English Edition
Dhivehi Edition

އެއީ އާކާވެނީގެ ރެޔެއެވެ. އަހަރެންގެ ސިކުނޑިއަށް ވެރިވެފައިވާ ހާސްކަން ހައްތާ ދިޔައީ އިތުރުވަމުންނެވެ. އޭނާ ގެޔަށް އަންނާނެ ވަގުތަކަށް ކުރެވޭ އިންތިޒާރުގައެވެ. އިންތިޒާރަކީ ހިތްހެދޭ މީހަކަށް ކުރެވޭ އެއްޗެކެވެ. އެކަމަކު ފުރޭތައަކަށް އިންތިޒާރު ކުރާނީ ކާކުހެއްޔެވެ.

އަހަރެން އިނީ ނުދަންނަ މީހަކާއެވެ. މަޖްބޫރުވެގެންނެވެ. އޭނާ އަހަންނަށް ވުރެން ދިހަ އަހަރު ދޮށްޓެވެ. ވިޔަސް އަހަރެންގެ ކުޑަ ހަށިގަނޑާ ބަލާއިރު އޭނާއަކީ ފުރޭތައެއް ވަރުގެ މީހެކެވެ. އެއީ އަހަރެންގެ ރައްޓެހީން ދުށް ގޮތުގައެވެ.

އިސްކޮޅުން ހަފޫޓް ހުރި މި މީހާއަކީ ފުރޭތައެއް ފަދަ ސިފަ ހުތުރު މީހަކަށް ނުވިޔަސް އަހަރެންގެ ހިތުގައި އޭނާ ދެކެ އޮތް ބިރުވެރިކަން ވަކި ކުޑައެއް ނުވެއެވެ. އަސްލު ސަބަބަކީ އަހަރެންނަކީ ބާވީސް އަހަރުވެފައި ހަށިގަނޑު އޭނަޔާ ބަލާފައި ކުޑަ މީހެއްކަމަށްވާތީ އެއްވެސް ނޫނެވެ. އަހަންނަށް ވުރެން މާ ކުޑަ އަދި އުމުރުން ޅަކުދީންވެސް އިސްކޮޅުން ދިގު މާބިޔަ މީހުންނާ އިނދެގެން އުޅޭތަން އަހަންނަށް ވަނީ ފެނިފައެވެ. އަހަރެންގެ އިސްކޮޅުގެި ފަސްފޫޓު ތިން އިންޗް ހުރެއެވެ. އަހަންނަކީ ތަންކޮޅެއް ހިކިކުއްޖެކޭ ބުނެވިދާނެއެވެ. އެކަމަކު މާކުޑަ ކުއްޖެކޭ އެކަކުވެސް ނުބުނާނެއެވެ.

އަހަރެންގެ ކަން ބޮޑުވުމަކީ އޭނާ އަސްލުގައި އަހަރެން ބަލައިގަންނާނެ ކަމުގެ ކަންބޮޑުވުން އޮތީމައެވެ. އެއީ އަހަރެންނަކީ ކުރީގައި މީހަކާ ރައްޓެހިވެ އިންނަން ހުރިހާކަމެއް ނިންމާފައި ހުރި މީހެއްކަމެއް އޭނާއަކަށް އަދި އެނގިފައެއް ނޯންނާނެއެވެ. އެކަންތައް އެނގުމުން އޭނާ ކަންތައް ކުރާނެ ގޮތަކާމެދު އަހަރެން ފިކުރު ބޮޑުވެއެވެ. އެވާހަކަ ދައްކާނެ ފުރުސަތެއް ނުވެސް ނެތް މެއެވެ. އަހަރެމެންގެ ކާވެނި ކުރެވުނީ އެހާވެސް އަވަސް ގޮތަކަށެވެ.

މިހާރު އޭނާ އަންނާކަށް މާ ގިނައިރެއް ނެތެވެ. އަހަރެންގެ ހިތް އަވަސްވަމުން ދާ ވަރަކަށް ހާސްކަން މިދަނީ އިތުރުވަމުންނެވެ. އަހަރެން އެނދު ތަންމަތި ރީތިކޮށްލާފައި ނިދާ ހެދުމުގައި އައިސް މިފިކުރުގައި އޮށޯވެލައިގެން އޮތީމެވެ. އަހަންނަށް ލޯ ހުޅުވާލެމުން ސިއްސައިގެން ދިޔައީ އެ ބިޔަ މީހާ އަހަރެންގެ ކުރިމަތީގައި ހުރިތަން ފެނުމުންނެވެ. އަހަރެންގެ ހިތް ތެޅިގަނެގެން ދިޔަވަރުން ބޭއިޚްތިޔާރުގައި މޭގައި އަތްއަޅާލެވުނެވެ. އަހަރެން ބަލާލިއިރު އޭނާ ހުރީ ހެވިފައެވެ.

