English Edition
Dhivehi Edition

މީގެ ކުރިން އިވެމުން ދިޔައީ ރާއްޖޭގައި 30 އަހަރުވަންދެން ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވެވި ބޭފުޅަކު މަގާމުން ބަދަލުކޮށް އާ ބަދަލަކަށް ދިވެހިން އެދެމުން ދިޔަތަނެވެ. ފެނިގެން ދިޔައީ ޑިމޮކްރަސީގެ ފުރިހަމަ ބާރާއި ހަމަތަކުގެ މަތިން މަގުތަކަށް ނިކުމެ ދިވެހިން އެދޭ ބަދަލަށް ވޯޓުދީ ފުރިހަމަ 30 އަހަރެއްގެ ވެރިކަން ބަދަލުކޮށްލިތަނެވެ. ތައުލީމާއި ތަހުޒީބުގެ ރޮނގުން ރާއްޖެ ކުރިއަރަމުން އަންނައިރު ރާއްޖޭގެ ލީޑަރޝިޕް ގައި ވަކި ބަޔަކު ބަގުޑި ބައްދައިގެން ނުތިބެ އިތުރު ޒުވާނުންނަށް ފުރުސަތު ދިނުމަށް ގޮވުނު ގޮވުން ތަކުގެ އަޑުތައް ގިނައެވެ. ގައުމު ތަރައްގީގެ ދުވެލީގައި ހަރުކޮށް ދުވާނީ ގައުމުގައި އިލްމީ ޖީލެއް އުފެދި އެ މީހުންނަށް ފުރުސަތު ދީގެން ކަމަށް ދެކެވުނު ވާހަކަތަކާއި ބަހުސްތައް ގިނައެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރުމަށް ބޭނުން ނުވި ހަގީގަތަކީ ވެރިކަމަކީ ވަރަށް ފޮނި މީރުކަމެއް ކަމެވެ. އެއްފަހަރު ނަމަވެސް އެ ލައްޒަތުގެ އަސަރުގައި ޖެހިއްޖެ ނަމަ އެ އުފާ ބީވެދާން ނޭދޭނެ ފުރިހަމަ އަރާމެއް ކަމެވެ. ޖާހާއި މަތިވެރިކަމާއި އިއްޒަތަކީ އަތަށް އެރުމަށް ފަހު ދޫކޮށްލަން ދަތި، ހިތްގައިމު އެއްޗެއް ކަމެވެ.

މިކަން އެންމެ ބޮޑަށް އެނގި ހާމަވެގެން ދަނީ ތަފާތު އެކިއެކި އިންތިޚާބު ތަކުންނެވެ. އާދައިގެ ކޮމެޓީތަކުން ފެށިގެން ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބު އަދި ރިޔާސީ އިންތިޚާބުންނެވެ. އެއްފަހަރު މަގާމު އަދާކުރުމަށް ފަހު ހިތުން ރުހުމުން އެ ގޮނޑި އެހެން މީހަކާ ހަވާލުކުރަން ބޭނުންވާ މީހަކު ނުފެނެއެވެ. ކަރުމަރު ހިފައިގެން ނަމަވެސް އެގޮނޑީގައި ބަގުޑި ބެއްދޭތޯ އެމީހަކަށް ކުރެވެން އޮތް މަސައްކަތެއް ކުރެއެވެ.

މިހާރު ބޯމަތިވެފައި އޮތް މަޖިލިސް އިންތިޚާބަކީ މީގެ ހަމަ ނަމޫނާ މިސާލެކެވެ. ރައްޔިތުންގެ ތާއީދާއި ފުރިހަމަ ސަޕޯޓާއެކު މަޖިލިހުގެ ގޮނޑިއަށް ހޮވުމަށްފަހު ރައްޔިތު މީހާ ވީ ތަނެއްވެސް ގިނަ ފަހަރު އެ މެމްބަރަކަށް ބަލާލެވޭ ކަމަކަށް ނުވެއެވެ. އިންތިޚާބުގެ ދުވަސްވަރު އެންމެ ގާތް މީހުންނާއި ދުރުތާ ތިމާގެ މީހުން އަދި ރައްޓެހިން ގިނަ ނަމަވެސް ގޮނޑި މިލްކުވުމުން ދައުރެއް ފުރިހަމަ ވަންދެން މެމްބަރު ގެއްެލެއެވެ. ގޮނޑި ހޯދައިދިނުމަށް ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރި މީހުން މަތިން ހަނދާން ނެތެއެވެ. ވީ ވައުދުތައް ފުއްދުމަށް ވުރެ މުހިންމު އެހެން ކަންތައްތައް ގިނަވެއެވެ. ނަތީޖާ އަކަށް ވެގެން ދަނީ އަމިއްލަ ދާއިރާ ލޮލުން ވެސް ދެކިލާނެ ފުރުސަތު ނުލިބި ދައުރެއް ހަަމަކޮށްލެވުމެވެ. ނަމަވެސް އަނެއް ދައުރަށް ކުރެވޭ އުއްމީދެއްގެ ބޮޑުކަމުން ދެވަނަ ފަހަރަށް ވެސް “ތަޖުރިބާ” އާއެކު ކަމަށް ބުނެ އެކަމަށް ކުރިމަތި ލެވެނީއެވެ. ޖީބުގައި ފައިސާ ގިނަ ނަމަ އެއްކަލަ “މޮޔައިން” އަލުން ހައްލާލެވެން ފަސޭހައެވެ.

