English Edition
Dhivehi Edition

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ވޮލީބޯޅަ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ހަމަޖައްސައިފިއެވެ

ވޮލީބޯޅަ އެސޯސިއޭޝަނުން ސަތޯއަށް އެ މަގާމު ދިނުމާ އެކު، އޭނާގެ 28 އަހަރުވީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ބެންޗުގައި ހުރުމުގެ ފުރުސަތު މިވަނީ ލިބިފައެވެ. މީގެ ކުރިން އެސޯސިއޭޝަން އާއި ޖެހެމުން ދިޔަ އެކި މައްސަލަތަކުގެ ސަބަބުން އެ ފުރުސަތު ލިބިފައި ނުވާ ސޯތާ ބުނީ 28 އަހަރުވީ ކެރިއަރުގައި، ގައުމަށް ހިދުމަތްކުރުމަށް ފުރުސަތު ފުރަތަމަ ފަހަރަށް ލިބުމުން އުފާވާކަމަށެވެ.އަދި މިއީ ދެކެމުން އައި ހުވަފެނެއް ސީދާވުންކަމަށެވެ

އައްޑޫ ސިޓީގެ ހިޒް ކްލަބަށް 1999 ވަނަ އަހަރު ގައުމީ ތަށި ހޯދައިދީ އެ ތަށި މާލޭން ބޭރަށް ގެންދިޔަ ފުރަތަމަ ކޯޗުގެ ޝަރަފް ހޯދި ސަތޯ ބުނީ އަމާޒަކީ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ހާލަތު އެއްކޮށް ބަދަލުކޮށްލުންކަމަށެވެ. އަދި އެ ޓީމަކީ މި ދެކުނު އޭޝިއާ ސަރަހައްދުގެ ވަރުގަދަ ބާރަކަށް ހެދުން ކަމަށް ސަތޯ ބުންޏެވެ

މިއަހަރު ސަތޯއަށްވަނީ ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިފައެވެ. މީގެ ކުރިން ސަތޯވަނީ 2007-2011 އާ ދެމެދު ރާއްޖޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުގެ ވީބީ އައްޑޫ އެފްސީގެ މެނޭޖަރެއްގެ ގޮތުގައި އަދި ގައުމީ ފުޓްބޯޅަ ޓީމްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