English Edition
Dhivehi Edition

މޯލްޑިވިއަން އަކީ ދިވެހިންގެ ޤައުމީ އެއަރ ލައިނެވެ. އަދި އެއީ ދިވެހިން ފަހްރުވެރިވާ އެއަރލައިނެކެވެ. ސަބަބަކީ ބޭރުމީހުންގެ ކުރިމަތީ ދިވެހިން ތަމްސީލް ކޮށްދޭ ފުރަތަމަ ސަވާރީއަށް ވުމެވެ.

މޯލްޑިވިއަން އަކީ ވެސް ވިޔަފާރި ކުންފުންޏަކަށް ވީތީ އަނދިރި ފަރާތެއް އޮވެދާނެއެވެ. ޙަޤީގަށް އަންގަން ބޭނުންނުވާ ކަންކަންތައްތަކެއް ހުރެދާނެއެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން ރައްޔިތުންނަށް އެކަން އެނގޭނެއެވެ. އެގޮތުން މިއަދު އެކަން މިވަނީ ފަޅާ އަރާފައެވެ.

ދާދި ފަހުން މޯލްޑިވިއަން އިން އިޢުލާންކުރި ފްރޮމޯޝަނުން އެކަން އެނގިއްޖެއެވެ. ރައްޔިތުން ފެލަމުން ބޮޑު އަގުގައި ވިއްކަމުން ދިޔަ ޓިކެޓް ކުއްލިއަކަށް އަގުހެޔޮވެ %50 އާއި ހަމައަށް ދައްކޮއްލީއެވެ. އެއިރު ބުނަމުން ދިޔައީ އެތެރޭގެ އުދުހުންތައްވެސް ކުރަމުން ދިޔައީ ގެއްލުމުގައި ކަމަށެވެ. ނަމަވެސް އެއީވެސް ރައްޔިތުން ނުކަތާ ވަރަށް ބޮޑު އަގުގައި ޓިކެޓް ވިއްކައިގެންނެވެ. ފްލައިޓް ފުލްކޮށް އަބަދު އޮންނަ އިރުވެސް ގެއްލުމުގައި ކުރާ ދަތުރުތަކެއްކަމަށެވެ. ނަމަވެސް ޓްރިވެންޑްރަމަ ށް 99$ އަށް ކުރަން ވީމާ ގެއްލުން ފޫބެއްދުނީއެވެ. ގަމުން ޓްރިވެންޑްރަމަށް ކުރާ ދަތުރަކީ 1097.38 ކިލޯމީޓަރ ގެ ދަތުރަކަށް ވާއިރު އެދަތުރުގެ ދިގުމިނަކަށް 1 ގަޑިއިރާއި 25 މިނަޓް ހޭދަވެއެވެ. ނަމަވެސް ގަމުން މާލެއަށް ކުރާ ދަތުރަށް 1 ގަޑި އިރާއި 10 މިނަޓް ހޭދަވާއިރު އަގަކީ 115$ އެވެ.

މިވާހަކަތައް މީސްމީޑިއާގައި އާއި ތުންތުންމަތިން ރައްޔިތުން ދައްކަން ފެށުމުން މޯލްޑިވިއަނަށް ޖަވާބު ދާރީއެއް ނުވެވުނެވެ. ރައްޔިތުންނަށް އޮޅުވާލައިގެން ހިންގަމުން ދިޔަ ޖަރީމާ ރައްޔިތުންނަށް އެނގިގެން ދިޔުމުން އެކުންފުނި ހަމަހިމޭން ވެއްޖެއެވެ. ރަސްމީ ސިފައެއްގައި މޯލްޑިވިއަން އިން މިކަމަށް ޖަވާބުދާރީ ނުވިނަމަވެސް އެތަނުގެ މުވައްޒަފުންގެ ފަރާތުން އިވެމުންދާ އަޑަކީ ޓިކެޓް އަގުހެޔޮ ކުރީ އަހަރީ ޗުއްޓީ އާއި ދިމާކޮށް ކަމަށެވެ. ހުރިހާ ބިދޭސި ޓީޗަރުންނާއި، ގިނަ ބަޔަކު ދަތުރު ކުރާނެތީ އެވެ.

ގިނަ ބަޔަކު ދަތުރު ކުރާނެތީ ހެޔޮ ނިޔަތުގައި ކުންފުނިން މިފަދަ ބޮޑު ގެއްލުމަކާއި ކުރިމަތި ލާފާނެބާއޭ އެއީ ގިނަ ބަޔެއްގެ ސުވާލެކެވެ. ދުވާލަކު 5 ފްލައިޓް ފުލްކޮށް ގަމާއި މާލެއާއި ދެމެދު ދަތުރު ކުރާއިރު ހެޔޮ ނިޔަތް ނެތީ ކީއްވެގެން ހެއްޔެވެ؟ އިތުރު އެއަރ ލައިންއަކުން އަގު ހެޔޮކޮށް ދަތުރު ފެށުމާއި އެކު އެއަގުގައި މޯލްޑިވިއަން އިން ދަތުރު ކުރީމާ އެއަށްވެސް ހެޔޮ ނިއަތޭ ކިޔޭނެ ހެއްޔެވެ؟ ނުވަތަ މަޖްބޫރު ވެގެންނޭ ނުކިޔޭނެ ހެއްޔެވެ؟

ކޮންމެއަކަސް ވިޔަފާރީގެ ނަޒަރުން ބަލާނަމަ މޯލްޑިވިއަން އިން ޖައްސަމުންދާ ސްޓަންޓްތަކަށް ބުނެވޭނީ ހަމަ ސާބަހެވެ. ނަމަވެސް ނިކަމެތި ރައްޔިތުންނަށް އޮޅުވާލަން ފެށީމާ އެރައްޔިތުންނަށް ޙަޤީގަތް އެނގިއްޖެވެ. ރައްޔިތުންގެ އަސާސީ މިފަދަ ކަމެއްގައި އެރައްޔިތުންނަށް މިފަދަ ބޮޑެތި ގެއްލުން ދިނުން ރަނގަޅެއް ނޫނެވެ.

1 ކޮމެންޓް
މަރީ
ނޮވެމްބަރު 17, 2018
ދިރާގު މެން އުރީދޫމެން ވެސް އަހަރުމެން ފެލަނީ