English Edition
Dhivehi Edition

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގްގައި ރޭ ނެދަލޭންޑްސްގެ އަޔެކްސް އާއި ދުނިޔޭގެ ކުލަބް ޗެމްޕިއަން އަދި މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ސްޕެއިންގެ ރިއަލްމެޑްރިޑް އާއި ވާދަ ކުރި މެޗުން އުނދަގޫ މޮޅެއް ހޯދައި ރިއަލް ކުއާޓާގެ ފުރުސަތު ބޮޑު ކޮށްފިއެވެ.

އަޔެކްސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗް ރިއަލްމެޑްރިޑް އިން ކާމިޔާބުކޮށްފައިވަނީ 1-2 ލަނޑުގެ ނަތީޖާއަކުންނެވެ.

ރޭގެ ކުޅުނު ފޯރިގަދަ މިމެޗުގައި ދުނިޔޭގެ ޗެމްޕިއަނުންނަށް މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވި ނަމަވެސް ރިއަލް އިން ވަނީ މެޗުގެ 60 ވަނަ މިނެޓްގައ ކަރިމް ބެންޒެމާ ކާމިޔާބު ކޮށްދިން ގޯލުން މެޗުގެ ލީޑު ނަގާފައެވެ.

ބެންޒެމާގެ ގޯލުން ރިއަލް ލީޑު ނެގިނަމަވެސް އަމިއްލަ ސަޕޯޓަރުން ކުރީމަތީގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އަޔެކްސްއިން ވަނީ މެޗްގެ 75 ވަނަ މިނެޓްގައި ހަކީމް ޒިޔެކް ކާމިޔާބުކޮށްދިން ގޯލުން ދުނިޔޭގެ ޗެމްޕިއަން ސިއްސުވާލައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މެޗް ނިމެން އެންމެ ތިން މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކޯ އަސެންސިއޯ ވަނީ މެޗު ނިމެން ތިން މިނެޓްއަށް ވެފައި ވަނިކޮށް މެޗުގެ ލީޑު ރިއަލްއަށް ހޯދައިދީ ކުއާޓާގެ އުންމީދު އާކޮށްދީފައެވެ.

ތޭރަ އަހަރު ފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ވާދަކުރި އަޔަކްސް މެޗުން ބަލިވި ނަމަވެސް އެޓީމުން ވަނީ މެޗުގައި ރެއާލްއަށް ވުރެ މޮޅަށް ކުޅެ އެ ޓީމަށް ވުރެ ގިނަ ހަމަލާ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ.

ރޭގެ މެޗަކީ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެ ޓީމަށް ކުޅެދިން 600 ވަނަ މެޗެވެ. މެޗްގެ ފަހު ހާފްގައި ރާމޯސް އަށް ދެއްކި ރީނދޫ ކާޑާއެކު އޭނާ ވަނީ އަމިއްލަ ދަނޑުގައި މިދެޓީމް ކުޅޭ މެޗަށް ސަސްޕެންޑްވެފައެވެ