English Edition
Dhivehi Edition

އައު ޤާނޫނު އަސާސީ ވުޖޫދުވުމާއިއެކު ރާއްޖޭގައި ހިނގަމުން މިދަނީ ޑިމޮކްރެޓިކް ނިޒާމެކެވެ. މިނިޒާމުގެ އެންމެ އަސާސީ ސިފައަކީ ރައްޔިތުންގެ އަޣުލަބިއްޔަތަށް ތަބާވުމެވެ. އެހެންކަމުން ރައްޔިތުންގެ ވޯޓުން ހޮވަންޖެހޭ މަގާމަކަށް މީހަކު ހޮވުމުގައި ރައްޔިތުން އިޚްތިޔާރުކުރާ ކެންޑިޑޭޓެއް ކަނޑައެޅުމުގެ ބާރު އެރައްޔިތުންނަށް އޮންނަންޖެހެއެވެ.

މިހާރު ރާއްޖޭގައި މިއޮތީ ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައި ސަރުކާރެކެވެ. އަދި މިސަރުކާރުގެ ކޯލިޝަންގެ މެދުގައި އެގްރީމެންޓެއް އޮތް ވާހަކަ އަޑުއިވެއެވެ. އެގޮތުން ސަރުކާރު ހިންގުމަށް އެކިއެކި އިދާރާތަކައް އައްޔަންކުރާ ފަރާތްތަކުގެ ވަކި އިންސައްތައެއް މިއިން ކޮންމެ ޕާޓީއަކަށް ކަނޑައެޅުމަށް ހަމަޖެހިފައިވާކަމަށް ވެއެވެ. ހަމައެއާއިއެކު ކުރިޔަށްއޮތް މަޖިލިސް އިންތިހާބުގައިވެސް ކޮންމެ ޕާޓީއަކުން ކުރިމަތިލާ ދާއިރާތައް ކަނޑައަޅާނީ މިދެންނެވި އުސޫލުންކަމަށް އަޑުފެތުރިފައިވެއެވެ. އެކަމަކު ސަރުކާރެއް ހިންގަން ބޭނުންވާ މީހުން އެކިއެކި އިދާރާތަކައް އައްޔަންކުރުމުގެ އިޚްތިޔާރާއި ބާރު ރައީސަށް ލިބިދީފައި ވީނަމަވެސް ރައްޔިތުން އިންތިހާބުކުރަންޖެހޭ މަގާމުތަކައް ހޮވާނެ މީހުން ކަނޑައެޅުމަކީ ރައްޔިތުން ނޫންބަޔަކަށް ކުރެވޭނެކަމެއް ކަމަށް ނުބެލެއެވެ. އެފަދަ ކަމެއް އެއްވެސް ޕާޓީއަކުން ކުރާނަމަ އެކުރެވެނީ ޑިމޮކްރަސީއާއި ޚިލާފުކަމެކެވެ.

ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ލިބިފައިއޮތް އިޚްތިޔާރަކީ އެޕާޓީއަކުން ކުރިމަތިލާނެ ދާއިރާތައް ކަނޑައެޅުމެވެ. އޭގެފަހުން އެދާއިރާތަކަށް ކުރިމަތިލާން ބޭނުންވާ ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީއެއް ބާއްވައިގެން، ޕާޓީގެ އެދާއިރާގެ ގިނަ މެމްބަރުންގެ ތާއީދުއޮތް މީހަކު ހޮވުމެވެ. އެޕާޓީއެއްގެ ފަރާތުން އިންތިހާބުގައި ވާދަކުރަންޖެހޭނީ ޕްރައިމަރީއިން ހޮވުނު މީހެކެވެ. ޕްރައިމަރީއެއް ނުބާއްވައި އިންތިހާބަށް ވަކި މީހަކު ނެރުމަށްފަހު އޭނަޔަށް ވޯޓުލުމަށް ރައްޔިތުންނަށް ނުވަތަ ޕާޓީގެ މެމްބަރުންނަށް މަޖުބޫރުވުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫނެވެ.

މިދެންނެވި ގޮތަށް އެކިއެކި ޕާޓީތަކުން ޕްރައިމަރީތައް ބާއްވައިގެން އިންތިހާބަށް ކުރިމަތިލުމުން، ކޮންމެ ދާއިރާއަކުންވެސް އެދާއިރާއަކަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން ރައްޔިތުންނަށް ފެންނަން އޮންނާނެއެވެ. ދެން އެދާއިރާއަކަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނަށް ބަލައި އޭގެތެރެއިން އެންމެ ގާބިލު މީހަކަށް ވޯޓުދިނުމަކީ ރައްޔިތުންގެ ޒިންމާއެކެވެ. ރައްޔިތުން އެގޮނޑިއަކަށް އިންތިހާބުކުރާނީ އެރައްޔިތުން ބޭނުންވާ ޕާޓީއެއްގެ ކެންޑިޑޭޓެކެވެ. އެހެންކަމުން ރައްޔިތުންނަށް ރައްޔިތުން ބޭނުން ކެންޑިޑޭޓަކު އިންތިހާބުކުރުމުގެ ފުރުޞަތު އޮންނަންޖެހެއެވެ.

