English Edition
Dhivehi Edition

އެފްއޭއެމް އިން މިހާރު ކަންތައް ކުރަމުން ދަނީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވީމަ ގޮނޑި ގެއްލުވާލި އުސޫލުން ކަމަށްމިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ ޑެވެލޮޕްމެންޓް، އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ

މަހްލޫފް މިހެން ވިދާޅުވީ ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ސަސްޕެންޑު ކުރި ކަމަށް އަންގައި އެފްއޭއެމް އިން އިއްޔެ ނެރުނު ބަޔާނާ ގުޅިގެންނެވެ. އެފްއޭއެމްގެ ބަޔާނަށް ރައްދު ދެއްވަމުން މަހުލޫފް ވިދާޅުވީ އުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަކީ އެފްއޭއެމް ގަ ހުރި މައްސަލަތައް ފާހަގަކޮށް އެކްސްޓުރާ އޯޑިނަރީ ކޮންގުރެސް އެއް ބޭއްވުމަށް ލީޑު ކުރި ކުލަބްކަމަށެވެ

އިއްޔެ އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން 27.01.2019 ހަމައަށް 10 ކުޅުންތެރިންނަށް ދޭންޖެހޭ ޖުމްލަ 3.8 މިލިއަން ދިވެހިރުފިޔާއަށްވާ މުސާރައާއި އުޖޫރަ، ނިއު އިން ދައްކާފައިނުވާކަމަށެވެ. އަދި އެކަމާއި ގުޅިގެން އެކިފަހަރު މަތިން އެފްއޭއެމްގެ ޕްލެޔަރ ސްޓޭޓަސް ކޮމެޓީއަށް ހާޒިރުކުރެވި، މައްސަލަ ހުށައެޅިފައިވާ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އެތައް މުހުލުތުތަކަކާއި ފުރުސަތެއް ދެވުނުނަމަވެސް އެކަންކަން ކޮށްފައިނުވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން ކުޅުންތެރިންގެ މުސާރައިގެ މައްސަލާގައި ހިންގާ ގަވައިދުގެ 14 މާއްދާގެ ދަށުން އެ ކްލަބް ސަސްޕެންޑްކޮށްފައިވާކަމަށާއި، މި ސަސްޕެންޝަން ކުޅުންތެރިންގެ މުސާރަ ދައްކާ ހަލާސްކުރުމާއި ހަމަޔަށް ދެމި އޮންނާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ

ފުޓުބޯޅައިގެ ތެރެއަށް ސަރުކާރުން ވަދެ ނުފޫޒު ފޯރުވާނަމަ ފީފާއިން އެ ގައުމަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ފީފާއިން ބުނެފައިވާއިރު ސަރުކާރުންނާއި އެފްއޭއެމްއިން ދަނީ އެއްފަރާތުން އަނެއް ފަރާތައް ބޮޑެތި ތުހުމަތުތަކެއް ކޮށް ރައްދު ދެމުންނެވެ