English Edition
Dhivehi Edition

އެމްޑީޕީ ޕްރައިމަރީގައި އައްޑޫ މީދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވަވާ ކެންޑިޑޭޓެއް ކަމަށްވާ ރޮޒެއިނާ އާދަމް (ރޮޒޭ) އަށް ވޯޓު ދޭނެ ކަމުގެ ޔަގީން ކަން އޮތް ގިނަ ބައެއްގެ ރަޖިސްޓްރީ ރާއްޖެއިން ބޭރުގެ އެކިގައުމުތަކަށް ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާ ރޮޒޭ ކޮށްފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު ރޮޒޭއަށް ތާއީދު ކުރާ ގިނަ ބައެއްގެ ރަޖިސްޓްރޭޝަން ވަނީ ސްރީލަންކާ، މެލޭޝިއާ އަދި އިންޑިއާފަދަ ގައުމުތަކުގެ އެކި ސަރަހައްދުތަކަށް ބަދަލުކޮށްފައި ކަމަށް ރޮޒޭ ވަނީ ވިދާޅުވެފައެވެ.

އައްޑޫ މީދޫ ދާއިރާގެ ގޮނޑީގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭން ވާދަވެރިކަމާއެކު ކުރިއަށް ގެންދާ މި ދަނޑިވަޅުގައި މި މައްސަލަ ރޮޒޭ ވަނީ ޕާޓީއަށް ހުށަހަޅާފައެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ރޮޒޭ ވިދާޅުވީ މީހުން ނުބައި ތަންތަނަށް ރަޖިސްޓަރ ކޮށްފައިވާތީ ޕާޓީއަށް ހުށަހެޅި މައްސަލަ އާއި ގުޅޭ ގޮތުން ޕާޓީން ރޮޒޭއަށް ފޮނުވި ޖަވާބު ގައި ވަނީ އެމީހުން ރަޖިސްޓަރ ކުރި ކެންޑިޑޭޓް ގެ އައިޑީ ނަމްބަރާއި ބަދަލުކޮށްފައިވާ މީހުންގެ ނަންތަކާއި އަދި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގެ މައުލޫމާތު އެއްކޮށް ހިއްސާ ކޮށްފައިކަމަށެވެ.

“އަޅުގަނޑަށް ވޯޓު ލާކަން ޔަގީން ވާ އެތައް ބަޔަކު ވޯޓު ލާތަން ބަދަލުކޮށް ރާއްޖެއިން ބޭރަށާއި އެހެން ތަންތަނަށް ރަޖިސްޓަރ ކޮށްފައިމިވަނީ. މީހުންގެ ރަޖިސްޓްރީ ބަދަލު ކުރެވޭނީ ކެންޑިޑޭޓުންނަށް އެކަނި. ކޮންމެ ކެންޑިޑޭޓަކަށް ލޮގިން އެއް ދީފައިވާނީ. މީހުން ނުބައި ތަންތަނަށް ރަޖިސްޓަރ ކޮށްފައިވާތީ ޕާޓީއަށް ހުށަހެޅި މައްސަލަ އާއި ގުޅޭ ގޮތުން ޕާޓީ އިން އަޅުގަނޑަށް ފޮނުވި ޖަވާބު ގައި މިވަނީ އެމީހުން ރަޖިސްޓަރ ކުރި ކެންޑިޑޭޓް ގެ އައިޑީ ނަމްބަރާއި އެއްކޮށް ހިއްސާ ކޮށްފައި. އައިޑީ ބެލިއިރު އެއީ މިދާއިރާއަށް ކުރިމަތިލާ އެހެން ކެންޑިޑޭޓެއް ކަމަށްވާ އިމާދު ސާލިޙް” ރޮޒޭ ވިދާޅުވިއެވެ.

މިހާރުވެސް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ތަމްސީލް ކުރައްވަވަމުން ގެންދަވާ ރޮޒޭ ވިދާޅުވީ މިހާރު މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވޯޓާސް ލިސްޓް އާންމު ކުރާ ހިސާބަށް މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށެވެ.

” މީހުންގެ ވޯޓު ލުމުގެ ހައްގައް އަރައިގަންނަ މީހަކު މަޖިލިހަށް ފޮނުވައިގެން ރައްޔިތުންގެ ހައްގު ހިމާޔަތް ކުރެވޭނެތޯ” މިއީތޯ އިޚުލާސްތެރި، ގާބިލް ގާނޫނީ ވަކީލުން ކޮށް އުޅޭ ކަމަކީ؟” ރަޖިސްޓްރީ ބަދަލުކުރި މައްސަލައާއި ގުޅިގެން ރޮޒޭގެ ފޭސްބުކް ގައި ލިޔެފައިވެއެވެ.

މީގެ އިތުރުން ” ވޯޓުން ވައްކަން ކުރަން މަސައްކަތް ކުރުން މީކޮންކަހަލަ ކަމެއްތޯ؟” ވިދާޅުވެ ރޮޒޭ ވަނީ އިމާދު ސޯލިޙަށް ބަހުގެ ޙަމަލާތަކެއް ރައްދުކުރައްވަވާފައެވެ.

ރޮޒޭގެ ކެމްޕެއިން ޓީމުން ބުނެފައިވަނީ އައްޑޫމީދޫ ދާއިރާގެ ގޮނޑިއަށް ރޮޒޭއަށް އޮތް ސަޕޯޓު ފެނި މީގެ ކުރިން ވެސް އެދާއިރާގެ ކެންޑިޑޭޓަކު ވަނީ މީޑިއާ މެދުވެރިކޮށް ރޮޒޭގެ އެންޓިކެންޕެއިން ކޮށްފައި ކަމަށެވެ.