“ނިދިއައީތަ؟” އޭނާ ކުރުގޮތަކަށް ބުނެލިއެވެ. “އާކާވެނީގެ ފުރަތަމަރޭ ނިދާނީ ކާކު؟”

އޭނާއައިސް އެނދުގެ މަގަތުގައި އިށީނދެ އަހަރެންގެ ލޮލަށް ބަލާލިއެވެ. އެވަގުތު އަހަންނަށް ހީކުރެވުނީ އަހަރެންގެ ސިއްރުތައް އޭނާއަށް ދެނެގަނެވުނީހެންނެވެ. އަހަރެންގެ ހާސްވީ އެކަމާއެވެ.

އޭނާ އަހަރެންގެ އަތުގައި ހިފަހަށްޓާލިއެވެ. ހައިރާންވީ އޭނާގެ އަތުގެ މަޑުކަމުންނެވެ. އަދި އަހަރެންގެ ކޯތާފަތުގައި ބީހިލި ގޮތްވެސް އެހާ އޯގާވެރިއެވެ. އެ ބީހިލީގޮތުން އަހަރެންގެ ހިއްސުތަކުގައި މަޑު ކަރަންޓެއް ފޭދިގެން ދިޔައެވެ. އަހަރެން އަވަހަށް ލޯމަރާލީމެވެ. އަހަންނަށް އިހްސާސް ކުރެވުނީ ކަތިލާ މީހާގެ އަތްދަށުގައި އޮތް ކުކުޅެއް ފަދައިންނެވެ. ތެދުވެގެން ދުއްވައިގަންނާކަށް ނުކެރުނެވެ. ކަތިލެވޭކަށް ވެސް ބޭނުމެއް ނުވިއެވެ.

އޭނާ އަހަރެންނާ ބޮޑަށް ގާތަށް އައިސް ކަންފަތް ދޮށުގައި ކިރިޔާ އިވޭވަރަށް ބުނެލިއެވެ. “ސޯނީ ބިރުގަތީތަ؟”

އޭނާގެ ހޫނު ނޭވާ އަހަރެންގެ ކޯތާފަތުގައި ބީހިލުމުން ހާސްވީވަރު އަދި މާބޮޑެވެ. އަހަރެންގެ މޫނުން އެކަން އޭނާ ދެނެގަތީކަން ނޭނގެއެވެ. އޭނާ މަޑުމަޑުން ތެދުވިއެވެ.

“ހާސްނުވެ ނިދާލާ.” އަހަރެން މިދަނީ އަނެއް ކޮޓަރިއަށް.” އޭނާ ބޮކި ނިވާލާފައި ދޮރުލައްޕާލިއެވެ.

އަހަރެންގެ ލޮލުން ކަރުނައައީ ވީ އުފަލުން ކަމެއް ވީ ދެރައިން ކަމެއް ނޭނގުނެވެ. އެރެއަކު އަހަރެންގެ ގާތަކަށް ނިންޖެއް ނައެވެ.

ހެނދުނު އަހަންނަށް ހޭލެވުނު އިރު ކުޑަދޮރުގެ ކާޓަންތައް ހުރީ ކަހާލާފައެވެ. އެހެންވެ އިރުގެ އަލި ހުރަހެއްނެތި ކޮޓަރިއަށް ވަދެފައިވެއެވެ.

އަހަރެން ތައްޔާރުވެލައިގެން އަވަހަށް ހެނދުނުގެ ސައިހަދަން ބަދިގެއަށް ވަނީމެވެ. އޭރު ޒަމީލް ހުރީ ޕާންފޮތީގައި ބަަޓަރު ހާކާށެވެ. އޭރު އޭނާ ވަނީ ދެބިސްގަނޑު އަޅާފައެވެ. “ފެން އެހެރީ ކެކިފަ. “ އޭނާ ހިނިތުންވެލާފައި ބުންޏެވެ. “ ސޯނީ ބޭނުމީ ސައިތަ ކޮފީތަ؟ “

އޭނާގެ މޫނުމަތި ފެންނަނީ ނުހަނު ތާޒާކޮށްނެވެ. އިސްކޮޅުން ބޮޑަކަސް އޭނާގެ ހަރަކާތުންނާއި ވާހަކަ ދައްކާ ގޮތުން ޓީންއޭޖަރެކޭ ހީވާފަހަރު އާދެއެވެ.

