English Edition
Dhivehi Edition

ދުނިޔޭގެ އެހެން ގައުމުތަކައް ބަލާއިރު، ތަރައްގީވަމުން އަންނަ ގައުމުތަކާއި ތަރައްގީވެފައި ހުރި ގައުމުތައްކަމަށް ވިޔަސް، ވަރަށް ފުޅާދާއިރާއެއްގައި އާންމު ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރެވިފައިވެއެވެ. އެގައުމުތަކުގައިވެސް މިޚިދުމަތް ފޯރުކޮށްދެމުން އަންނަނީ އާންމު ފަރުދުންނާއި އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކުގެ ބައިވެރިވުމާއިއެކުގައެވެ. އެގައުމުތަކުގައި މިޚިދުމަތަކީ ޚިދުމަތް ހޯދާ ރައްޔިތުންގެ އަތްފޯރާފަށުގައި ހުރި، ސަލާމަތީގޮތުން ރައްކާތެރި ޚިދުމަތެއްތޯ ބަލައި އެކަންކަމާއިގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވައިލައި ތަންފީޒުކުރަނީ އެގައުމުތަކުގެ ސަރުކާރުތަކުންނެވެ. މިހެންދެންނެވިޔަސް، އާބާދީގެ ނިސްބަތުންނާއި އިގްތިސާދީ ދަތިކަން ފަދަ ބައެއް ސަބަބުތަކާއި ހެދި މިޚިދުމަތް އެކިގައުމުތަކުގައި ރެގިއުލޭޓުކުރެވިފައި ވަނީ އެކިމިންވަރަށެވެ.

ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށްވާތީ ދަތުރުފަތުރުގެ ނިޒާމަކީ ރާއްޖޭގެ ރައްޔިތުންނަށް ފެށުނީއްސުރެން ބޭނުންޖެހިފައިވާ ޚިދުމަތެކެވެ. އެހެންކަމުން ދިވެހިންނަކީ ޒަމާނުއްސުރެ ދަތުރުފަތުރަށް އަހުލުވެރިވެފައިވާ ބައެކެވެ. އާންމު ފަރުދުންގެ އޮޑިދޯނިފަހަރުގައި ދިވެހިން ދިޔައީ އެއްރަށުން އަނެއްރަށަށް ދަތުރުކޮށް ވިޔަފާރީގެ މުއާމަލާތްތައްވެސް ހިންގަމުންނެވެ. ނަމަވެސް މިއަދާއި ހިސާބަށް އައިއިރުވެސް ރާއްޖޭގައި އާންމު ދަތުރުފަތުރުގެ ނިޒާމަކީ އެކަށީގެންވާ ގޮތަކަށް ރެގިއުލޭޓުކުރެވިގެން ފޯރުކޮށްދެވެމުން އަންނަ ޚިދުމަތެއް ނޫނެވެ. އެހެންނަމަވެސް ޒަމާން ބަދަލުވެ ގައުމެއް ކުރިއަރައި ތަރައްގީވަމުންދާ މިންވަރަކުން މިފަދަ ޚިދުމަތްތަކަކީ ވަކިގޮތަކަށް ބައްޓަންކުރެވިފައި ހުންނަންޖެހޭ ކަންކަމެވެ.

ރާއްޖޭގައި މިވަގުތު އެންމެބޮޑަށް ބަހުސުކުރެވެމުންދަނީ ޓެކްސީތަކުން ނަގާ އަގުތަކުގެ ވާހަކައެވެ. މިކަމާއިމެދު އާންމުންނާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާތީ މިމައްސަލައަށް އަވަސް ހައްލެއް ވަނީ ބޭނުންވެފައެވެ. އެހެންކަމުން މިމައްސަލައިގައި ވަކިގޮތެއް ނިންމުމަށްޓަކައި އާންމުންނާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ. އެގޮތުން ކަމާއިގުޅޭ ފަރާތްތައް ހިމަނައިގެން ހުޅުވައިލެވިފައިވާ އާންމު ބައްދަލުވުމެއް ދާދިފަހުން ވަނީ ބާއްވައިފައެވެ. އެބައްދަލުވުމުގައި ބައިވެރިވި ޚިދުމަތް ހޯދާ ފަރާތްތަކުން، ފާހަގަކުރިގޮތުގައި އެޚިދުމަތުގެ ފެންވަރު ދަށްވުމާއި އަގުތައް ބޮޑުވުމާއި އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުލިބުން ފަދަ މައްސަލަތައް ހުއްޓެވެ. ބައްދަލުވުމުގައި ބައިވެރިވި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދެކޭގޮތުގައި އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި އެހެނިހެން ޚަރަދުތަކައް ބަލާއިރު މިހާރު ނަގަމުންދާ އަގުތަކަކީ އެކަށީގެންވާ އަގުތަކެއް ކަމަށްވީއިރު ހަމައެކަނި އެޚިދުމަތް ރެގިއުލޭޓުކުރުމުގެ ބަދަލުގައި އެފަދަ ހުރިހާ ޚިދުމަތެއްވެސް ރެގިއުލޭޓުކުރަން ޖެހެއެވެ.

