English Edition
Dhivehi Edition
އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ވޯޓު ލައްވަނީ: ފޮޓޯ/ މިހާރު

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހުގެ މެމްބަރުކަން ނުކުރެއްވޭ ގޮތް ހެދުމަށް ޖުމްހޫރީ ޕާޓީއަށް ނިސަބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް މުހައްމަދު ހުށަހެޅުއްވި ބިލާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މިއަދު ބާއްވާ އެމްޑީޕީ ޕްރައިމެރީގައި ވޯޓުލެއްވުމަށް އިމާދުއްދީން ސުކޫލަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ރައްޔިތަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަހަލަ ކަންތައްތައް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

‘އިންތިހާބަށް ކުރިމަތިލުމަށް ހުރަސް އެޅޭ ކަހަލަ ކަންތައްތަކަކީ ގަބޫލުކުރެވޭ ކަންތައްތަކެއް ކަމަށް ނުދެކެން. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވެފައިވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ހިންގާ ކަންތައްތަކަކީ އެއީ ޑިމޮކްރަސީއާ އިދިކޮޅަށް ކުރެވޭ ކަމެއް ކަމަށް ގަބޫލު ކުރަނީ” ރައީސް ވިދާޅުވިއެވެ.
މަޖިލީހަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް ގާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ޝަރުތުތަކުގެ އިތުރަށް ޝަރުތުތަކެއް ކަނޑައަޅައިގެން ބައެއް ފަރާތްތަކަށް މަގު ހަނިކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރެވޭ ކަންތައްތަކެއް ކަމަށް ގަބޫލުފުޅު ނުކުރާއްވާ ކަމަށްވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގާތްގަނޑަކަށް 25 އަހަރު ކުރެއްވި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހު އެމްޑީޕީގެ ޕްރައިމެރީ ސިފަކުރެއްވީ ޑިމޮކްރެސީ ތަރައްގީވެ ހަމަޔަކަށް އެޅެމުންދާ ކަމެއްގެ ގޮތުގައެވެ. ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވިސްނުން ފާޅުކުރުމަށް އެދިއެދި ތިބިތަން އެމްޑީޕީ ޕްރައިމެރީން ފެނިގެންދާ ކަމަށެވެ