުގެ ކުދިންވެސް ޝާވީދެކެ ވަރަށް ލޯބިވާނެ ވަރަށް އެހީތެރިވެދޭނެ” ޝާވީގެ އާންޓީ ބުންޏެވެ.

ސްކޫލްގައި އުޅޭއިރު ޝާވީއަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އެއްތަނުން އަނެއް ތަނެއް ގެންދިއުމުގައި ދިމާވާ ދަތިތައް އެކަނި ކަމުގައި އާންޓީމެން ފާހަގަކުރިއެވެ. “މިހާރުވެސް ޝާވީގެ މަންމަ އެބަ މަސައްކަތްކުރޭ ވީލް ޗެއާރ އެއް ލިބޭތޯ. އޭރުން ޝާވީ އެއްތަނުން އަނެއް ތަނެއް ގެންދިއުމުގައި ވަރަށް ފަސޭހަވެގެން ދާނެ.”

އެހެން ކުދިން އުޅޭހެން ދުވެ ސަކަރާތްޖަހަން އެ ތުއްތުކުއްޖާ ކިތަންމެ ބޭނުންވި ނަމަވެސް އެކަންތައް ނުކުރެވޭތީ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ޝާވީ އަށް އެހެން ކުދިން އުޅޭހެން އަމިއްލަ ފައި މައްޗަށް ކޮޅަށް ނުހުރެވުނު ނަމަވެސް އެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އެ މައުސޫމް މޫނުމަތިން ކޮންމެވެސް ދުވަހަކުން އަމިއްލަ ފައިމައްޗަށް ތެދުވާނަމޭ ބުނަމުންދާކަހަލައެވެ.

ﷲގެ ހައްގުގައި ހޭދަކުރާ އެންމެ ބައިލާރިއަކީވެސް ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.މި ކުއްޖާ އަމިއްލަ ފައި މައްޗަށް ތެދުވާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް ތިބި މީހުންގެ އިންތިޒާރުގެ ނިމުން ގެންނަން ކޮންމެ މީހަކުވެސް އެ މީހަކަށް ވީ ވަރަކުން އެހީތެރިވެދޭށެވެ. އެ މައުސޫމް ކުއްޖާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ދުޢާކޮށްދޭށެވެ.

ޝާވީއަށް އެހީވުމަށް ބޭނުންފުޅުވާ ފަރާތަތަކުން ހުސެއިން ޝަޒީން 7935944 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް އާއިލާއިން އެދެއެވެ. އަދި ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަތަކުން 7701141325001 ހުސެއިން ޝަޒީން ބީއެމްއެލް އެކައުންޓަށް ޓްރާންސްފާރ ކުރެވޭނެއެވެ.