English Edition
Dhivehi Edition

ހަތްދިހައިގެ އަހަރުތަކުގައި ދިވެހިރާއްޖޭއަށް ފަތުރުވެރިކަން ތައާރަފުވެގެން ދިޔުމާއިއެކު ރާއްޖޭގައި ތަރައްގީގެ މަސައްކަތްތައް ފުޅާވެގެން ދިޔުމުގެ ސަބަބުން ރާއްޖޭގައި ބޭރުމީހުން މަސައްކަތްކުރަން ފެށިއެވެ. އެދުވަސްވަރު ރާއްޖޭގައި މުޅިންހެން މަސައްކަތްކުރަމުން އައީ ގަވާއިދާއި އެއްގޮތަށް ގެނެވިފައިތިބި ޓީޗަރުންނާއި ޑޮކްޓަރުން ފަދަ ފަންނީ މީހުންނެވެ. އެމީހުންގެ ފަރާތުން އަޅުގަނޑުމެން ދިވެހިންނަށް އަގުނުކުރެވޭވަރުގެ ގިނަގުނަ ފައިދާތަކެއް ލިބިގެންގޮސްފައިވެއެވެ. ޚާއްސަކޮށް ރާއްޖޭގެ ތައުލީމާއި ސިއްހީ ނިޒާމު މިފެންވަރަށް ތަރައްގީވެގެން ގޮސްފައިވަނީ އެފަދަ އެތައްބައެއްގެ ގުރުބާނީއާއިއެކު އުފެދިގެންއައި ޖީލުތަކުގެ ސަބަބުންނެވެ. އަދި އޭރު ރާއްޖޭގައި މަސައްކަތްކުރަމުންއައި ބޭރުމީހުންނަކީ ތައުލީމީ ފަންނުވެރިންކަމުން އެމީހުންގެ ސަބަބުން އަޅުގަނޑުމެންނަށް މާބޮޑެތި އިޖުތިމާއީ މައްސަލަތަކެއް ކުރިމަތިވެގެން ގޮސްފައިނުވެއެވެ.

މިއަދު ރާއްޖެ މިވަނީ ތަރައްގީގެ މަގުގައި ވަރަށްބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ތަފާތު އެތައް ސިނާއަތެއް އުފެދި އެއިން ކޮންމެ ދާއިރާއަކުން ގިނަގުނަ ވިޔަފާރިތަކެއް ތަޢާރަފުވެފައި އެބަހުއްޓެވެ. އެއިން ކޮންމެ ދާއިރާއެއްގައި ދިވެހިންނަށް އަދާކުރެވޭވަރަށްވުރެ އިތުރަށް ވަޒީފާތައް ހުރިކަމީ އެންމެން ގަބޫލުކުރާކަމެކެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ރިސޯޓުތަކެއް ހުރުމުންނާއި އިމާރާތްކުރުމުގެ ދާއިރާ ފުޅާވެގެންދިޔުމުގެ ސަބަބުން ބޭރުމީހުންނަށް ބަރޯސާވާންޖެހޭ މިންވަރު މިވަނީ އިތުރުވެފައެވެ. މިދެންނެވި ވަޒީފާތަކައް ބޭނުންވާ ފަންނީ މީހުންނާއި މަސައްކަތުމީހުން ރާއްޖެއިން ބޭރުން ގެނައި ނަމަވެސް އެމީހުންގެ ފަރާތުން ރާއްޖޭގެ އިގްތިސާދަށް ލިބިގެންދާނީ އިތުރު ކުރިއެރުމެވެ. ނަމަވެސް ހިތާމައަކީ މިއަދު ރާއްޖެ މިވަނީ މުޅިންއެހެން ދިމާލަކަށް މިސްރާބުޖަހާފައިކަމެވެ. މިއަދު ރާއްޖެ ވެފައިމިވަނީ ހިއުމަން ޓްރެފިކިންގެ ބޮޑު ހާއްޔަކަށެވެ. ރާއްޖޭގެ އާބާދީއަށްވުރެ މިއަދު ރާއްޖޭގައި ބޭރުމީހުން ގިނައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި އޭގެތެރެއިން ބޮޑުބައެއް އެއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭމީހުންނެވެ. މިމީހުންގެ ޖުމްލަ އަދަދު ރާއްޖޭގެ ކަމާއިބެހޭ އެއްވެސް އިދާރާއަކަށް ޔަގީންކަމާއިއެކު ބަޔާންކޮށްދެވެން ނެތުމަކީވެސް ބޭރުމީހުންގެ މައްސަލަ ރާއްޖޭގައި ބޮއްސުންލާފައިވާ މިންވަރު ހާމަވެގެންދާކަމެކެވެ. އެހެހެންކަމުން ބޭރުމީހުންގެ މައްސަލަ ރާއްޖޭގައި މިހާބޮޑުވާން މެދުވެރިވި ސަބަބުތަކައް ބަލައިލަމާ ހިގާށެވެ.

