English Edition
Dhivehi Edition

ދިވެހި ސިފައިންނަށް ޤާނޫނާ ޚިލާފު އަމުރުތަކެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލީހް ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ 64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންނަށް ހުވާލައި ދިނުމާއި ބަޑި ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިފައިންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅު ގައެވެ.

އަސާސީ ތަމްރީން ފުރިހަމަކޮށް ހުވާކުރެއްވި ސިފައިންނަކީ ވެސް، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ، ބައެއްކަން ޔަޤީންކުރައްވާކަމުގައި ވިދާޅުވެ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ވަރުގަދަ ޢަޒުމެއްގެ މަތީގައި، ސާބިތުވެ ތިއްބެވުމަށް މިރޭ ހުވާކުރެއްވި ސިފައިންނަށް ސިފައިންގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ 64 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޙަޔާތުގެ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވިޔަސް، ސިފައިންގެ މީހަކަށް ވެވިއްޖެ މީހަކީ، މުޅި ޙަޔާތުގައި ވެސް ސިފައިންގެ މީހެއްކަން ހަނދާނުގައި ބަހައްޓަން ވާނެކަމަށާއި، ދިވެހި ސިފައިންގެ، 127 އަހަރުގެ މާޒީ ކަށަވަރު ކޮށްދެނީ، ދިވެހި ސިފައިންނަކީ ދުވަހަކު ވެސް، ޤައުމަށް ޣައްދާރުވާނޭ ބައެއް ނޫންކަމުގައެވެ.

“ޤައުމެއްގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ބަހާއަކީ، ކުޅަދާނަ ފަހުލަވާނުން ހިމެނޭ ލަޝްކަރެއް އޮތުން. ސިފައިންގެ އެންމެ މުހިންމު ވާޖިބަކީ ތާއަބަދު ހަނގުރާމަ ކުރުމެއް ނޫން. ހަނގުރާމައިގެ ނަޞްރުން ލިބޭ އުފަލަށް ވުރެ، މިނިވަންކަމާއި ޞުލްޙަވެރިކަން ޤާއިމުވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި ސިފައިންނަކީ، މިނިވަންކަމާއި ޞުލްޙަވެރިކަމާއެކު ބައިނަލްއަޤުވާމީ މުޖްތަމަޢަށް، މި ރާއްޖެއަށް ނޭވާލެވޭ މައިގަނޑު ސަބަބުކަމަށާއި، ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙަ މަސްލަސްކަން ދެމެހެއްޓުމުގައި ވެސް، ސިފައިންގެ މަސައްކަތަކީ އަގު ނުކުރެވޭހާ ގިނަގުނަ މުހިންމު ޚިދުމަތްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ވެސް އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއް ބަޔަކީ ދިވެހި ސިފައިންކަމަށާއި، އެ ވާޖިބު ފުރިހަމައަށް އަދާކޮށްދެއްވަމުން ގެންދަވާތީ، ދިވެހި ހުރިހާ ސިފައިންނަށް އެމަނިކުފާނު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.

ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްތައް ވެސް، މިހާރަށްވުރެ ހަރުދަނާކޮށް، ފަސޭހަކަމާއެކު، އަވަހަށް ޚިދުމަތް ލިބޭނެ ގޮތްތަކެއް ރާއްވަވަމުންގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން، ސިފައިންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެހެންކަމުން، ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތް، މިހާރަށް ވުރެ އަވަސް ކުރުމަށްޓަކައި، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެ ފްލެޓްތައް ނިންމުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިފައިންގެ ތަރައްޤީއާއި ހަށިހެޔޮކަމަށް އަބަދުވެސް ސަރުކާރުން މަސައްކަތް ކުރާނެކަމަށާއި ދިވެހި ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލް ބަޔަކަށް ހެދުމަށްޓަކައި، ރަޙްމަތްތެރި ޤައުމުތަކާ ގުޅިގެން، ތަމްރީންގެ އިތުރު ފުރުސަތުތައް ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގައި، ދިވެހި ސިފައިންނަކީ ނަމޫނާ ބަޔަކަށް ވާންޖެހޭނެކަމަށެވެ. އަދި ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތައް ބުނާގޮތުން، ދިވެހި ސިފައިންނަކީ އިސްލާމީ ޢަޤީދާގައި ސާބިތުވެތިބުމުގެ ފިކުރާއި، ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ފިކުރާ އަދި ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެދިނުމުގެ ފިކުރު ގެންގުޅޭ ބަޔަކަށް ވާންޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.