English Edition
Dhivehi Edition

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ ހަތަރު ގުނަ ބޮޑުކުރަން ހުށަހަޅައިފި އެވެ.

އިންޑިއާގެ ދައުލަތުގެ ބަޖެޓް, ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވަމުން އެގައުމުގެ ފިނޭންސް މިނިސްޓަރު ޕިޔުޝް ގޮޔާލް ވިދާޅުވީ މިއަހަރު ރާއްޖެއަށް 575 ކްރޯޑް ރުޕީސް (1.2 ބިލިއަން ރުފިޔާ) ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ހިލޭ އެހީކަމެއް ނުވަތަ ނޫންކަމެއް އޭނާ ވިދާޅެއް ނުވެއެވެ. މިވަރުގެ އެހީއެއް އިންޑިއާ އިން ރާއްްޖެއަށް ދޭނެ ކަން މުޅިން ޔަގީން ވާނީ ބަޖެޓް ފާސްވުމުންނެވެ.

އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ ބޮޑުކުރަން ނިންމާ، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އެ ގައުމުގެ އަހަރީ ބަޖެޓްގައި ވަނީ އަދަދުތައްވެސް ހިމަނާފަ އެވެ.

އިންޑިއާ އިން މިދިޔަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ދޭން ނިންމާ، އެގައުމުގެ އަހަރީ ބަޖެޓްގައި ހިމަނާފައިވަނީ 125 ކްރޯޑް ރުޕީސް ނުވަތަ 1.2 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އިންޑިއާ އިން ރާއްޖެއަށް އެހީގެ ގޮތުގައި ދިނުމަށް މިހާރު ހުށަހަޅާފައިވާ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 460 ޕަސެންޓް އިތުރު އަދަދެކެވެ.

އިންޑިއާ އިން މިއަހަރު އެކި ގައުމުތަކަށް ދޭ އެހީގެ ގޮތުގައި 4.8 ބިލިއަން ޑޮލަރު ދިނުމަށް ބަޖެޓްގައި ހިމަނާފައިވާއިރު އެންމެ ބޮޑު އެހީއެއް ދިނުމަށް ހަމަޖައްސާފައިވަނީ ބޫޓާނަށެވެ. އެގޮތުން ބޫޓާނަށް 1.6 ބިލިއަން ޑޮލަރު ދިނުމަށް އިންޑިއާ އިން ވަނީ ނިންމާފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް ދޭ އެހީ އިތުރުކުރުމަށް ނިންމާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އިބްރާހީމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވާން ފަށާފައި ވަނިކޮށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ވެސް އިންޑިއާ އަށެވެ.

ޓެގު