“ ސޯނީ. ކަލޭގެ ފިރިމީހާ ކަލޭގެ ގާތު ނުނިދައިފިނަމަ އަނތްބެއްގެ ގޮތުން ކަލޭ ތިޔަހުރީ ފޭލިވެފަ. “

އަހަރެން ކުރާނީ ކީއްހެއްޔެވެ؟ ރޭގައި އަހަންނަކަށް ކުރަންވީ ނުކުރަންވީ ކަމެއް ނޭނގެއެވެ. އަހަރެންގެ ސިކުނޑި މަސައްކަތެއް ނުކުރިއެވެ. އޭނާ އަނެއް ކޮޓަރިއަށް ނިދަން ދިޔައީއަކީ އަހަރެން ކުރި އެއްވެސް ކަމެއްގެ ސަބަބަކުން ނޫނެވެ.

ބޮޑުދައިތަ ބުނެލާ ބައެއް ވާހަކަ އަހަންނަކަށް އޮޅުމެއް ނުފިލައެވެ. “ފިރިމީހާ ބަދިގެއަށް ވައްދާލެވިއްޖެ ނަމަ އަނތްބެއްގެ ގޮތުގައި އެލިބުނީ ކާމިޔާބީއެއް.”

ރޭގައި އަހަރެން ވަނީ އަނތްބެއްގެ ގޮތުގައި ފޭލް ވެފައެވެ. މިއަދު މިހިރީ ކާމިޔާބު ވެފައެވެ.

އޭނާ އޮފީހުން އައި އިރު އަހަރެން ހުރީ ރޮށިފިހެ މުގުރިހަޔާއި އަލުވި ރިހަ އަދި ސަޓަނި ތައްޔާރުކޮށްފައެވެ. އަހަރެން ހުރީ ފިހުނު މަސް ހޫނުކޮށްފައެވެ.

އޭނާ މިއަދު އައިސް ވަނުމަކުން އަހަރެން އެހާ ހާސްވާގޮތެއް ނުވިއެވެ. ދެމީހުން އެކީ ކެއުމަށްފަހު އޭނާ ބޭނުންވީ ބުރެއް ޖަހާލަން ދާށެވެ. ބޮޑުދައިތަ ބާރުއަޅައިގެން އަހަރެންނާ ޒަމީލް ކާވެނި ކުރުވީ އޭނާގެ ތަނަވަސްކަމާހެދި ކަމަށް ވެދާނެއެވެ. އޭރު އަހަރެން އުޅުނީ އިޔާންއާ ރައްޓެހިވެގެންނެވެ.

އަހަރެން އިޔާން ދޫކޮށްލާފައި ޒަމީލްއާ ކާވެނި ކުރަން އެއްބަސްވީ އޭނާގެ ކިބައިގައިވާ ކަމުނުދާ އާދަތައް ފިލައިނުދާނެކަން އެނގުނީމައެވެ. އެއްވެސް ވަޒީފާއެއްގައި ހަރެއް ނުލައެވެ. ބޭނުން ކުރަނީ އެންމެ ބާރުގަދަ ބާވަތުގެ މަސްތުވާ ތަކެއްޗެވެ. އޭނާ ދެކެ އަހަރެން ކިތަންމެ ލޯތްބެއް ވިޔަސް އެކަހަލަ ދިރިއުޅުމެއް މިހާތަނަކަށް ކާމިޔާބު ވެފައެއް ނުވެއެވެ.

ޒަމީލްއާ އިނދެވުނީތީ މިހާރަކު އަހަރެން ހިތާމަ ކުރާކަށް ނުޖެހެއެވެ. އަހަންނާ ޒަމީލް އެކުގައި އުޅެމުންދަނީ ދެ ރައްޓެހީންގެ ގޮތުގައެވެ. އެކަކު އަނެކެއްގެ ބައިވެރި ވުމާއެކުގައެވެ. ނުހަނު ބޮޑަށް އެހީތެރިވެގެންނެވެ. އެހެންނަމަވެސް މައްސަލައަކީ އަދިވެސް އަހަރެންނަކަށް އިޔާންގެ ވާހަކަ ޒަމީލަކަށް ކިޔައެއް ނުދެވެއެވެ. އެ ހިތްވަރެއް ނެތެވެ. އަދި މިއެއް ވެސް ނޫނެވެ. ކާވެންޏަށް މަސްދުވަސް ވެގެން ދިޔައިރުވެސް ޒަމީލް ނިދަނީ އޭނާގެ އަމިއްލަ ކޮޓަރީގައެވެ.

