English Edition
Dhivehi Edition

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖަންގް ލީ ޖޮންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖޫމްހޫރިއްޔާ އާއި ޗައިނާގެ ސަފީރުވަނީ ދިވެހިރާއްޖޭގައި ޗައިނާ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ބައިނަލްއަޤްވާމީ މަޝްރަހުގައިވެސް ދެ ޤައުމަށް ފައިދާވާފަދަ ކަންކަން ކުރެއްވުމަށް ދެ ޤައުމުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އެޤައުމުން އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ޗައިނާގެ ސަފީރު ވަނީ ޗައިނާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.