  • ކުޑަ މުސާރައަކަށް ބޭރުމީހުން ގެނެވެން އޮތުން

ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން 100-200 ޑޮލަރަށް ބޭރުމީހުން ގެނެވެއެވެ. ނަމަވެސް އެބޭރުމީހާއަށް ކުރަންޖެހޭ އިތުރު ޚަރަދުތަކާއިމެދު އަހަރެމެން އެއްވެސް ދިވެއްސަކު ވިސްނާނުލައެވެ. ބޭރުމީހެއް ވިއްޔާ އޭނައަށް މުސާރައިގެ އިތުރުން ކެއުމާއި ނިދުމާއި ބޭސްފަރުވާއާއި ދެކޮޅު ޓިކެޓް ހަމަޖައްސައިދޭންޖެހެއެވެ. އަދި އެގެންނަ ބޭރުމީހާގެ ވިސާފީ އާއި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކަމާއިބެހޭ އިދާރާތަކައް ފައިސާ ދައްކަންޖެހެއެވެ. މިދެންނެވި ހުރިހާ ޚަރަދެއް އެއްކޮށްލުމުން އެއިން ކޮންމެ މީހަކަށް މަދުވެގެން ދިހަހާސް ވަރަކަށް ރުފިޔާ ޚަރަދުކުރަންޖެހޭއިރު އެއަދަދާއި ގާތްކުރާ މުސާރައެއް ދީގެން ދިވެހި މުވައްޒަފުން ގެންގުޅޭނަމަ ތިމާއަށާއި ގައުމަށް ލިބޭ މަންފާ ބޮޑުވާނެކަމީ ޝައްކެތްއޮތްކަމެއް ނޫނެވެ. ނަމަވެސް މިކަމާއިމެދު އެއްވެސް ވަރަކަށް ވިސްނާނުލައި އަޅުގަނޑުމެން މިގެންދަނީ ބޭރުމީހުން ގެންނަމުންނެވެ.

  • ކަމާއިބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމުގައި “ފަސޭހަ” ގޮތްތަކެއް އޮތުން

ރާއްޖޭގައި ބޭރުމީހުން މަސައްކަތްކުރުމާއި ގުޅޭގޮތުން ރަނގަޅު ގަވާއިދުތަކާއި އުސޫލުތައް ހުއްޓަސް އޭގެ ނަހަމަ ބޭނުންކުރުމުގެ ފުރުޞަތު އެބައޮތެވެ. އެގޮތުން އިއުލާނުކޮށްގެން ވަޒީފާއަކަށް ދިވެއްސަކު ނުލިބުނުކަމަށް ބުނެ ހުށަހެޅުމުން ކޯޓާ އެބަލިބެއެވެ. އަދި އެކިއެކި ޕްރޮޖެކްތައް ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަހެޅުމުން ނުވަތަ އެޕްރޮޖެކްޓްތަކައް ބޭނުންވާ އަދަދަށްވުރެ އިތުރަށްވެސް ކޯޓާ އެބަލިބެއެވެ. އަދި ކުންފުނިތަކައް ވެސް ވަކިއަދަދަކަށް ކޯޓާ ހަމަޖެހެން އޮންނާތީ ޕޭޕާރ ކުންފުނިތައް އުފައްދައިގެންވެސް ކޯޓާ ލިބެއެވެ.

  • ބޭރުމީހުން ގެނައުމުގައި ޝާމިލުވާ ފަރާތްތަކައް ބޮޑެތި ކޮމިޝަންތައް ލިބެންއޮތުން

ބޭރުމީހުން ރާއްޖެ އަންނަނީ އެމީހުންގެ މުދަލާއި ގެދޮރު މޯގޭޖުކޮށްގެން ލޯނުނަގައިގެނެވެ. އެފައިސާއިން އޭނަ ރާއްޖެ ފޮނުވުމަށް އެހީތެރިވެދޭ މީހާއާއި ރާއްޖޭއިން އޭނަ ގެންނަން އެހީތެރިވާ މީހާއަށް ހާހެއްހާ ޑޮލަރަށްވުރެ ބޮޑު ކޮމިޝަނެއް އެބަ ދެއެވެ. ކޮމިޝަނުގެ ގޮތުގައި ލިބޭފައިސާއިން ބައެއް، އެޖެންޓުން ހޭދަކުރާކަމަށްވަނީ ކަމާއިބެހޭ އިދާރާތަކުގެ މުވައްޒަފުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ހޯދުމަށެއެވެ. އެހެންކަމުން ރާއްޖެއަށް ބޭރުމީހުން އެތެރެކުރުމަކީ ބޮޑުމަންފާއެއް ލިބޭ ކަމަކަށްވާތީ އެއްވެސް ބެލުމެއްނެތި އެކަންކުރަމުންދަނީއެވެ.

