English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ މުލިމަތި ޔުނައިޓެޑް އިން އިސްނަގައިގެން މީދޫގެ ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމުގެ ގޮތުން ކުލަލުމުގެ ހަރަކާތްތަކެއް ބާއްވައިފިއެވެ

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ފެށި މި ހަރަކާތުގައި ޖަމިއްޔާގެ ގިނަ އަދަދެއްގެ މެމްބަރުންގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުންވަނީ ބައިވެރިވެފައެެވެ.މުލިމަތި ޔުނައިޓެޑްއިން އިސްނަގައިގެން ފެށި މި ހަރަކާތައް އައްޑޫ ސިޓީ ކައުންސިލުން ބޮޑު އެއްބާރުލުމެއް ދެއްވާފައިވާއިރު، ބަނދަރު ސަރަހައްދުގައި ކުލަލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދީފައިވަނީ ކައުންސިލުންނެވެ.

މި ހަރަކާތާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޖަމިއްޔާގެ ރައީސް އަބްދުﷲ ވަސީމް ބުނީ މިއީ ރަށުގެ ބަނދަރުމަތި ސަރަހައްދު ރީތިކޮށް ޒީނަތްތެރިކުރުމުގެ ގޮތުން ފެށި މި ފަދަ ފުރަތަމަ ހަރަކާތްކަމަށާއި ކުރިއަށް އޮތްތަނުގައި އެ ސަރަހައްދު ޒީނަތްތެރިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. “މިހާރު ފާރުތަކުގަ ލާފައިވާ ކުލަތައް ގިނަ ދުވަސްވުމުގެ ސަބަބުން ހަޑިވެފައިވާތީ ޒީނަތްތެރިކުރުމުގެ މަސައްކަތް މި ފެށީ. މި ޖަމިއްޔާގެ އިސްނެގުމަށް އެއްބާރުލުން ދެއްވާ މިކަމުގައި އެހީވެދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވަން”އަބްދުﷲ ވަސީމް ބުންޏެވެ

އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިހަރަކާތުގައި، މިއަދުވެސް ކުލަލުމުގެ މަސައްކަތް މެންދުރުފަހު 14:00 އިން ކުރިއަށްދާނެކަމަށް ޖަމިއްޔާއިންވަނީ ބުނެފައެވެ. އަދި މިކަމުގައި ރަށުގެ ވީހާވެސް ގިނަ ރައްޔަތުން ބައިވެރިވުމަށް ޖަމިއްޔާއިންވަނީ އެދިފައެވެ.