ޒަމީލް އަހަންނާ ގުޅިފައިވަނީ އޭނާއާ ވަކި ނުވެވޭވަރަށެވެ. އޭނާގެ އޮފީހުގެ މަސައްކަތުގައި ވެސް އަހަރެންގެ ލަފާ ހޯދައެވެ. އަހަރެންގެ ޚިޔާލާއެކު ނޫނީ އޭނާ އެއްވެސް ކަމެއް ނުކުރެއެވެ. މިއީ ބޮޑު ދައިތަގެ ދިރިއުޅުމާ ތަފާތު ގޮތެއް މެއެވެ. ބޮޑުދައިތަގެ ފިރިމީހާގެ އެއްވެސް ކަމަކާ ޚިޔާލެއް ފާޅުކޮށް އެއްޗެއް ބުނުމުގެ ފުރުސަތެއް އޭނާއެއް ނުދޭނެއެވެ. އެކަމާހެދި އެދެމީހުން އަރައިރުންވާ ކިތަންމެ ފަހަރެއް އާދޭވެސް މެއެވެ. އެހެން ކަމުން “ފިރި މީހާގެ އޮފީހު މަސައްކަތަށް ފާޑު ކިޔަން ނުލިބޭނަމަ އަނތްބެއްގެ ގޮތުން ނާކާމިޔާބުވީއޭ ބޮޑު ދައިތަ ބުނެފައެއް ނުވެއެވެ. އަހަރެން ދެކޭ ގޮތުގައި މިއީ އަހަންނަށް ލިބިފައިވާ ކާމިޔާބީއެކެވެ.

އެއީ ހުކުރުދުވަހެކެވެ. ޒަމީލް ހުރީ ގޭގައެވެ. މެންދުރު ކެއުމަށް ފަހު އަހަރެމެން ތިބީ ސައިބޯށެވެ. ބޮޑު ދައިތަގެ ފޯނެއް އައީ އެވަގުތުގައެވެ. އަހަރެން އައިސް ދިނުމަށް އެދައިތަ އެދުނެވެ.
އަހަރެން ވަރަށް ނުކެރިހުރެމެ ޒަމީލް ކުރެން އަހަރެން ގޮއްސަ އަންނަންހޭ އަހާލީމެވެ.

“ ގޮއްސަ އަންނަންހޭ؟” އޭނާގެ އަޑުގައި ފުރަތަމަ ފަހަރަށް ރުޅިވެރިކަމުގެ ރާގެއް އެކުލެވުނެވެ. “އަހަރެން ކުރެން އަހަން ޖެހޭތަ؟”

“އެކަމަކު.”

“ސޯނީ ތީ އަހަރެންގެ އަންހެނުން. “ އޭނާގެ އަޑުގައި މިހާރަކު ރުޅިވެރި ކަމުގެ ރާގެއް ނެތެވެ. “ތި އަހަރެންގެ ޚާދިމެއް ނުވަތަ ގައިދީއެއް ނޫން.”

އޭނާ ތެދުވެގެން އައިސް އަހަރެންގެ ދެކޮނޑުގައި ހިފާ އުފުލާލިއެވެ. “ތިއީ އަހަރެންގެ އަންހެނުން. އަހަރެންގެ ލޯބިވާ އަނބިމީހާ.”

އެއީ އަހަރެން މިގެއަށް އައިފަހުން ޒަމީލް އަހަރެންގެ ގައިގައި އެހާވަރަށް އަތް ޖައްސާލިވެސް ފުރަތަމަ ފަހަރެވެ. އަހަރެންނަށް އެވަގުތު ޒަމީލް ދެކެ އުފެދުނީ ގާތްކަމުގެ އިހްސާސެކެވެ. ހިތް އެދުނީ އޭނާގެ ގައިގައި އޮޅުލައިގަތުމަށެވެ. އެކަމަކު އަހަރެންނަކަށް އެ ހިތްވަރެއް ނުލިބުނެވެ. އަހަރެން ދާން ފެށުމުން ކާރުގެ ތަޅުދަނޑި ދިއްކޮށްލިއެވެ. “މިވަރުކަމެއްވެސް އަމިއްލައަކަށް ސޯނީ ނުކުރާނެތަ؟”

އަހަރެން ބޮޑުދައިތަ ގޮވައިގެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ގެޔަށް އަތުވެއްޖެއީމެވެ. އެއީ އާދައިގެ ކަމެއް ވީމާ ބޮޑުދައިތަ އަހަރެން ފޮނުވާލިއެވެ. “ ފިރިމީހާއާ ދުރުގައި ކާމިޔާބު އަނތްބެއް ގިނައިރަކު ނުހުންނާނެ.”