“އަހަރެމެން ވެސް ދާއިރާއަށް މެމްބަރަކު ހޮވިން. ދުވަހަކުވެސް ދާއިރާގެ ކަމެއްގައި އުޅޭތަނެއް ނުފެނޭ. ގުޅިއަކަސް ފޯނެއް ވެސް ނުނަގާ. މަގެއްގެ މަތިން ފެނުނަސް ކަޅިވެސް އެއްލައެއް ނުލާ. އެކަމަކު މިހާރު އަނެއްކާވެސް އިތުރު ދައުރަކަށް ކުރިމަތިލާތަން ފެންނަނީ. އަހަރެމެންނަށް ކުރެވުނީ ހިތި ތަޖުރިބާ. މެމްބަރުގެ ތަޖުރިބާ ކަޑަ” ދާއިރާއެއްގެ ރައްޔިތަކު އެދާއިރާއަށް އާދައުރަކަށް ކުރިމަތިލާ މެމްބަރާ ބެހޭ ގޮތުން ކިޔައިދިނެވެ.

“ތަޖުރިބާ އަކީ އަހަރެމެން ގަބޫލުކުރާ އެއްޗެއް ނޫން. އެހެންމީހުންނަށް ވެސް ފުރުސަތު ދީބަލަ. އަލަށް ހޮވާ މީހާ ކުރާ ތަޖުރިބާ އާއި ހުނަރު މާ މޮޅުވުމަކީ ވެސް އެކަށީގެންވާ ކަމެއްނު. އާ ޒުވާނުންނަށް ފުރުސަތު ދޭން މިހާރު ތިބި މީހުން ބޭނުމެއް ނުވޭ. ރާއްޖޭގައި އިލްމީ އަދި ގާބިލް ޒުވާނުން މިއަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަށް ނިކުންނަމުން. ޒަމާނާ އެއްގޮތަށް ގައުމު ތަރައްގީކުރަން ބޭނުންނަމަ އެފަދަ ޒުވާނުންނަށް ފުރުސަތު ލިބެން ޖެހޭ. އެއްވެސް މަގާމަކީ ވަކި މީހެއްގެ މިލްކެއް ނޫން. ދައުރެއް ނިމޭއިރަށް ދެވަނަ ނުވަތަ ތިންވަނަ އަދި ހަތަރު ވަނަ ފަހަރަކަށް ވެސް އެ މަގާމު އަތުލެވޭތޯ މަސައްކަތް ކުރުމަކީ އެހެން މީހުންނަށް ވެވޭ ނާއިންސާފެއް” ކުރިއަށް އޮތް މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަވާ ކެންޑިޑޭޓަކު ކިޔައި ދިނެވެ.

ރާއްޖޭގައި ސިޔާސީޕާޓީތައް އުފެދި ޕާޓީތަކުގެ ހަރަކާތްތައް ގިނަވެ ޕާޓީ ރޫހުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ތިބި އިރު އަލަށް ޕާޓީއަށް ނިކުންނަށް ބޭނުންވާ ޒުވާނުންގެ ބަހަކީ ގާބިލް ޒުވާނުން ޕާޓީތަކަށް އައުމަކީ އެ ޕާޓީތަކުގެ ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުންނަށް “ބިރެއް” ކަމަށެވެ.

