English Edition
Dhivehi Edition

ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި މައްސަލަ ބެލުމަށްފަހު ގޯހެއް އުޅޭނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ފައިސާތައް މީހުންގެ އެކައުންޓްތަކަށް ޖަމާކުރަން ބޭނުންކުރި އެސްއޯއެފް ކުންފުނިން މިނިސްޓަރަށް 33000 އެމެރިކާ ޑޮލަރު ނުވަތަ 508،860 ރުފިޔާ ދިން ކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ރިޕޯޓުގައި މަހްލޫފްގެ ނަން ހިމަނާފައިވާތީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

މިނިސްޓަރު މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތަކީ ފައިސާ މާރުކުރުމުގެ ސައްހަ މުއާމަލާތެއް ކަަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އޭސީސީން މަހްލޫފަށް ފޮނުވި ސިޓީއާއި މަހްލޫފް އޭސީސީއަށް ފޮނުއްވި ސިޓީ ވެސް ހިމަނުއްވާފަ އެވެ. އަދި މިކަމާ ގުޅޭގޮތުން މަހުލޫފް ނެރުއްވި ބަޔާންވެސް ވަނީ ހިމަނާފައެވެ.އެންޓި ކޮރަޕްޝަން ކޮމިޝަނަށް މަހުލޫފް ސިޓީ ފޮނުއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި މަހުލޫފްގެ ސިޓީއަށް އޭސީސީން ޖަވާބު ދީފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ފައިސާތަކަކީ ސައްހަ ވިޔަފާރީގެ މުއާމަލާތެއްގެ ތެރެއިން އެކައުންޓަށް ވަދެފައިވާ ޑޮލަރު ކަމަށް ވިދާޅުވެ މަހުލޫފް ނެރުއްވި ބަޔާންގައި ބުނެފައިވަނީ އެސްއޯއެފްގެ ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި، އޭނާގެ އެކައުންޓް ހިމެނޭކަން އެނގުނީ ވަރަށް ފަހުން ކަަމަށާއި އެކަން އެނގުނު ހިސާބުން، ތަފްސީލާއެކު އޭސީސީއަށް އެ މުއާމަލާތާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މި މުއާމަލާތް ހިންގާފައި ވަނީ 31 އޮގަސްޓް 2014 ވަނަ އަހަރު ކަމަށާއި، އެެއީ މީގެ ފަސް އަހަރުކަމުން އެކަމާއި މެދު ކުޑަވެސް ފަރުވާލެއް ބެހެއްޓިފައިނުވާކަމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މަހުލޫފް ވިދާޅުވީ، އެސްއޯއެފްއާއެކު ހިންގި މުއާމަލާތަކީ ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖް މުއާމަލާތެއް ކަމަށާއި އެ މުއާމަލާތަކީ އަޅުގަނޑުގެ އާއިލާއިން “ދަ ޖީންސް”ގެ ނަމުގައި ފިހާރައެއް ހިންގިއިރު، އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުބީން މެދުވެރިވެގެން ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖް މުއާމަލާތެއް ކަމަށް ވެސް މަހުލޫފްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މަހުލޫފްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އޭނާއަކީ ކޮރަޕްޝަނާއި ދެކޮޅަށް މިދިޔަ ފަސް އަހަރު ދުވަހު މަސައްކަތް ކުރި މީހަކަށްވެފައި، މިވަގުތު ވަޒީފާ އަދާކުރަމުންދާ ވަޒީފާގެ ގޮތުން، އެކަން އެނގުނު ހިސާބުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާކަަމަށެވެ.

އެސްއޯއެފް އިން ފައިސާ ދިން ފަރާތްތަކުގެ ތެރޭގައި މަހްލޫފްގެ ނަން ހިމަނާފައިވީ ނަމަވެސް މަހްލޫފަށް ގިނަ އަދަދެއްގެ ޑޮލަރު ދީފައި ވަނީ ކީއްކުރަން ކަމެއް އޭސީސީގެ ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ.

މަހްލޫފްގެ އިތުރުން އެސްއޯއެފް އިން ފައިސާ ލިބުނު މީހުންގެ ތެރޭގައި 150 އަށް ވުރެ މީހުން ހިމެނެ އެވެ.