English Edition
Dhivehi Edition

ކާރަކީ މިހާރަކަށް އައިސް ކޮންމެ މީހަކުވެސް ދުއްވާލަން ބޭނުންވާ އެއްޗެކެވެ. އެގޮތުން އަމިއްލަ ކާރެއް އޮތުމަކީ ދެކޭ ހުވަފެނެކެވެ. ހަމަ އެއާއި އެކު އަގު ބޮޑު ކާރުތައް ގެންގުޅޭ މީހުން ކިތައްމެހާ ވެސް ގިނަ އެވެ. ނަމަވެސް ސުވާލަކީ ކާރު ގެންގުޅޭ އެންމެންނަށް ކާރުގައި ހުންނަ ބައެއް މުހިއްމު ކަންކަން އެނގޭ ހެއްޔެވެ.

ކާރަކީ ޓެކްނޮލަޖީއިން ފުރިފައިވާ އެއްޗެކެވެ. ނަމަވެސް އެކަން އެނގެނީ އެބޭނުން ކުރާ މީހުންގެ ތެރެއިން މަދު ބަޔަކަށެވެ. އަދި ހަމަ އެއާއެކު ކާރުގައި ހުންނަ ބައެއް އާންމު ކަންކަން ވެސް އެނގެނީ ވަރަށް މަދު ބަޔަކަށެވެ.

ކާރަށް ތެޔޮ އަޅަން ގޮސް ތެޔޮ އަޅާތަން ހުންނަނީ ކޮން ފަޅިއެއްގައި ކަން ޔަގީން ނުވެގެން އެތައްބަޔަކު އުޅެއެވެ. އަދި ހާއްސަކޮށް އާ ކާރަކަށް އަރާއިރު މި އިހްސާސް ކުރެވެއެވެ. ނަމަވެސް އެއީ ވަރަށް ފަސޭހަ ކަމެކެވެ. ތެޔޮ މަދުވި ކަން ދައްކައިދޭ މީޓަރުގެ މެދުގައި ކުރަހާފައި ހުންނަ ތެޔޮ ޕަމްޕްގެ އެއް އަރިމަތީގައި އަބަދުވެސް ތީރެއް ކުރަހާފައި ހުންނާނެއެވެ. އެއިން ރަމްޒުކޮށްދެނީ އެތީރު ހުންނަ ފަޅީގައި ތެޔޮ އަޅާ ތަން ހުންނަ ކަމެވެ.

ޓައިރަކީ އާއްމުކޮށް ކާރުގައި ބަދަލުކުރަން ޖެހޭ އެންމެ އާންމު އެކައްޗެވެ. ނަމަވެސް ގިނަ ފަހަރަށް ގަރާޖުން ޓައިރު ބަދަލު ކުރާއިރު އެކަން ކުރަނީ އެންމެ ރަނގަޅަށްތޯ ބަލަންތޯ އެވެ. އާ ޓައިރެއް ގަންނަ އިރު ޓައިރުގެ އަރިމަތީގައި ރީނދޫ ނުވަތަ ރަތްކުލައިގެ ނިޝާނެއް ޖަހާފައި ހުންނަތަން ފެނޭ ހެއްޔެވެ. އެތަނަކީ ޓައިރަށް ވައި ޖަހާ ދުލާ ދިމާކުރުމަށް ހާއްސަ ކޮށްފައި ހުންނަ ތަނެވެ. އަދި ޓައިރުގެ އެހެން ތަންތަނަށް ވުރެ އެތަން ހަދާފައި ހުންނާނީ ވަރުގަދަކޮށެވެ. މިގޮތަށް ޓައިރު ލެއްވުމުން ފުރޮޅު ބެލެންސްވުން ބޮޑުވާނެއެވެ.

ފްލައިޓާއި ކާރަކީ ގާތްގަނޑަކަށް އެއްކަހަލަ އެއްޗެކޭ ބުނުމުން ހައިރާން ވެދާނެއެވެ. ނަމަވެސް މިއީ ހަމަ ހަގީގަތެކެވެ. ފްލައިޓެއް ވެއްޓި ނުވަތަ ހާދިޘާއެއް ހިނގުމުން ތަހްގީގުކުރާ ފަރާތްތަކުން އެންމެ މުހިއްމު އިސްކަމެއް ދޭނީ ކަޅު ފޮށި ހޯދުމުގައެވެ. އެއީ އެފްލައިޓަށް ދިމާވި ހުރިހާ ކަމެއް އެއިން ދެނެގަނެވޭނެތީ އެވެ. ހަމަ އެގޮތަށް ކާރުގައި ވެސް މިހަކަލަ ކަޅުފޮށްޓެއް ހުރެއެވެ. އަދި ފްލައިޓްގެ ކަޅުފޮށްޓެކޭ އެއްގޮތަށް ކާރުގެ ކަޅުފޮށްޓަކީ ވެސް ވަރުގަދަކޮށް ހަދާފައި ހުންނަ، ގެއްލުން ލިބުން ކުޑަ އެއްޗެކެވެ. އަދި ކާރުގައި ދައްކާ ވާހަކަތައް ރިކޯޑް ނުކުރި ނަމަވެސް އޭގެ އޮޕަރޭޝަންސްގެ ހުރިހާ ކަމެއް ރެކޯޑް ކުރެވެއެވެ. އެހެންކަމުން މިއީ ކާރު އެކްސިޑެންޓްތައް ތަހްގީގު ކުރުމަށް ބޭނުންކުރެވިދާނެ ވަރަށް މުހިއްމު އެއްޗަކަށް ވެދާނެއެވެ.

އާކާރެއް ގަންނަން ގޮސް ވަރަށް ގިނަ ސުވާލު ކުރެވެއެވެ. އެގޮތުން ކާރު އުފެއްދި ތާރީހަކީ ކޮންމެހެން ބަލާލަން ބޭނުން ވާ ކަމެކެވެ. ގިނަ ފަހަރަށް ކާރު ވިއްކާމީހާ މިތާރީހް ރަނގަޅަށް ނުބުނެފާނެ އެވެ. ނަމަވެސް ގަންނަ މީހާ އަކީ ސްމާޓް މީހެއް ނަމަ މިކަހަލަ ސުވާލު ނުކޮށްވެސް ހަމަޖައްސާލެވިދާނެއެވެ. ކާރުގައި ހުންނަ ސީޓް ބެލްޓްގައި އެކާރެއް އުފެއްދި ތާރީހް ވަރަށް ތަފްސީލްކޮށް ލިޔެފައި ހުންނާނެއެވެ. އެގޮތުން ބެލްޓްގެ ތިރީ ކޮޅުގައި ހުންނަ ލޭބަލް ބަލާލާށެވެ.

އާކާރެއް ގަތުމުގެ ކުރިންނާއި، ކާރު ބޭނުންކުރާއިރު މިކަހަލަ ކުދި ކުދި ނަމަވެސް މުހިއްމު ކަންކަން ދެނެގަންނާށެވެ. މިކަހަލަ ކަންކަމުން ކާރު ބޭނުންކުރަން އިތުރަށް ފަސޭހަވެ، ލަދު ގަންނަން ޖެހޭ ކަހަލަ ހާލަތްތަކުން ސަލާމަތް ވެވިދާނެއެވެ.