English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމެރީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، އެމްޑީޕީއަށް ސޮއިކޮށްފައިނުވާ ބައެއް މީހުން އެޕާޓީގެ ދަފްތަރުގައި ހިމެނިފައިވާކަމަށް އެމްޑީޕީއިން ބުނެފިއެވެ

ނ. ކެނދިކުޅުދޫން ހުށަހެޅި މައްސަލައަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ތެރޭގައި، އެމްޑީޕީއަށް ވަނުމަށް ނ.ކެނދިކުޅުދޫ 9 މީހެއްގެ ފޯމުލާފައި އޮތީ އެމީހުންނަށް ނޭނގިކަމުގެ ޝަކުވާ ކޮމިޓީއަށް ހުށަހެޅުމުން، އެކަން ބަލާފައިވާ ކަމަށެވެ. އަދި އެއީ ސައްހަ ވާހަކައެއް ކަން ކަށަވަރުވުމާއެކު، ޕްރައިމަރީގެ ވޯޓު ލިސްޓުން އެމީހުން އުނިކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި މި އަމަލު ހިންގި މީހެއް މިހާތަނަށް އަދި ކަށަވަރުކުރެވިފައި ނެތްކަމަށާއި އެހެންނަމަވެސް އޮޅުވާލައިގެން މެމްބަޝިޕް ފޯމު ހުށަހަޅާ މީހުން ޕްރައިމަރީއަށް ކުރިމަތިލައި ވޯޓުގައި ބައިވެރިވުން ހުއްޓުވާނެ ކަމަށެވެ.

މި އަމަލަކީ ގާނޫނޫލްއުގޫބާތުގެ 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ އަމަލުތަކުގެ ކުށާއި، އެ ގާނޫނުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ލިޔުމަށް ބަދަލު ގެނައުމުގެ ކުށަށް ފެތޭ ޖަރީމާއެއް ކަމަށް ވާއިރު މިފަދަ އަމަލެއް ހިންގީ އެމްޑީޕީ މެމްބަރެއްކަން ކަށަވަރު ކުރެވިއްޖެނަމަ، ޕްރައިމަރީއަށް ކުރިމަތިލުމާއި ވޯޓުގައި ބައިވެރިވުން މަނާ ކުރާނެ ކަމަށް އެމްޑީޕީއިންވަނީ ބުނެފައެވެ

ކެނދިކުޅުދޫގެ އިތުރުން އެހެން ބައެއް ރަށްރަށުގެ ގިނަ އަދަދެއްގެ މީހުން ވެސް ގެންދަނީ އެމީހުން އެމްޑީޕީއަށް ސޮއި ނުކުރަނީސް އެމްޑީޕީއަށް ވައްދާފައިވާކަމަށް ބުނެ ޝަކުވާ ހުށަހަޅަމުންނެވެ

މިދިޔަ ހަފްތާގައި އެމްޑީޕީއިން ބުނެފައިވަނީ އެ ޕާޓީ އާއި އަލަށް ގުޅުނު މެމްބަރުންނާ އެކު އެ ޕާޓީގެ މެމްބަރުންގެ އަދަދު 81،000 އަށްއަރާފައިވާކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރަކަށް ވުމަށް އެދި މިހާތަނަށް 35،000 އަށްވުރެ ގިނަ ފޯމް ހުށަހެޅިއިރު، ގިނަ ބަޔަކު ފޯމް ފުރަނީ ޕްރައިމަރީގައި ވާދަކުރާ މީހުން މެދުވެރިކޮށެވެ.

ޓެގު