އެއީ ބޮޑުދައިތަގެ އަނެއް ނަސޭހަތެވެ. އެކަމަކު މިއަދު ބޮޑުދައިތަގެ ފިރިމީހާ ވީތަނެއް ނޭނގެއެވެ. “ އޭނާ ހުރީ ތުލުސްދޫއަށް ގޮސްފަ. “ ހީވީ އަހަރެން ވިސްނި އެއްޗެއް ބޮޑުދައިތައަށް އެނގުނީހެންނެވެ. “އަންނާނެ ވަރަށް އަވަހަށް. ސޯނީ އަވަހަށް ދޭ.”

އަހަރެން ގެޔައަށް އައުމުން ޒަމީލުގެ މޫނު ދިއްލިގެން ދިޔަތަން އަހަރެން ދުށީމެވެ. އަހަރެމެންނަކީ ކުރީގައި ނުދަންނަ ދެމީހުން ވިޔަސް މިއަދު އޭނާއަކަށް ކުޑަހިނދުކޮޅަކަށް ވެސް އަހަންނާ ވަކިވާކަށް ކެތެއް ނުކުރެވެއެވެ.

ޒަމީލު އިސްކޮޅުން ދިގުވެފައި ބިޔަ ވުމުން އަހަންނަށް މަލާމާތްކުރި ރައްޓެހީން މިއަދު އެއްޗެއް ބުނާއަޑެއް ނީވެއެވެ. އަހަރެން އުޅެމުންދާ އުފާވެރިކަން އެމީހުންނަށް ވެސް މިހާރު ފެނެއެވެ. ޒަމީލަކީ އެހާ އޯގާތެރިވާނެ މީހެއް ކަމެއް ފުރަތަމަ އަހަންނަކަށް ނުވެސް އެނގެއެވެ. އެކަމަށްޓަކައި އަހަރެންގެ މުޅި ނަފްސު އޭނާއަށް ހަދިޔާ ކުރެވުނެވެ.

އަހަރެން މާލެއައިސް ކިޔަވައި ނިމުނުތަނާހެން މައިންބަފައިންނާ ވަކިވެ އުޅެން ޖެހުނީ ގާތްގަނޑަކަށްހެން އެއްވެސް މީހެއްގެ ލޯތްބެއް ނެތިއެވެ. އަހަރެންގެ ހިތް ލޯތްބާއި އޯގާވެރިކަމަށް ފެންބޮވާފައިވާ ވަރެއް ބޮޑު ދައިތައަކަށް ވެސް ނޭނގޭނެއެވެ. އެހެންނަމަވެސް އެދައިތައަށް ވީވަރަކުން އަހަންނަށް މަދުވެފައިވާ މައިންބަފައިންގެ ލޯބި ދެވޭތޯ ބެލިއެވެ. މިއަދު އަހަންނަށް މިވަނީ ހަޔާތުގައި އަނތްބަކަށް ލިބޭނެ އެންމެ ހިތްގައިމު އެންމެ އޯގާތެރި އެންމެ ތެދުވެރި ލޯބި ހާސިލު ކުރެވިފައެވެ. އެހެނަސް އަތްބެއްގެ ގޮތުން އަހަރެން މިވަނީ އެއްގޮތަކުން ފެއިލްވެފައެވެ. އެ އިމްތިހާނު އަހަރެން ކާމިޔާބު ކުރަން ޖެހެއެވެ.

ޒަމީލްއާއި އަހަރެން އެކުގައި ފިލްމެއް ބަލަން ތިބީމެވެ. ފިލްމުގެ މެދުތެރޭން އޭނާ ކުއްލިއަކަށް ފިލްމު ހުއްޓާލިއެވެ. އަދި އަހަރެންގެ ގާތަށް ކަރިއަށް ޖެހިލާފައި އޭނާގެ އަތް އަހަރެންގެ ބުރަކަށީގައި އަޅުވައި ކައިރިކޮށްލިއެވެ.

