English Edition
Dhivehi Edition

ބިދޭސީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާ ބެހޭ މަސައްކަތްތައް މޯލްޑިވްސް އިމިގްރޭޝަންގެ އަތުން އަތުލައި އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއް ގައި ބުނީ ބިދޭސީންނާ ގުޅޭ ޚިދުމަތްތައް އަންނަ މާޗް މަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

މިބަދަލު ގެންނަނީ ލޭބަރ އެންޑް އެމްޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިގޮތުން އިމިގްރޭޝަނުން ދެމުންދާ ބައެއް ޚިދުމަތްތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވާއިރު އެކަން ކުރާނީ ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު އަންނަނީ ކުރަމުން ކަމަށެވެ. އެމިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީވުމުގެ މަސައްކަތްތަކާއި، ކޯޓާ ހަމަޖައްސައިދިނުމާއި، އެމްޕްލޯއިމެންޓް އެޕްރޫވަލް ދިނުމާއި، ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުމެވެ.

ބިދޭސީންނާ ގުޅޭ މައިގަނޑު ޚިދުމަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު ކުރިން އެ މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ އެހެން ބައެއް ކަންކަން ވެސް މިހާރު ވަނީ އެ ތަނުގެ ދަށަށް ގެނެސްފަ އެވެ. އެގޮތުން ރާއްޖޭގެ ރަށްތަކާ ގުޅޭ ހުރިހާ ކަމެއް މިހާރު ބަލަހައްޓަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

ބިދޭސީން ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދިނުމާ ބެހޭ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ. އަދި ބިދޭސީންގެ ކަންކަން ބަލަހައްޓަމުންދާ އިމިގްރޭޝަނުގެ ބައެއް މުވައްޒަފުންގެ މައްޗަށް މިމައްސަލާގައި ބޮޑެތި ތުހުމަތުތައް ވެސް ކުރެވެއެވެ.