މިސަރަހައްދުގެ ގައުމުތަކައް ބަލާއިރުވެސް ދިވެހިރާއްޖެއަކީ ބޮލަކަށްޖެހޭ އާމްދަނީ ނިސްބަތުން އެންމެ ބޮޑު އެއްގައުމެވެ. އެހެންކަމުން ރާއްޖެއަކީ ފަގީރު ގައުމުތަކުގެ ކެޓަގަރީއިން އުނިކުރެވި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކެޓެގަރީގައި ހިމެނިފައިވާ ގައުމެކެވެ. ނަމަވެސް އަވަށްޓެރި ގައުމުތަކާއި އަޅައިބަލާއިރު ރާއްޖޭގައި ދެވޭ މިފަދަ ޚިދުމަތްތައް ތަރައްގީވަމުން އަންނަތަނެއް ނުފެނެއެވެ. މިސާލެއްގެ ގޮތުން ބަލާނަމަ އަވައްޓެރި ގައުމުތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އުޅަނދުތައް ހުންނަންޖެހެނީ ވަކިގޮތަކަށެވެ. ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މީހުން ތިބެންޖެހެނީ ވަކިކަހަލަ ޔުނިފޯމެއްގައެވެ. އެޚިދުމަތް ފޯރުކޮށްދިނުމުގައި ނަގަންޖެހެނީ ކަމާއިބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ވަކި އަގުތަކެކެވެ. އަދި އެޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަނީވެސް އަޅުގަނޑުމެންފަދައިން ދިރިއުޅުމަށްޓަކައި އާމްދަނީހޯދުމަށް މަސައްކަތްކުރާ މީހުންނެވެ. ވުމާއެކު ރާއްޖެއަކީ ހުރިހާ ގޮތަކުން ބެއްޔަސް މިސަރަހައްދުގައި އޮތް އެންމެ ތަހުޒީބު އެއްގައުމަށް ވީއިރު އެހެން ގައުމުތަކެކޭ އެއްފަދައިން މިފަދަ ޚިދުމަތްތައް ރާއްޖޭގައި ރެގިއުލޭޓު ނުކުރެވެންވީ ސަބަބާއިމެދު ސުވާލުއުފެދެއެވެ.

ދިވެހިރާއްޖެ އެކުލެވިގެންވާ ގޮތަށް ބަލާއިރުއާއި ރާއްޖެއަކީ ވަރަށް ބޮޑަށް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ އަޅުގަނޑުގެ ނަޒަރުގައި ދަތުރުފަތުރުގެ ނިޒާމް އެންމެ ފުރިހަމަވާންޖެހޭނީ ރާއްޖޭގައެވެ. މީގެއިތުރުން އަޅުގަނޑުމެން ދިވެހިންނަކީ ކުޑައިރުއްސުރެން ފެށިގެން ދިރިއުޅުމުގެ ކަންތައްތައް ބަހައްޓަންޖެހޭގޮތްތަކާއި ވިޔަފާރީގެ މުއާމަލާތް ހިންގަންޖެހޭގޮތްތައް ފަދަ އަސާސީ ކަންކަން ދަސްކޮށްދެވިފައިވާ ބައެކެވެ.  ވީއިރު އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތައްވެސް އަގުކުރެވިފައި ހުންނަންވާނީ ވަރަށް އިންސާފުވެރިކޮށެވެ. އެއްވެސް ހާލެއްގައި އެފަދަ ޚިދުމަތްތައް އަގުކުރުމުގައި ދިރިއުޅުމުގެ ޚަރަދުތައް ފަދަ ކަމާއިނުގުޅޭ ޚަރަދުތައް ލެވިފައި ހުރެގެންނުވާނެއެވެ. އަދި އަޅުގަނޑުމެން ވިއްކާތަކެއްޗާއި ދޭ ޚިދުމަތްތައް އަގުކުރެވިފައި ހުންނަންވާނީ ޑިމާންޑަށް ބަލައިގެންނެއްވެސް ނޫނެވެ. ބާޒާރުގައި 10 ރުފިޔާއަށް ކިލޯއެއް ވިއްކަމުންދަނިކޮށް ކަރާ މަދުވުމުން އޭގެއަގު 50 ރުފިޔާއަށް ކިލޯއެއް ކަމަށް ބޮޑުކުރުމަކީ އަޅުގަނޑުމެންނާއި ބީރައްޓެހި އުސޫލުތަކެކެވެ. މުދަލާއި ޚިދުމަތް މަދުވިޔަސް ގިނަވިޔަސް އަޅުގަނޑުމެން އެތަކެތި ވިއްކަންވާނީ ހަމަ އަގުގައެވެ. ވުމާއެކު ޓެކްސީތައް ފަދަ ޚިދުމަތްތަކުން ނަގާ އަގުތައްވެސް ޑިމާންޑަށް ބަލައިގެން ބޮޑުކުރެވިގެންނުވާނެއެވެ. އެޚިދުމަތްތަކުން ނަގާ އަގުތައްވެސް ވާންޖެހޭނީ ރަނގަޅަށް އަގުކުރެވިގެން ނެގޭ އަގުތަކަށެވެ. މިކަމަށް އޮތް އެންމެ ރަގަޅު ހައްލަކީ މީޓަރު ނިޒާމާއި އޮންލައިން ބުކިންގް އެޕްލިކޭޝަން ފަދަ ޒަމާނީ ވަސީލަތްތައް ތައާރަފުކުރުމެވެ. އަދި ޒަމާނާއި އެއްގޮތަށް މިފަދަ ޚިދުމަތްތައް ތަރައްގީކުރަންޖެހޭތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީވެސް މުހިއްމުކަމެކެވެ. މިފަދަ ޚިދުމަތްތައް ރެގިއުލޭޓުކުރެވިގެން ހިންގަންފެށުމުން އޭގެ މަންފާއާއި ލާބަ ލިބޭނީ ހަމަ އަޅުގަނޑުމެން ރައްޔިތުންނަށާއި ގައުމުގެ އިގްތިސާދަށެވެ.