“ސޯނީ ދިރިއުޅުމުގައި ހާސިލްވާން ބޭނުންވަނީ ކޮން އުންމީދެއް.” އޭނާ އަހަރެންގެ މޫނަށް ބަލާލާފައި ބުންޏެވެ.

“ލޯބިވާ ފިރިއެއްގެ ލޮބުވެތި އަނބަކަށް ވުން.” މިހެން ބުނާނެ ހިތްވަރެއް އަހަންނަށް ލިބުނު ގޮތެއް ވެސް ނޭނގެއެވެ.

“ތިހެން ވީއިރު އެކަމަށް އޮތީ ކޮން ހުރަހެއް؟”

“އަހަރެން ކުރީގައި މީހަކާ ރައްޓެހި ވެފައި ހުރިކަން.. އަހަންނަކީ.|”

ޒަމީލް އަހަރެންގެ ބަސްތައް މެދުކަނޑާލިއެވެ. އޭނާއާއެކު އަހަރެން ބޮނޑިކޮށްލިއެވެ.

“ތިޔަ ބުނަން އުޅެނީ މާޒީގެ ވާހަކަ.” އޭނާގެ ކައިރިކަން އަހަރެންގެ ނޭވާ އަވަސް ކުރުވާލިއެވެ. “އަހަރެން ދިރިއުޅެނީ މިވަގުތުކޮޅުގައި.”

އެއަކަށް ވުރެން އުފާވެރި ވަގުތެއް އަދި ރެޔެއް އަހަރެންގެ ހަޔާތަކަށް އައިސްފައެއް ނެތެވެ. އަހަރެން ހެނދުނުން ހޭލީ ފުރިހަމަ އަނބެއްގެ ގޮތުގައި އަހަރެންނަށް ދުނިޔޭގައިވާހާ ލޯތްބެއް ދޭނެ ފިރިއެއްގެ އަތުތެރޭގައި އޮވެއެވެ.

އަހަރެންގެ ގާތުގައި ކުޑަކުއްޖެއް ފަދައިން ނިދާފައިވާ އަހަރެންގެ ފިރިމީހާއަށް ރަނގަޅަށް ބަލާލީމެވެ.

އޭނާއަކީ ފުރޭތައެކޭ ބުނެވޭނެ އެއްވެސް ސިފައެއް އޭނާގެ ކިބަޔަކުން ނުފެނެއެވެ. އަހަރެންނަށް ވުރެން އޭނާ އިސްކޮޅުން ދިގީ ހަމަ އެންމެ ހަތް އިންޗްކަން ވެސް އަހަންނަށް ވިސްނުނީ މިއަދުއެވެ.

މިއަދާއި އޭގެފަހުން އައި ދުވަސްތައް އަހަރެމެން ހޭދަކުރަމުން ދިޔައީ އުފަލުގެ އިންތިހާގައެވެ. އޭނާގެ ރައްޓެހީންނާ އަހަރެންގެ ރައްޓެހީންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެންމެ ބޮޑަށް ކުރެވޭ ބަހުސަކީ މިއެވެ.

ނުދަންނަ ދެމީހަކު ކާވެނި ކުރުމަށް ފަހު މިހާބޮޑަށް އެކަކު އަނެކަކު ލޯބިވުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟

އޭގެ ޖަވާބުގައި އަހަރެން އަބަދުވެސް ބުނަމުންދަނީ އޭގެ ސަބަބަކީ އެކަކު އަނެކަކަށް ފުރިހަމަ މިނިވަންކަން ދީފައި ބޭއްވުން ކަމުގައެވެ. އަދި ހުރިހާ ކަމެއްގައި އަނެކާއަށް އިހްތިރާމު ކުރުން ކަމުގައެވެ.

އަހަރެންގެ ބޮޑުދައިތަ ގާތު ބުނީމެވެ. “ބޮޑުދައިތާ. އަހަރެން މިވަނީ އަނތްބެއްގެ ގޮތުގައި ފުރިހަމަޔަށް ކާމިޔާބު ކުރެވިފައި.”

ބޮޑު ދައިތަ އެހީނލި ގޮތުން، އެދައިތަ އެވަނީ އަހަރެންގެ ބޮޑު ދައިތައެއްގެ ގޮތުގައި ކާމިޔާބުވެފައިކަން ދޭހަވެގެން ދިޔައެވެ.

ނިމުނީ