“އަލަށް އަންނަ މީހުންނަށް ގިނަ ފަހަރު ފުރުސަތު ދިނުމަށް ޕާޓީތަކުގެ ލީޑަރޝިޕުން ބޭނުން ނުވޭ. ޕާޓިތައް ވެސް ވަރުގަދަ ކުރެވޭނީ ގާބިލް ޒުވާނުން އެޕާޓިތަކާ ގުޅުނު މިންވަރަކުން. ނަމަވެސް ކަންތައްތައް ވަމުންދަނީ އެހެންނެއް ނޫން. ޕާޓީ އުފެދިގެން އަންނައިރު ފޯމު ފުރުމަށް ގޭގެއަށް ދާ ޓީމުތަކުގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުންނާއި ޕާޓީގެ ޖަލްސާތައް އިންތިޒާމުކުރުމަށް އަވަދިނެތި އުޅޭ ފަރާތްތަކުގެ އިތުރުން ޕާޓީގެ އިސްވެރިން ރަށްރަށަށް ކުރައްވަވާ ޒިޔާރަތްތަކުގައި މެހްމާން ދާރީ އަދާކުރުމަށް އިސްކޮށް ތިބޭ މެމްބަރުންނަށް ފުރުސަތު ލިބެނީ. އެއީ ގާބިލް މީހެއްތޯ ބެލުމެއްނެތް. ގާބިލް މީހަކު ޕާޓީއާއި ގުޅުނަސް އެކަން ވަނީ ކުރީގައި މަސައްކަތް ކުރާ މީޙުންނަށް ހުރި ބިރަކަށް” މަޖިލިސް ގޮނޑިއަށް ވާދަކުރައްވަވާ އެހެން ކެންޑިޑޭޓަކު ކިޔައިދެއްވިއެވެ.

ޒުވާނުން ބާރުވެރިކުރުމާއި ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ތަފާތު ފެންވަރުގެ ޔޫތް ލީޑަރޝިޕް ޕްރޮގްރާމުތައް ދަނީ ބާއްވަމުންނެވެ. ނަމަވެސް ތަމްރީނު ކުރެވޭ މި ޒުވާނުންގެ ތަޖުރިބާއެއް ނެތެވެ. ތަޖުރިބާ ކުރުމަށް ފުރުސަތު ދޭކަށް އެއްވެސް މީހަކު ބޭނުމެއް ނޫނެވެ. އަމިއްލައަށް އިސްނަގައިގެން ކަމަކަށް ކުރިމަތިލައިފިނަމަ އަންނަ އިންޒާރުތައް ގިނަ ވެއެވެ. ނުފޫޒުގަދަ މަގާމެއްގައި ހުރިނަމަ ތިމާ ފިޔަވައި އެހެން މީހުން މެދުވެރިކޮށް ނަމަވެސް އަލަށް ނިކުންނަ މީހާ “މަތަ “ކުރުވައެވެ. ވެރިކަމާއި ގޮނޑިތަކަކީ ވަކި މީހެއްގެ އެއްޗެއްކަމުގައި ބެލި އެހެން މީހަކަށް އެފުރުސަތު ނުދިނުމަށް ކުޅެވުނު ކޮންމެ ގޭމެއް ކުޅުމަށް ތައްޔާރުވެއެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރައްޔިތުން ވޯޓުދީގެން ހޮވާ މަގާމުތަކަކީ އާއިލާއިން ވާރުތަވެގެން އައި ކަމެއް ނޫން ކަމެއްވެ. ތިމާ ނޫން އެހެން މީހުންވެސް ގައުމުގައި ތިބިކަމެވެ. ތިމާއަށް ވުރެ މާމޮޅު ޒުވާނުން އެއްދުވަހުން އަނެއް ދުވަހަށް ގިނަވެ ގައުމުގެ އިސްސަފުގައި ހަރަކާތްތެރިވާން ބޭނުން ވެފައި ތިބިކަމެވެ. ހަމައާއި އިންސާފަށް ލޯބިކުރާނަމަ ތިމާއަށް ލިބުނު ތަޖުރިބާއާއެކު އެހެންމީހުންގެ ކުރިއެރުމަށް ވެސް ތިމާގެ ފުށުން އެހީތެރިކަން ފޯރުކޮށް ދޭންވީއެވެ. ތިމާއަށް ލިބުނު ތަޖުރިބާގެ އަލީގައި އާ ޒުވާނުން ކުރިއަރުވައި ހިތްވަރުދީ އިސް ސަފަށް ނެރެންވީއެވެ.