  • ދިވެހި މުވައްޒަފުން “ކަމުނުދިއުން”

ގިނަ ދިވެހި ވިޔަފާރިވެރިންގެ ނަޒަރުގައި ދިވެހިންނަކީ ވަޒީފާއަށް ވަރަށް ފަރުވާކުޑަ ބައެކެވެ. އެމީހުން ބުނާގޮތުންނަމަ ދިވެހިން ގަވާއިދުން ވަޒީފާއަށް ނުނިކުތުމާއި ގިނައިރު މަސައްކަތުގައި ނޫޅުން ފަދަ މައްސަލަތައް ހުރެއެވެ. ނަމަވެސް މިސަރަހައްދަށް ބެއްޔަސް ދިވެހިންނަކީ މުރާލި، ހީވާގި، ވިސްނުންތޫނު އަދި ތައުލީމީ ބައެކެވެ. މައްސަލައަކަށް މިދިމާވަނީ ދިވެހި މުވައްޒަފުގެ އާއިލާ ނުވަތަ އަނބިދަރިންނަށް ކަމެއް ދިމާވުމުން އޭނަ ވަޒީފާއަށް ނައުމާއި ރެޔާއި ދުވާލު ވަކި ވަގުތެއް ނެތި މަސައްކަތް ނުކުރުމެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ މީހަކުވެސް ކާންބޯން މަސައްކަތްކުރަނީ އެމީހެއްގެ އާއިލާއަށްޓަކައި ކަމަށް ވުމުން އެމީހަކު އެންމެ އިސްކަމެއްދޭނީ އޭނަގެ އާއިލާއަށްކަމެވެ. އަދި ދިވެހިންނަކީ ތައުލީމީ ބަޔަކަށްވާތީ ވަޒީފާއާއިބެހޭ ގާނޫނާއި ގަވާއިދުތަކައް އެމީހުން ފަރިތަވާނެކަމެވެ. ވަޒީފާއަށް ގެންނަ ބޭރުމީހާ އުޅެމުންދަނީ އޭނަގެ އާއިލާއާއި ވަކިން ދުރު ގައުމެއްގައި ކަމުން އާއިލާއަށް ދިމާވާ ކޮންމެކަމެއްގައި އޭނައަށް ޝާމިލުވެވެން ނޯންނާނެއެވެ. ރާއްޖޭގައި ވަޒީފާއަދާކުރާތަން ފިޔަވައި ދާނެ ނުވަތަ ކުރާނެ އިތުރުކަމެއް އޭނައަށް ނޯންނާނެއެވެ. އެހެންކަމުން “ބޮސް” އަންގާ ކޮންމެ ގަޑިއެއްގައި ކޮންމެ ތަނެއްގައިވެސް މަސައްކަތްކުރުމަކީ އެމީހުންނަށް މާބޮޑު މައްސަލައަކަށް ނުވެދާނެއެވެ. ނަމަވެސް އެމީހުންނަށް މަސައްކަތް އެނގޭ މިންވަރާއި އެމީހުންލައްވައި ކުރުވާ މަސައްކަތުގެ ފެންވަރާއި އަވަސްމިން އެންމެ ރަނގަޅަށް އެނގޭނީ އެމީހުންލައްވައި މަސައްކަތްކުރުވާ ބަޔަކަށެވެ. ފަހަރުގައި ދިވެހި ވިޔަފާރިވެރިންނަށް ދިވެހި މުވައްޒަފުން ކަމުނުދަނީ ވިޔަފާރީގެ ސިއްރުތަކާއި އާމްދަނީގެ މިންވަރު އެމީހުންނަށް ހާމަކުރަން ބޭނުންނުވާތީ ކަމަށްވުންވެސް އެކަށީގެންވެއެވެ. ނޫންނަމަ އިންސާނީ ހައްގުތަކައް ހުރުމަތްތެރިކޮށް ހިތައި ރާއްޖޭގެ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ދިވެހި މުވައްޒަފުން ލައްވައި މަސައްކަތް ނުކުރުވެންވީ އެއްވެސް ސަބަބެއް ނެތެވެ.

  • ބޭރުމީހުންނަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅުމުގެ ފުރުޞަތުއޮތުން

އަޅުގަނޑުމެން ގިނަމީހުން ދެކެނީ، ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބޭރުމީހުންނަކީ އެމީހުން ރާއްޖެ ގެންނަ ފަރާތުން އަޅާނުލައި ދޫކޮށްލުމުން މަގުމަތިވެފައިވާ ބައެއްކަމަށެވެ. އެއިންމީހަކު ހުއްޓުވައި ސުވާލުކޮށްފިނަމަ “ބޮސް” ކާންނުދޭ ވާހަކައާއި ނިދާނެތަނެއް ނުދޭ ވާހަކައާއި މުސާރަ ނުދޭ ވާހަކަ ނޫން ޖަވާބެއް ނުލިބޭނެއެވެ. އެމީހުން ދެކޭގޮތުގައި އެހިސާބުން އެމީހުންނަށް އެއޮތީ ރާއްޖޭގައި އުޅުމުގެ “ފްރީ” ވިސާލިބިފައެވެ. ނަމަވެސް މިވަގުތު ރާއްޖޭގައި އުޅޭ އެފަދަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ގަސްތުގައި ފިލައިގެން އުޅޭމީހުންކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. އަދި ދުރާލައި އެގޮތަށް ކަންކަން ރާވައިގެން ރާއްޖެއައިސް ތިބި މީހުންވެސް މަދެއް ނުވާނެއެވެ. ސަބަބަކީ އެމީހުން ގަވާއިދުން އުޅުމުން ލިބޭ 200 ޑޮލަރަށްވުރެ ބޮޑު އެއްޗެއް، ގަވާއިދާއި ޚިލާފަށް އުޅުމުން ލިބެންއޮންނާތީއެވެ. ވުމާއެކު ކޮންމެފަދަ ސަބަބަކާއި ހެދި ނަމަވެސް ބޭރުމީހުން ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅުން ހުއްދަކުރެވިގެން ނުވާނެއެވެ.

  • ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުންނަށް މަސައްކަތްކުރުމުގެ ފުރުޞަތުއޮތުން

ރާއްޖެހައި މިނިވަންކަމާއިއެކު ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުންނަށް މަސައްކަތްކުރެވޭ އެއްވެސް ގައުމެއް ދުނިޔޭގައި އޮންނާނެއެކޭ ނުދެންނެވޭނެއެވެ. އަދި އަޅުގަނޑުމެން އެއްވެސް މީހަކު، ވަކިފަރުދެއްވިޔަސް، ކުންފުންޏެއްވިޔަސް ކަމާއިބެހޭ އިދާރާއަކުން ވިޔަސް، ބޭރުމީހަކު ލައްވައި މަސައްކަތެއް ކުރުވާއިރު އެއީ ރާއްޖޭގައި އެމަސައްކަތެއްކުރުމުގެ ހުއްދައޮތް މީހެއްތޯ ބަލައިނުލައެވެ. އެހެންކަމުން އެމީހުން ރާއްޖޭގައި ނުކުރާ އެއްވެސް މަސައްކަތެއް ނެތޭ ދެންނެވުމަކީވެސް ދޮގަކަށް ނުވާނެއެވެ. މިއަދު އޭގެތެރޭގައި ބޮޑެތި ވިޔަފާރިވެރިން އެބަތިއްބެވެ. ދިވެހިންނަށް ލޯނުދޫކުރާ މީހުންނާއި ދިވެހިން އަތުން ތަންތަން ނަގައިގެން ހޮޓާ، ރެސްޓޯރަންޓް ހިންގާ މީހުންނާއި ގެސްޓް ހައުސް ހިންގާ މީހުންނާއި މަސްވެރިކަން ކުރާމީހުންނާއި ދަނޑުވެރިކަންކުރާ މީހުންނާއި ގުރޫޕްތައް ހަދައިގެން އިމާރާތްކުރުމުގެ މަސައްކަތްކުރާ މީހުންވެސް މަދެއްނޫނެވެ. ބައެއް ރަށްރަށުގައި އެމީހުން ގޭގެއަށް ގޮސްގެން ކާއްޓާއި ކުރުނބަލާއި ދޮންކޭލާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެގެން އޮޑިދޯނިފަހަރުގައި މާލެއައިސް މާލޭގެ ބާޒާރުގައި ވިއްކަމުން އެބަގެންދެއެވެ. އަދި އެމީހުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ މިގައުމުން ބޭރުކުރަމުން އެގެންދަނީ ޖީ.އެސް.ޓީ އާއި ވިޔަފާރީގެ ފައިދާއިން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދެއްކުމެއްނެތިއެވެ. ވުމާއެކު ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބޭރުމީހުންގެ ސަބަބުން ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތައް މިއަދު މިއޮތީ ދިވެހިންގެ އަތުން ބީވެގެންގޮސްފައެވެ.

