English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލަށާއި ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މި ގަރާރު ފާސްކުރުމާ ދެކޮޅަށް ނުވަ މެންބަރަކު ވަނީ ވޯޓް ދެއްވާފަ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މި ގަރާރު އިސްލާހުކޮށްފައިވާއިރު، ގަރާރަށް އިތުރު ކޮށްފައި ވަނީ ރައީސް ނަޝީދާއި ރައީސް ނަޝީދާ އެއްފަދައިން ހުކުމް ކޮށްފައިވާ އެންމެހާ ފަރާތްތަކުގެ މައްސަލަތައް މުރާޖައާކޮށް، މިނިވަންކޮށް، އިންސާފު ގާއިމުކޮށްދިނުމަށް ޕްރޮސެކިއުޓާރ ޖެނެރަލަށާއި ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށެވެ.

ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މިގަރާރު މިއަދު ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ އަލުން މުރާޖައާކޮށް އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް މުއައްސަސާއަކުން އެއްވެސް ފިޔަަވަޅެއް ނޭޅުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރުކޮށްފަ އެވެ.

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ޖުމްލަ 49 މެމްބަރަކު ސޮއި ކުރި ގަރާރުގައި ޕީޕީއެމްގެ 12 މެމްބަރަކު ސޮއި ކުރައްވާފައި ވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ހައިކޯޓާއި ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.