English Edition
Dhivehi Edition
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އަދި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް މިސް. ސުޝްމާ ސްވަރާޖް: ފޮޓޯ- ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެ އާއި އިންޑިއާ އާއި ދެ ގައުމުގެ ރައްޔިތުންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ވިސާގެ އައު އެގްރީމަންޓެއް ހަދަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވަން ނިންމަވާފައިވާ ރަސްމީ ދަތުރުފުޅުގައި މި އެގްރީމަންޓުގައި ސޮއި ކުރައްވާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ ދިވެހި ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި ބޭސް ފަރުވާއަށް އިންޑިއާ އަށް ދާ ދިވެހިންނަށްވެސް ފަސޭހައިން ވިސާގެ ކަންކަން ހަމަޖެހި މިހާރު ދިމާވަމުންދާ ދަތިތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅައި އެމަނިކުފާނު ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ސުޝްމާ ސްވަރާޖްއާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުވުމުގައިވެސް ވަނީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ދަތުރުފަތުރު ކުރުމުގައި ދެ ގައުމުގެ ރައްޔިތުންނަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ވިސާގެ އެއްބަސްވުމަކަށް އައުމަށް އެއްބަސްވެވަޑައިގެންފަ އެވެ.

މީގެއިތުރަށް މި ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ދެމެދުގައި ތަފާތު ދައިރާތަކުން ހާއްސަކޮށް އިޖުތިމާއީ، އިގްތިސޯދީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.