  • ގައުމީ މަސްލަހަތަށްވުރެ އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތު އިސްކުރުން

އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބަލަނީ ކޮންމެ ގޮތަކުން ނަމަވެސް ތިމާއަށް ލިބޭ އެއްޗެއް އިތުރުކުރުމަށެވެ. ތިމާއުޅޭ މުޖުތަމައަށް ތިމާގެ އެއްވެސް ފަރުދީ ޒިއްމާއެއް އޮތްކަމަށް ދެކޭމީހަކު ނެތެވެ. އެހެންކަމުން ލިބޭ ކޮމިޝަނުގެ ބޮޑުކަމުން ވީވަރަކަށް މީހުން އެތެރެކުރަނީއެވެ. ކުޑަމުސާރައަކަށް ބޭރުމީހުން ގެނައުމުން ތިމާގެ ޖީބަށް ވަންނަ ފައިސާ ގިނަވާނެ ކަމަށް ފެންނާތީ މީހުން ގެންނަނީއެވެ. ބޭނުންވަރަކަށް ބޭރުމީހުން ގެންނަން “ފަސޭހަ” އިން ހުއްދަތައް ވެސް ނެގެން އޮންނަނީއެވެ. ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެން ބޭރުމީހުން ދޫކޮށްވެސް ލެވެނީއެވެ. ގަވާއިދާއި ޚިލާފަށް އެމީހުން މަސައްކަތްކުރިޔަސް ފަރުވާލެއް ނެތެވެ. އެމީހުންކުރާ ވިޔަފާރިން ބައިއަޅާގޮތަށް ތިމާގެ ގޯތި ގެދޮރުވެސް ދެނީއެވެ. އެމީހުންނަށް ކާންދީގެންނާއި ނިންދަވައިގެން މަންފާހޯދަނީއެވެ. ކުރުކޮށް ދަންނަވަނީނަމަ ގަވާއިދާއި ޚިލާފަށް ބޭރުމީހުން ރާއްޖެ ލޫޓުވައިގެން ދާއިރު އަޅުގަނޑުމެން މިތިބެނީ އެމީހުންނާއި ބައިވެރިވެގެން އެމީހުންލައްވައި އެކަންކުރުވާށެވެ.

  • ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް

އެއްވެސް އިންސާނެއްގެ އަސާސީ ހައްގަކަށް އަރައިގަތުމަކީ އަޅުގަނޑުވެސް ގަބޫލުކުރާކަމެއް ނޫނެވެ. އެކަމަކު އަޅުގަނޑުމެން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުންގެ ސަބަބުން ދިވެހިންނަށް އިޖުތިމާއީ އަދި އިގްތިސާދީ އެތައްމައްސަލައެއް ކުރިމަތިވެފައިއޮތް އިރު އެވާހަކަ ދައްކާނެ ބަޔަކުނެތެވެ. ނަމަވެސް ބޭރުމީހުންގެ ވާހަކަދައްކައިފިނަމަ އެވާހަކަ ދައްކާމީހާ އަކީ އިންސާނީ ހައްގުތަކައް އަރައިގަންނަ ނުވަތަ ނަސްލީތަފާތުކުރުން ގެންގުޅޭ މީހަކަށް އޮންނަނީ ވެފައެވެ. އެއްވެސް ކުށެއްނެތް މައުސޫމު ބައެއްގެ ހައްގުތަކައް އަރައިގަންނާތީ އެކަމާއި ދެކޮޅަށް ނުކުންނަން އޮންނަނީ ޖެހިފައެވެ. ނަމަވެސް ސުވާލަކީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅުމަކީ ކުށެއް ނޫންތޯއެވެ. ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރުމާއި ވިޔަފާރިކުރުމަކީ ކުށެއް ނޫންތޯއެވެ. ނޫންނަމަ އަޅުގަނޑަށްވެސް، އިންސާނަކަށްވީތީ ވައްކަންކުރުމާއި މަދުފޭރުން ފަދަ ކުށްކުށަށް އަރައިގަތުމުގެ ފުރުޞަތުވެސް އޮންނަންވާނެ ނޫންތޯއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ނަހަމަ ވިޔަފާރިތައް ހިންގަމުން އަންނަނީ ހައްގުތައް ހޯދުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ނިވަލުގައި ތިބެގެންނެވެ. އެއްވެސް ހާލެއްގައި އަޅުގަނޑު މިދަންނަވަނީ ރާއްޖޭގައި މިފަދައިން ކަންކަން ހިނގަމުންދާ ވާހަކައެއް ނޫނެވެ. ނަމަވެސް ހައްގުތައް ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުންވެސް މައްސަލައިގެ ދެފަރާތަށް ރަނގަޅަށް ބަލައި އެހެން ބައެއްގެ ހައްގުތައްވެސް ނުގެއްލޭނެހެން މަސައްކަތްކުރަންޖެހޭ ވާހަކައެވެ.

