English Edition
Dhivehi Edition

މެލޭޝިއާގައި ދިވެހި ލައިސަންސް ބޭނުން ކުރުން އެގައުމުން މަނާކޮށްފިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެލޭޝިއާގައި ބޭރުގައުމުތަކުގެ ޑްރައިވިންގ ލައިސަންސް ބޭނުން ކުރުމާއިބެހޭ އުސޫލްތައް ހަރުދަނާ ކުރުމަށް މެލޭޝިއާގެ މިނިސްޓަރީ އޮޮފް ޓްރާންސްޕޯޓް އިން ފައްޓަވާފައިވާ މަސައްކަތް ތަކާއި ގުޅިގެން މެލޭޝިއާގައި ބޭރުގައުމުތަކުގެ ޑްރައިވިންގ ލައިސަންސް ބޭނުން ކުރުމާއި ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އެ ވުޒާރާއިން މިއެމްބަސީއަށް އަންގާފައި ވާކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ، ދިވެހިރާއްޖޭގެ ޑްރައިވިން ލައިސެންސް، މި އެމްބަސީއިން ދޫކުރާ ލިޔުމާއެކު މެލޭޝިޔާގައި މިހާރު ބޭނުން ނުކުރެވޭނެކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއްވާ ކަމަށެވެ. އެހެން ކަމުން މި އެމްބަސީއިން ދޫކޮށްފައިވާ ލިޔުމާއެކު މެލޭޝިޔާގައި އެއްގަމުގައި ދުއްވާ އުޅަނދު ދުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުން އެ ލިޔުން ބޭނުން ކޮށްގެން އިތުރަށް ނުދުއްވުމަށް މި އެމްބަސީއިން އިލްތިމާސް ކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

މެލޭޝިއާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓުން ބުނީ، މިއީ ހަމައެކަނި ދިވެހިންނަށް އެޅި ފިޔަވަޅެއް ނޫން ކަމަށާއި އެހެން އެއްވެސް ގައުމެއްގެ ލައިސެންސްގައި މިހާރު މެލޭޝިޔާގައި ނުދުއްވޭނެ ކަމަށެވެ. އެހެން ނަމަވެސް މެލޭޝިޔާގެ ލައިސެންސް އޮންނަ ފަރާތްތަކަށާއި އިންޓަނޭޝަނަލް ލައިސެންސް އޮންނަ ފަރާތްތަކަށް މެލޭޝިއާގައި ދުއްވޭނެ ކަމަށެވެ.

ދިވެހިއެމްބަސީއިން ބުނީ ދިވެހި ސަރުކާރުން މިހާރު ގެންދަނީ މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން ކަމަށެވެ. އެހެން ނަމަވެސްމިކމަށް ހައްލެއްފެންނަންދެން އެގައުމުގެ އުޅަނދެއް ދުއްވޭނީމެލޭޝިއާގެ ޑްރައިވިންގ ސްކޫލްމެދުވެރިކޮށް އެގައުމުގެ ލައިސަންސް ނަގައިގެން ނުވަތަ އިންޓަރނޭޝަނަލް ލައިސަންސް އޮންނަވާ ބޭފުޅުން އެލައިސަންސް ބޭނުން ކުރުމަށް މެލޭޝިއާގެ ޓްރާންސްޕޯރޓުން ހުއްދަ ދެއްވާ އުސޫލެއްގެ މަތިން ކަމަށެވެ.