English Edition
Dhivehi Edition

ވަރަށް މޮޅުވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި، އާމިރު ހާނާއި އަމީތާބް ބައްޗަންގެ ބޮޑު ބަޖެޓް ފިލްމު “ތަގްސް އޮފް ހިންދުސްތާން” ކްރިޓިކުންނާއި ބެލުންތެރިން މާޔޫސްކޮށްލައި، އުންމީދުތައް ފެނަށް ދުއްވާލައިފި އެވެ

މި ދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމަށް ފާޑުކީ ގިނަ ކްރިޓިކުން ބުނި ގޮތުގައި މިއީ އަހަރުގެ އެންމެ ބޮޑަށް މާޔޫސްކަން ގެނުވި ފިލްމުކަމަށާއި މިއީ ސަލްމާން ހާންގެ “ރޭސް 3” އަށް ފަހު، ބެލުންތެރިންގެ ހިތްތައް މަރައިލި ފިލްމެއް ކަމަށެވެ.

މޮޅު ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރެވުނަސް މިއީ އެއްގޮތަށް ވެސް ބޮޑު އަގުގައި ޓިކެޓް ގަނެގެން ބަލަން ހެރޮވާރުގެ ފިލްމެއް ނޫންކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ.ފިލްމު ބެލި ގިނަ ބަޔަކު ބުނެފައިވަނީ ފިލްމުގެ ފުރަތަމަ ހާފުން ޝައުގުވެރި ކަންތައްތަކެއް ފެނުނަސް، ފިލްމު ނިންމައިލަން ޖެހުނީ ބޮޑު އުދާސްތަކަކާ އެކުގައިކަމަށެވެ.

ފިލްމީ ކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ތަގްސް އޮފް ހިންދުސްތާން އަކީ ވިދާ ކޮންމެ އެއްޗަކީ ރަނެއް ނޫންކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދީފައިކަމަށެވެ. އަދި ފިލްމުގައި ތަރިންގެ އެކްޓިން އަށް ބަލާ އިރު ވެސް އެއްވެސް މީހެއްގެ ރޯލުގައި މާ ބޮޑު ހާއްސަ ކަމެއް ނެތް ކަމަށާއި އެކްޓިން އަށް ވެސް ތައުރީފު ކުރާނެ ޖާގައެއް ނެތްކަމަށެވެ