English Edition
Dhivehi Edition

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީތަކުގައި ދަރަނި އޮވެ އެ ޕާޓީއެއް ދޫކުރައްވާ އާ ޕާޓީއެއް އުފެއްދުމަކީ ބޮޑުން ދަސްކޮށްދެއްވާފައިވާ ސަގާފަތެއް ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮޔާއެކު އެ ޕާޓީ އުފައްދަން އިލެެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމަށްފަހު މީޑީޔާއަށް ދެއްވި އިންޓަރވިއުގައި އަބްދުއްރަހީމް ވިދާޅުވީ، ޕާޓީގައި ދަރަނި އޮއްވާ އެ ޕާޓީއެއް ދޫކޮށް ވަޑައިގެން އާ ޕާޓީ އުފެއްދެވުމަށް ދަސްކޮށްދެއްވީ ރާއްޖޭގެ ބޮޑެތި ބޭބޭފުޅުން ކަމަށެވެ. އަދި އެއީ މާކުރިއްސުރެވެސް ރާއްޖެގައި އުފެދިފައި އޮތް ސަގާފަތެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ، ޑީއާރްޕީ ދޫކުރައްވާ ރައީސް މައުމޫން ވަޑައިގެންނެވިއިރު 19 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ޕާޓީގެ ދަރަނީގެ ގޮތުގައި އޮތްކަމަށެވެ. އަދި ހަމަ އެދަރަނި އެގޮތަށް އޮއްވައި ތަސްމީން އަނެއްކާ އެ ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ އެއްވެސް ޤާނޫނެއް އެކަމަށް ހުރަސް ނާޅާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޕީއެންސީ އުފެދުނުހާ އަވަހަކަށް އެޕާޓީގެ ހަރަކާތްތައް ފެށިގެންދާނެ ކަަމަށާ ކުރިއަށް އޮތް މުސްތަޤުބަލުގައި ޕީއެންސީ އަކީ ރާއްޖޭގައި ވެރިކަން ކުރާނެ ޕާޓީއެއްކަމުގައެވެ.

ޕީއެންސީ އުފެއްދުމަށްޓަކައި މަދުވެގެން 3000 މީހުންގެ ފޯމު ހުށަހަޅަން ޖެހޭއިރު އެޕާޓީން ވަނީ 4000 ފޯމު ހުށަހަޅާފައެވެ. ފޯމުތަކުގެ ޞައްހަކަން ކަށަވަރު ކުރެވުމުން ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބި ޕާޓީ ރަޖިސްޓްރީވެގެންދާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.