English Edition
Dhivehi Edition

ދުނިޔޭގެ އިޤްތިސާދުތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި 2030 ވަނަ އަހަރު އަންނަން ވާއިރަށް އިންޑިޔާ އޮންނާނީ އިޤްތިސާދީ ގޮތުން އެމެރިކާއަށް ވުރެ ކުރީގައި އެވެ. އެގޮތުން ބަލާއިރު އެއިރު އިންޑިޔާ ވާނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިސާދަށެވެ. އެންމެ ކުރީގައި އޮންނާނީ ޗައިނާ އެވެ.

ދިރާސާކުރާ ފަރާތްތަކާއި ހަވާލާދީ ޖެނުއަރީ 8 ގައި ނެރެފައިވާ ލަފާކުރާ ޗާރޓަށް ބަލާއިރު 2030 ވަނަ އަހަރުގައި 64.2 ޓްރިލިއަން ޑޮލަރުގެ އިޤްތިސާދަކާއި އެކު ދުނިޔޭގެ ސުޕަ އިކޮނަމީގެ ގޮތުގައި އޮންނާނީ ޗައިނާ އެވެ. އަދި އިންޑިޔާގެ އިކޮނަމީ އޮންނާނީ 46.3 ޓްރިލިއަން ގައެވެ. މިހާރު ސުޕަ އިކޮނަމީ އެމެރިކާ ލިސްޓްގެ 3 ވަނަ އަށް ދަށަށް ޖެހޭ އިރު އެޤައުމުގެ އިޤްތިސާދު އޮންނާނީ 31 ޓްރިލިއަން ޑޮލަރެވެ. މި އަދަދުތަކާއި ބެހޭ ގޮތުން ޔޫރަޕްގެ ގިނަ ބޭންކްތަކުން ލަފާކުރާ ގޮތުގައި 2020 ވަނަ އަހަރު ގައި އެމެރިކާގެ މައްޗަށް ޗައިނާ ކުރިހޯދާނެއެވެ. އަދި އިންޑިޔާވެސް އޮންނާނީ އެމެރިކާއާއި ވަރަށް ކައިރީގައިކަމަށް ލަފާކުރެވެއެވެ.

އިންޑިޔާގެ އިޤްތިސާދު ހަލުވިކަމާއި އެކު ކުރިއަރަމުން ދާއިރު އެޤައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންނެވެ. އެހެނީ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ 25 އަހަރުން ދަށުގެ މީހުންނެވެ. އެހެންކަމުން ލަފާކޮށްފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް 2030 އަންނަންވާއިރަށް 100 މިލިއަން ވަޒީފާގެ ފުރުސަތު އިންޑިއާ އިން ޒުވާނުންނަށް ދޭންޖެހޭނެވެ. އަދި ގިނަ ވަޒީފާތަށް ވާން ޖެހޭނީ އުފެއްދުންތެރި ކާރުހާނާތަކުގެ ވަޒީފާތަކަށެވެ. މިކަމަށްޓަކައި އަންހެނުން ބާރުވެރި ކުރުމަކީ މިވަގުތު އިންޑިޔާ ސަރުކާރުގެ އެންމެ ބޮޑު ވިސްނުމަށް ވާން ޖެހެއެވެ. އެގޮތުން ކޮންމެ އަހަރަކު 10 މިލިއަން މީހުން ތަމްރީން ކުރަން ޖެހޭނެއެވެ.

ދިރާސާ ރިޕޯޓް ތަކުގައި އިތުރަށް އަލިއަޅުވާލާފައިވާ ކަންތައްތަކުގެ ތެރޭގައި އެޤައުމުގެ އިޤްތިސާދު އާދަޔާ ޚިލާފް ދުވެލީގައި ކުރިއަރުވަން ބޭނުންނަމަ އުމްރާނީ ތަރައްޤީއަށް ޙާއްސަ ކަމެއް ދޭން ޖެހޭނެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ފަރަގު ނައްތާލައި ފަޤީރުކަން ނައްތާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އިޤްތިސާދީ މާހިރުން ދެކޭ ގޮތުގައި އިންޑިޔާގެ މިސްރާބު މިހާރު ހުރި ގޮތުން މިހުރިހާ ކަމަކާއި ކުރިމަތިލައި ކާމިޔާބު ހޯދުމުގެ ބާރު އެޤައުމުގައި އެބަހުއްޓެވެ. އަދި މިގޮތުގައި ކުރިއަރައިގެން ދާނަމަ ދުރު ނޫން މުސްތަޤްބަލެއްގައި ދުނިޔޭގެ ސުޕަރ އިކޮނަމީއަކަށް އިންޑިޔާ ވުމަކީ ވަރަށް ގާތް ކެމެކެވެ.