English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލް ކުރުމަށް ރައްޔިތުން ވޯޓް ދީގެން ހޮވާ މީހުން ތިބޭ ތަނެކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތަކުން ރައްޔިތުންގެ މަޖިލީހުގެ ހަޤީގީ ތަސައްވަރު އޮޅިއްޖެއެވެ. ރައްޔިތުންގެ މަޖިލީހަކީ ޕާޓީތައް ނަގާކިޔާ އެޕާޓީތަކުގެ މަޖިލީހަށް ވެއްޖެއެވެ.

ގިނަ މެންބަރުން މަޖިލީހަށް ދަނީ ރައްޔިތުންގެ އަތުން ވޯޓް ގަނެގެން ކަމަށް ތުޙުމަތުވެއެވެ. އަދި މަޖިލީހަށް ދެވުމުންވެސް ވޯޓް އޮންނަނީ ވިޔަފާރިއަށް ބަދަލު ވެފައެވެ. މިއީ އެންމެންނަށް ވެސް އެނގޭ ބޮޑު ސިއްރެކެވެ. އަދި އެއީ މެމްބަރުން ކުރާކަމަކަށް ވާތީ އެއީ ކޮރަޕްޝަނޭ ބުނެވޭކަމަށް ނެތެވެ. ހަމަ އެހެންމެ އެވެރިންގެ މައްސަލައެއް ބެލޭނެ ކޯޓެއް ވެސް ހަމަ ނެތީ އެވެ. ކޯޓަކުން މައްސަލަ އެއް އެމީހުންނާއި ދެކޮޅަށް ނިންމައިފި ނަމަ ޤާޟީ ނާޤާބިލް ވީއެވެ. ނުވަތަ ޖުޑީޝަރީ އިސްލާޙް ކުރަންވީ އެވެ. މިއީ މިއަދުގެ ކަން ހިނގަމުންދާ ގޮތެވެ.

ޕާޓީތަކުގެ ޓިކެޓްގައި މަޖިލީހަށް ދިޔުމަކުން މައްސަލައެއް ނެތެވެ. އަދި ޕާޓީގެ ފިކުރުގައި މަޖިލީހުގައި މަސައްކަތް ކުރުމަކުން ވެސް މައްސަލައެއް ނެތެވެ. ނަމަވެސް މައްސަލަ އަންނަ ހިސާބަކީ ރައްޔިތުމީހާ ގެ މަސްލަހަތު އޮންނަ ކަންކަމުގައި ރައްޔިތުން ފަހަތަށް ޖައްސާލައި ތިމާ ނިސްބަތްވާ ޕާޓީ ބުނާ ގޮތަށް ހެދުމެވެ. ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ކަމުގައި ވިޔަސް ޕާޓީގެ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ފައިދާ ވާކަންކަމުގައި އަޑު އުފުލާތީ އެވެ. ނަމަވެސް މެމްބަރުން މަޖިލީހަށް މިދަނީ ރައްޔިތު މީހާގެ ހާދިމެއްގެ ގޮތުގައެވެ.

މެމްބަރުން ތަމްސީލް ކުރާ ދާއިރާ އަކީ ވަކި ޕާޓީއެއް ނޫނެވެ. އަދި އެއީ ދާއިރާގެ ވަކި ބަޔަކު ނުވަތަ ވަކި ޕާޓީއެއްގެ ބަޔަކު ތަމްސީލް ކުރަން ދާ މެމްބަރެއް ވެސް ނޫނެވެ. އިދިކޮޅަށް ވޯޓް ދޭ ރައްޔިތު މީހާގެ ވެސް ހައްޤު ހޯދަދޭންޖެހޭ މީހަކީ އެދާއިރާގެ މެމްބަރެވެ. ނަމަވެސް މެމްބަރުން މަޖިލީހަށް ވަދެވުމުން ދެން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ފެންނަފެނުމަށް ބަލާއިރު ފެންނަނީ ‘ބްލެކް މާރކެޓް’ އަށް ވަދެވިފައިވާ ވިޔަފާރި ވެރިންތަކެވެ. ކޮންމެ މީހަކުވެސް ބަލަނީ އެ ފަސް އަހަރު ތެރޭގައި އަތްމަތި ތަނަވަސް މީހަކަށް ވެވޭތޯ އެވެ. ހޯދުނު ގޮތަކުން އާމްދަނީ ހޯދައި، އަގުބޮޑު މުދާ އެއްކުރެވޭތޯ އެވެ. ދެން ފެންނަނީ ޖެހިގެން އަންނަ އިންތިޙާބާއި ކައިރިވުމުން ފަސްބާ ކިލަނބު ކޮށްގެން އެއްކަލަ ރައްޔިތު މީހާގެ ގާތަށް އަންނަ ތަނެވެ. އެއްކަލަ ޕާޓީގެ ޓެގް އަޅުވައިގެން އައުމުން ރައްޔިތުން ތިބެނީ އޮޅިފައެވެ. ހަމަ ނާނާ ހުވަފެން ދައްކަނީ އެވެ. މިއީ މިއަދުގެ ސަޤާފަތެވެ.

ރައްޔިތުންގެ މަޖިލީހަށް ހެޔޮނިޔަތުގައި މަސައްކަތް ކުރަން ދާ މީހާއަށް ވެސް އެފުރުސަތު ގެއްލިގެން ދެއެވެ. ހެޔޮ ނިޔަތުގައި ހުށަހަޅާ ބިލްތައް އަނބުރާ ގެންދިޔުމަށް ޕާޓީ އިން ގޮވައި މަޖްބޫރުކުރެއެވެ. އަދި ދެންތިބޭ ޕާޓީތައް ބައި ހަދާފައި އައިސް އެބިލެއް ފޭއިލް ކޮށްލައެވެ. ނަތީޖާއަކަށް ވަނީ ހެޔޮނިޔަތް އެއްފަރާތުގައި ބާއްވާފައި ޕާޓީ މަޖިލީހަށް ތަބާވާން ޖެހުމެވެ. ހައްޤު ހޯދައި ދިނުމަށް އިންތިޙާބު ވާ މެންބަރެއްގެ ހައްޤު ވެސް ގެއްލިގެން ދަނީ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހިނގަންޖެހެނީ މިގޮތަށް ކަމަށްވާނަމަ އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަދި ޑިމޮކްރަސީގައި މަޖިލީސް ހިނގަން ޖެހެނީ މިގޮތަށް ކަމަށް ވާނަމަ އެއަށްވެސް ބުނަން އޮތީ ނޫނެކެވެ. ރައްޔިތުންގެ މަޖިލީސް ވާންޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ ޕާޓީ ކުރިއަރުވާ މަޖިލީހަށް ހަދާކަށް މި ރައްޔިތުންނެއް ބޭނުމެއް ނޫނެވެ.