English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދޭ “ރެހެންދި އެވޯޑު” އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ޖެންޑާ މިނިސްޓްރީންދޭ އަންހެނުންނަށް ދޭ ހާއްސަ އެވޯޑެކެވެ.
“ރެހެންދި އެވޯޑް” ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 10 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރެހެންދި އެވޯޑަށް އަމިއްލަ ގޮތުންނާއި އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި މުވައްސަސާ، އޮފީސް އަދި ކުންފުނިތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ. މި އެވޯޑަށް ކުރިމަތިލާ ފަރާތްތައް ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީ އިން ކަނޑައަޅާ ހާއްސަ ކޮމެޓީ އަކުންނެވެ. ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޖެންޑާ މިނިސްޓްރީ އިން ދޭ ހާއްސަ ޝީލްޑަކާއި ގައުމީ އެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހާއްސަ ބްރޫޗެކެވެ.

މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފްސީލު ރެހެންދި އެވޯޑަށް ނަން ހުށަހަޅާ ފޯމުގައި ހިމަނާފައިވާނެކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:00އިން މެންދުރުފަހު 14:00އަށް، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިންކަމަށެވެ.

މިފަހަރުގެ ރެހެންދި އެވޯޑު ދެ ދާއިރާ އަކުން ދޭން ނިންމާފައިވެއެވެ. އެއީ އާންމު ފަރުދުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ކެޓަގަރީ އާއި މުވައްސަސާތަކުންނާއި ވަޒީފާ ދޭ ފަރާތްތަކުން ހުށަހަޅާ ފަރާތްތަކުގެ ކެޓަގަރީ އެވެ. ޖުމްލަ ހަތް ދާއިރާ އަކުން މިއަހަރު ރެހެންދި އެވޯޑް ދޭނެއެވެ.