މިދެންނެވި ކަންތައްތަކައް ބަލާއިރު ރާއްޖޭގައި ބޭރުމީހުންގެ މައްސަލަ މިއޮތީ އިންތިހާއަށް ބޮޑުވެ ގައުމީ މައްސަލައަކަށްވެފައެވެ. ހަގީގަތުގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބޭރުމީހުންގެ ސަބަބުން ހީވެސް ނުކުރާހާ ގެއްލުންތައް ގައުމަށާއި ރައްޔިތުންނަށް ލިބެމުން އެބަދެއެވެ. އެގޮތުން ހަމައެކަނި އެމީހުން ރާއްޖެއިން ބޭރުކުރާ ފައިސާއަށް ބަލައިލި ނަމަވެސް، ދެލައްކައެއްހާ މީހުން، ކޮންމެ މީހަކަށް މަހަކު 200 ޑޮލަރު ބޭރުކުރިޔަސް، އެއީ މިގައުމުން މަހެއްގެ މައްޗަށް ބޭރުވެގެންދާ 40 މިލިޔަން ޑޮލަރެވެ. މިއީ އަދި އެމީހުން ބޭރުކުރާ މިންވަރުގެ ކުޑައަދަދެއްކަން ރަނގަޅަށް ދިރާސާކޮށް ބަލައިލުމުން އެނގޭނެއެވެ. މިދެންނެވި ފައިސާ ދިވެހިންގެ އަތްމައްޗަށް އަރާނަމަ އެފައިސާ ދައުރުވާނީ މިގައުމުގެ އިގްތިޞާދުގައެވެ. އަދި އެފައިސާގެ ބޮޑުބައެއް އަނބުރާ އަނެއްކާވެސް ލިބިގެންދާނީ ދިވެހި ވިޔަފާރިވެރިންނަށެވެ. ހަމައެހެންމެ ބޭރުމީހުންގެ ސަބަބުން އަޅުގަނޑުމެންގެ ބަހާއި އަދަބާއި އަޚްލާގުވެސް ނެތިގެން މިދަނީއެވެ. މަގުތަކުގެ ސާފުތާހިރުކަން ގެއްލި މަގުތަކައް ނިކުމެއުޅެން ވަނީ ދަތިވެފައެވެ. އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަދު ވަސީލައްތައް ހުންނަނީ ތޮށްޖެހިފައެވެ. ހިތްހަމަޖައްސާލަން ޢާއިލާތައް ދާންހުރި ޕާކުތަކާއި މައިޒާންތައް ފުރިބާރުވެފައިއޮތުމުގެ ސަބަބުން އަޅުގަނޑުމެންގެ އިޖުތިމާއި ގުޅުންތައް މިވަނީ ކެނޑިފައެވެ. ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ބަލިމަޑުކަން މިވަނީ އާއްމުވެފައެވެ. ވަޒީފާނެތް ދިވެހިން އިތުރުވެ ބޮޑެތި ޖަރީމާތައް މިވަނީ ގިނަވެފައެވެ. މިވާހަކަތަކަކީ އާންމު ވިސްނުމަކުން ބަލާއިރު ގަބޫލުކުރަންވެސް ދަތި ވާހަކަތަކެކެވެ. ނަމަވެސް މިވާހަކަތަކައް ހެކިލިބޭނެ މިސާލެއް ދަންނަވަފާނަމެވެ. މީގެ 30 ހަކަށް އަހަރު