English Edition
Dhivehi Edition

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެ ކުލަބް އާއި އެކީ ހަދާފައިވާ ކޮންޓްރެކްޓް އާކޮށް އިތުރު އެއް ސީޒަނުގައި ބާސޭލޯނާގައި މަޑުކުރަން ނިންމައިފިއެވެ.

ވަލްވޭޑޭ އާއި އެކީ ބާސެލޯނާއިން ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލައަށް ހަމަވާން އޮތް ނަމަވެސް އާ އެއްބަސްވުމުގައި ވަލްވޭޑޭ ސޮއި ކޮށްފައިވާކަން ބާސެލޯނާއިން ނެރުނު ބަޔާނެއްގައި އިއްޔެ ވަނީ ބުނެފައެވެ.

2017 ވަނަ އަހަރުގެ މެއި މެހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި އުމުރުން 55 އަހަރުގެ ވަލްވޭޑޭ ވަނީ އެޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭ އެ ކްލަބަށް ކާމިޔާބު ކޮށްދީފައެވެ. އަދި މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕް ވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފައިވާއިރު މިވަގުތު ލީގުގެ އެއްވަނާގައި 5 ޕޮއިންޓްގެ ލީޑަކާއި އެކު އޮތީވެސް ބާސެލޯނާއެވެ.

މިހާރު ސްޕެއިނުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭ 2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލުމުން ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވެ ގިނަ ކާމިޔާބީތަކެއް ފުރަތަމަ ސީޒަންގައި ވަލްވޭޑޭގެ ކޯޗު ކަމަގެ ދަށުގައި ބާސެލޯނާ ހޯދާފައިވާއިރު އެ ޓީމުން ވަނީ މިސީޒަންގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރާއި ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދައިފައެވެ.

ވަލްވޭޑޭގެ ކޯޗުކަމުގައި ބާސެލޯނާއިން ޓްރާންސްފާ އަށް ބޮޑު ހޭދައެއް ކޮށްފައި ވާއިރު މި މުއްދަތުގައި ވަލްވޭޑޭގެ އިރުޝާދުގެ ދަށުން ބާސެލޯނާ އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 96 މެޗުގެ ތެރެއިން 65 މެޗުން މޮޅުވެފައި ވާއިރު 22 މެޗު ވަނީ އެއްވަރުވެފައެވެ. ވަލްވޭޑޭގެ ކޯޗުކަމުގައި އެޓީމު ބަލިވީ އެންމެ ނުވަ މެޗުންނެވެ. 65 މޮޅުގެ ތެރެއިން ލީގުގައި 43 މޮޅު ހޯދިއިރު ކޮޕަ ޑެލް ރޭ ގައި ވަނީ 11 މެޗުން މޮޅުވެފައެވެ. އަދި، ޗެމްޕިއަންސް ލީގުގެ 10 މެޗާއި ސްޕެނިޝް ސުޕަ ކަޕްގެ މެޗުވެސް މޮޅުވި މެޗުތަކުގެ ތެރޭގައި ހިމެނެއެވެ.

މިދިޔަ ތިން އަހަރުގައި ވެސް ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާތީ މި ސީޒަނުގައި ބާސެލޯނާ އަދި ވަލްވޭޑޭގެ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެއެވެ.

ވަލްވޭޑޭ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ބިލްބާއޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮލިމްޕިއާކޯސް އަށް ދެ ފަހަރު އަދި ވިޔަރެއާލާއި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