English Edition
Dhivehi Edition

މެލޭޝިއާގެ ސަބާ ސްޓޭޓްގެ ސެމްޕޯރްނާ ގައި ، އެސަރަހައްދުގެ މަގުތަކަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަ ބޮޑުވުމާ ގުޅިގެން ކުނި އަޅާ މީހުން ޖޫރިމަނާ ކުރާ ގޮތަށް ނިންމައިފިއެވެ.

މިކަމާ ގުޅިގެން ސަބާ ސްޓޭޓްގެ ޗީފް މިނިސްޓަރ މުހަންމަދު ޝާފިއީ އަފްޒަލްވަނީ ކުނިއަޅާ މީހުން ޖޫރިމަނާއެއްގެ ގޮތުން 500 ރިންގިޓް ނުވަތަ ކުނިއަޅާ ބަޔަކު ލައްވާ އެއްގަޑިއިރު ވަންދެން އެއެއްޗެތިތައް ނަގާ ސާފުކުރުވުމަށް ލޯކަލް ކައުންސިލަށް އަމުރުކުރައްވާފައެވެ.

މެލޭޝިޔާގެ ދުވަހުނޫސް، ދަ ސްޓަރއިން ހާމަކުރިގޮތުގައި ކުނިތައް ނަގަންޖެހެނީ މަންކީ ވެސްޓް އަޅައިގެނެވެ. މަންކީވެސްޓް އަޅަންޖެހެނީ ރާމާމަކުނަކީ އެއްޗެހި ކެއުމަށްފަހު ކުނިއަޅާ ޖަނަވާރަކަށްވާތީއެވެ.

‘މޮންޔެޓް’ ޖަހާފައިވާ މަންކީވެސްޓް ލައްވައިގެން މިދިޔަ ހުކުރުދުވަހު ނުވަމީހުން ލައްވާ ކުނިތައް ނެގުވިއެވެ. އޭގެތެރޭގައި ބޭރު ގައުމުތަކުގެ މީހުންވެސް ހިމެނެއެވެ.

ސެމްޕޯރްނާ ޑިސްޓްރިކްޓް އޮފިސަރ ބައަނަސް ކޮންޓޮންގ ވިދާޅުވިގޮތުގައި ކުނިއަޅައިގެން ހިފެހެއްޓި ގިނަމީހުން ވަނީ ޖޫރިމަނާ ދެއްކުމުގެ ބަދަލުގައި ކުނިތައްނަގާ ސާފުކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންވެސް ކުނިއަޅަން ޚާއްސަކޮށްފައިވާ ސަރަހައްދުތަކަށް ކުނި އެޅުމަށް ވިސްނުން ބަހައްޓާނެކަމަށް ކޮންޓޮންގ ވިދާޅުވިއެވެ.

މެލޭޝިޔާގެ ސަބާ ސްޓޭޓްގެ ސެމްޕޯރްނާއަކީ ޑައިވްކުރާ މީހުންގެ ވަރަށް މަގްބޫލު މަންޒިލެކެވެ.