ކުރީގައި، އަޅުގަނޑުމެން ކުޑައިރު މިސްކިތްތަކައް ގޮސް އުޅުނުއިރު ފެންނަ މަންޒަރާއި މިހާރު މިސްކިތްތަކުން ފެންނަ މަންޒަރާއި ވަރަށް ތަފާތެވެ. އޭރު ރަމަޟާން މަހުގައި އާންމުކޮށް އަޅުގަނޑުމެން ރޯދަވީއްލައި އުޅުނީ މިސްކިތްތަކުންނެވެ. އަޅުގަނޑުމެން ނަމާދު ވަގުތު މިސްކިތައް ދާއިރު ރޯދަވީއްލުމަށް ގެނެސްފައިވާ ތަކެތި މޭޒެއްގެ މަތީގައި އަތުރާލާފައި ހުންނާނެއެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވުމާއެކު ކޮންމެ މީހަކުވެސް މޭޒުކާރިއަށް ޖެހިލާފައި ކޮންމެވެސް އެއްޗަކުން ރޯދަވީއްލައިގެން އަވަސް ވެގަންނަނީ މިސްކިތައް އަރައި ޖަމާޢަތުގައި ބައިވެރިވުމަށެވެ. މިސްކިތްތަކުގެ ފާޚާނާތަކުގެ ސާފުތާހިރުކަން އަމިއްލަ ގޭގެ ފާޚާނާއާއި ދާދި އެއްވަރެކެވެ. މިހާރުގެ ހާލަތައް ބަލާއިރު ރަމަޟާންމަހު މަޣުރިބް ނަމާދު ވަގުތު މިސްކިތްތަކުން ފެންނާނީ ތަށިތަށިތައް ފުރެންދެން ކާތަކެތި އަޅައިގެން ބަންގީގެ އިންތިޒާރުގައި މިސްކިތުގެ ގޯތިތެރޭގައި އިށީދެލައިގެން ތިބޭ މީހުންނެވެ. ރޯދަވީއްލުމަށް ތަކެތި ބަހައްޓާފައި ހުރި މޭޒު، ބަންގީގެ ކުރިން ހުންނާނީ ހުހަށެވެ. ބަންގީގެ އަޑަށް ނުވަތަ އޭގެ ފަހުން މިސްކިތާއި ހިސާބަށް ފޯރާ މީހަކަށް ފެންފޮދެއް ފިޔަވައި  ރޯދަވީއްލުމަށް އިތުރުއެއްޗެއް ލިބުމަކީ ވަރަށް ނާދިރުކަމެކެވެ. ޖަމާއަތުގައި މީހުން ނަމާދުކޮށް މިސްކިތުން ފައިބައިގެންދާއިރުވެސް ގިނަ ބަޔަކު ކެއުމާއި މަޝްއޫލުވެގެން ތިބެއެވެ. މިސްކިތްތަކުގެ ފާހާނާތައް ބެލެހެއްޓުން ދަތިވެ އަވައްޓެރި ގައުމުތަކުގައި ހުންނަ ޕަބްލިކް ފާހާނާތަކައްވުރެ ހާލުދެރައެވެ. މީގެ މައްސަލައަކީ އެއްވެސް ހާލެއްގައި އެހެންބަޔަކަށް ކާއެއްޗެއް ލިބުން ނުވަތަ ފާހާނާކުރުމުގެ ފުރުޞަތު އޮތުމެއްނޫނެވެ. މައްސަލައަކީ އަޅުގަނޑުމެންގެ ޅަދަރިންނަށް އެމަންޒަރުތައް ފެނި އަޅުގަނޑުމެންނާއި ބީރައްޓެހި އަޚްލާގުތައް ދަސްވަމުންދިއުމެވެ.