ހަމަމިއާއި އެކު އިންތިހާބީ މަގާމުތަކުގެ މައިނޯރިޓީ އަކީ އަންހެނުން ކަމަށް ވީތީ އަންހެނުންނަށް ވަކި ޚާއްސަ ފުރުޞަތުތަކެއް ދިނުމާއިމެދުވެސް ވާހަކަދެކެވެއެވެ. އަޅުގަނޑުގެ ވިސްނުން މިކަމުގައިވެސް ތަފާތެވެ. ސަބަބަކީ އަންހެނުންނާއި ފިރިހެނުންނަކީ ތަބީއީ ގޮތުން ތަފާތު ބައެކެވެ. އަންހެނުން ޝައުގު ވެރިވާ ކަންތައްތަކާއި ފިރިހެނުން ޝައުގުވެރިވާ ކަންތައްތަކާއި ތަފާތުވަނީ އެހެންވުމުން ކަމަށްވެސް ވެދާނެއެވެ. މިސާލަކަށް އަޅުގަނޑުމެން ތައުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއަށް ބަލައިފިނަމަ އެދާއިރާތަކުގައި ޚިދުމަތް ކުރާ އަންހެނުންގެ ނިސްބަތް އުޅެނީ ފިރިހެނުންނަށް ވުރެ ވަރަށް ބޮޑުތަނުން މަތީގައެވެ. ހަމައެހެންމެ އިމާރާތްކުރުމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއަށް ބަލައިފިނަމަ ފިރިހެނުންގެ ނިސްބަތް އުޅޭނީ ވަރަށް މަތީގައެވެ. މިދެންނެވި ތަފާތު ފެންނަން އެއޮތީ އަންހެނުންނާއި ފިރިހެނުން އެމީހުން އަމިއްލައަށް އިޚްތިޔާރުކުރާ އިޚްތިޔާރުކުރުމެއްގެ ސަބަބުންނެވެ.

އެއްވެސް ދާއިރާއަކުން އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ތަފާތުވުމުގެ ސަބަބުން އެދާއިރާއަކަށް ނޭދެވޭ އަސަރެއް ކުރާކަމަށް ފެންނަ ނަމަ ދެން ޖެހޭނީ އެދާއިރާއަކަށް މަދުވާ ޖިންސަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވާށެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ސުކޫލެއްގެ ގުރޭޑެއްގައި އުޅޭ ދަރިވަރަކު އެކުއްޖާ ކިޔަވާ މާއްދާތަކުގެ ތެރެއިން މާއްދާއަކުން ދަށްވެއްޖެނަމަ ނަތީޖާ ރަނގަޅުކުރުމުގެ ގޮތުން ސުކޫލުން އެކުއްޖާ ދަށްވި މާއްދާއިން އިތުރުކުލާސްތައް ބާއްވައިދެއެވެ. އެއީ އެކުއްޖާއަށް އިތުރު ވަގުތު ދީގެންނާއި އިތުރަށް އުގަންނައިދީގެން އެކުއްޖާގެ ނަތީޖާ ރަނގަޅުކުރެވޭތޯއެވެ. އެއްވެސް ހާލެއްގައި އެކުއްޖާ ފާސްނުވަނީސް ޕްރޮމޯޓުކޮށްދިނުމުގެ އުސޫލެއް ނޯވެއެވެ. އަދި ކަންކަން އެގޮތަށް އޮންނަ ނަމަ ކިޔެވުމަށް އެއްވެސް ކުއްޖަކު މަސައްކަތް ނުކުރީހެވެ. އެގޮތުން އިންތިހާބީ މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުމަށް ވެސް އޮތް ހައްލަކީ މިއީ އެވެ. އަޅުގަނޑުމެން ޖެހެނީ ޝައުގުވެރިކަން ހުރި ގާބިލު އަންހެނުންނަށް އެދާއިރާއިން ކުރިޔަށް ދިޔުމަށް ތަޢުލީމާއި ތަމްރީނުދޭށެވެ. އެފަދަ ފުރުޞަތުތައް ތަނަވަސް ކޮށްދޭށެވެ. އާއްމުންގެ ތެރެއަށް ނިކުމެ މީހުންނާއި ވާހަކަދައްކައި މަޝްވަރާކުރެވޭނެ ގޮތްތަށް ހަމަޖައްސައިދޭށެވެ. ޕޯޑިއަމްތަކުން އެފަދަ ފަރާތްތަކަށް ފުރުޞަތުތައް ހޯދައިދޭށެވެ.

ރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމެއް ތައާރަފުވެގެން މިދިޔައީ ދާދިފަހުން ނަމަވެސް ދުނިޔޭގައި ވަރަށް ގިނަދުވަސްވެފައިހުރި ބޮޑެތި ޑިމޮކްރަސީތައް އެބަހުއްޓެވެ. އެގައުމުތަކުގައި އިންތިހާބީ މަގާމުތަކުގައި މިއަދާއި ހަމައަށް އައިއިރުވެސް އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަ ކުރެވިފައިނުވެއެވެ. އަދި އެގައުމުތަކަކުން މިފަދަގޮތަކަށް ކޯޓާ ކަނޑައަޅައިގެން އެކަން ކުރާކަށްވެސް ނޫޅެއެވެ. އެހެންކަމުން “ތަބަކަށްލައިފަ” ގޮނޑިދޭ އުސޫލުން މީހަކު ނެރެ އޭނައަށް ވޯޓުދިނުމަށް ރައްޔިތުންނަށް މަޖުބޫރުވުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫނެވެ. އޭގެ ސަބަބުން ރައްޔިތުން ބޭނުންވާ މީހަކު ހޮވުމަށް ރައްޔިތުންނަށް ލިބިފައިވާ ހައްގުވެސް ގެއްލިގެން ދާނެއެވެ. އަދި އެގޮތަށް ކަންތައް ކުރުމުން އިންތިހާބުކުރާ މީހާގެ ފަރާތުން ރައްޔިތުން ބޭނުންވާ ޚިދުމަތެއް އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބުމަކީވެސް ވެދާނެ ކަމެކެވެ.