English Edition
Dhivehi Edition

“މޫދު ކަސްރަތުން އުފާވެރިކަން” މި ނަމުގައި 2018 ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން 2019 ޖަނަވަރީ 11 ގެ ނިޔަލަށް ރ. އިނގުރައިދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، އޮނަރަބަލް އަޙްމަދު މަހުލޫފެވެ. އަދި މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލި ބައިވެރިންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ސިއްޙަތާއި، އިޖުތިމާޢީ ފޭރާން ވަރުގަދަ ކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިނގުރައިދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އެއްބާރުލުމާއެކު ރަށު ކައުންސިލް އިދާރާ އާއި އެމްއެންޑީއެފް ނޮދަން އޭރިއާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 1 އިސްމާޢީލް އަޙްމަދާއި އެ ޓީމުގައި ހިމެނޭ އެހެނިހެން ސިފައިންނެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި، ރ. އިނގުރައިދޫގެ 12 އަހަރާއި 80 އަހަރާ ދެމެދުގެ، ދެޖިންސްގެ 282 ބައިވެރިން ބައިވެރިވެފައި ވެއެވެ. އިނގުރައިދޫގައި މި ހިންގި “މޫދު ކަސްރަތުން އުފާވެރިކަން” ޕްރޮގްރާމަކީ މި ސިލްސިލާގެ 15 ވަނަ ޕްރޮގްރާމަށާއި މި ޕްރޮގްރާމަކީ އެންމެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ސިލްސިލާގެ ޕްރޮގްރާމެވެ.