 

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުންގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ އިޝާރާތެއް ވެރިކަމަށް އައިއިރު މިސަރުކާރުން ވަނީ ދެއްވާފައެވެ. އަދި އެކަމަށް ވަގުތުތަކެއް ހޭދަވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. ކަމާއިބެހޭ އިދާރާތަކުން މިކަމުގައި އެންމެ ފުރަތަ ކުރަންޖެހޭކަމަކީ ރާއްޖޭގައި އުޅޭބޭރުމީހުންގެ ރިކޯޑުތައް ފުރިހަމަކޮށް އޭގެތެރެއިން ގަވާއިދާއި ޚިލާފަށް އުޅެމުންދާ މީހުން ދެނެގަތުންކަމުގައި ބެލެވެއެވެ. މަދުރަށެށް ފިޔަވައި ރާއްޖޭގެ ގިނަ ރަށްރަށަކީ ކުދި އާބާދީއެއް އޮންނަ ރަށްތަކަކައްވާތީ އެރަށްތަކުގެ ކައުންސިލްތަކުން އެރަށެއްގައި އުޅޭ ބޭރުމީހުންގެ މައުލޫމާތު ހޯދައި ދެނެގަތުމަކީ ފަސޭހަކަމެކެވެ. އަދި ބޮޑެތި ރަށްތަކުގައި އުޅޭ ބޭރުމީހުންގެ މައުލޫމާތު ކަމާއިބެހޭ އިދާރާތައް ގުޅިގެން އެމައުލޫމާތު އެއްކުރެވޭނެކަމީ ޝައްކެތްއޮތްކަމެއް ނޫނެވެ. މީގެއިތުރުން ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި ބޭރުމީހުންނާއި ގުޅޭ ކަންކަން ބެލެހެއްޓުމަށް އެކަށީގެންވާ ނިޒާމެއް ގާއިމުކުރަން ވަގުތުތަކެއް ނަގާނެކަމަށް ގަބޫލުކުރެވެއެވެ. ކަންކަން ފުރިހަމަވެގެން އަންނައިރު ކޯޓާ ދިނުމުގައި ހަމައެކަނި ލިޔެކިޔުންތަކައް ބެލުމުގެ އިތުރުން ކޯޓާ ދޫކުރެވެނީ ކޮންމެހެން ބޭނުންވާ ވަޒީފާތަކައްތޯ ބެލޭނެ ނިޒާމެއް އޮންނަންޖެހެއެވެ. އަދި ޕްރޮޖެކްޓަކަށް ގެންނަ މީހުންވެސް އެޕްރޮޖެކްޓެއް ނިމުނީމައި ދެންހަދަނީ ކިހިނެތްތޯ ބެލެން އެބަޖެހެއެވެ. ވަޒީފާއަކަށް ބޭރުން ގެންނަ މީހާއަކީ އެވަޒީފާ ބޭނުންވާ ދިވެހިންނަށްވުރެ ފެންވަރު ރަނގަޅުމީހެއްތޯ ބަލަން އެބަޖެހެއެވެ. ބޭރުމީހުންނަށް ރާއްޖޭގައި ވަޒީފާއަދާކުރުމަށް ހުއްދަ ދިނުމަށްފަހު އެމީހުން ރާއްޖޭގައި އަދާކުރަނީ ހުއްދަދިން ވަޒީފާތޯ ބަލައި މޮނިޓަރކުރެވެން އެބަޖެހެއެވެ. ވަޒީފާއަށް ގެންނަ ބޭރުމީހަކު ފިލައިފިނަމަ އޭނަ ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމުކޮށް އެފަދަ މީހުންގެ މައްސަލަތައް ބަލައި ރާއްޖެއިން ފޮނުވާލަންޖެހޭ މީހުން ވަގުތުން ފޮނުވާލެވެންޖެހެއެވެ. ކަމާއިބެހޭ އިދާރާތަކުގެ މެދުގައި ނިންމަންޖެހޭ ކަންކަން ނުނިމުން ފަދަ މައްސަލަތައް ދިމާވެގެން އެފަދަ މީހުންގެ މައްސަލަތައް ނުނިމި ދިގުލައިގެން ގޮސްގެންނުވާނެއެވެ. މީގެއިތުރުން ދިވެހިންގެ އެހީއާއިއެކު ބޭރުމީހުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ހޯދައި އެކަން ހުއްޓުވޭނެ ގޮތްތަކެއް ގާއިމުކުރަންޖެހެއެވެ. ހަމަގައިމުވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބޭރުމީހުންގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރަށް، އެތެރެއިންނާއި ބޭރުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެއެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ މީހުން ނިސްބަތްވާ ގައުމުތަކުގެ ޕްރެޝަރާއި ބޭރުމީހުންގެ ފަރާތުން މަންފާލިބެމުންދިޔަ މީހުންގެ ނުރުހުމާއި ކުރިމަތިވާނެއެވެ. ކޮންމެފަދަ ހުރަސްތަކެއް ގިރާކޮށްގެން ނަމަވެސް މިއަދު މިމައްސަލަ ހައްލުކުރަން މަސައްކަތްނުކޮށްފިނަމަ އަޅުގަނޑުމެން މިއަށްވުރެ ބޮޑެތި ނުރައްކަލާއި ކުރިމަތިލާންޖެހިދާނެއެވެ. މުސްތަގުބަލުގައި އެމީހުން ފަންޑުކޮށްގެން ރަށްރަށުގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނާއި އަދި ވެރިކަންކުރާ ޕާޓީ ހޮވުމަކީވެސް ދުރުކަމެއް ނޫނެވެ. އަދި އަވައްޓެރި ބައެއް ގައުމުތައް ފަދައިން ވަކި ނަސްލެއް ގާއިމުކޮށް ދިވެހި ރަށްވެހިކަމަށް ދައުވާކުރުމަކީވެސް ވުން އެކަށީގެންވާކަމެކެވެ. ވުމާއެކު އަޅުގަނޑުގެ އުއްމީދަކީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބޭރުމީހުންގެ މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި މިސަރުކާރުން ބަލައިގަނެ ވީހާވެސް އަވަހަށް މިމައްސަލަ ހައްލުކޮށްދެއްވައި ދިވެހިންނަށް ހައްގުވާ މިންވަރު ދިވެހިންނަށް ހޯދައިދިނުމެވެ.