English Edition
Dhivehi Edition

ރިޔާސީ އިންތިހާބު ނިމި މަޖިލީސް އިންތިހާބުގެ ފޯރި އަނެއްކާވެސް ވައިގައި ހިފާފައިވާއިރު އައްޑޫ އަތޮޅު މީދޫ އާއި މަރަދޫފޭދޫގެ ގިނަ ރައްޔަތުންގެ މޫނުމަތިން ފެންނަމުންދަނީ ފޫހިކަމާއި މާޔޫސްކަމެވެ. މީދޫ ދައިރާ ކަޑައަޅާފައިވާ އިރު ކަނޑު ހުރަސްކޮށް މާދުރުގައިވާ ރަށަކާ އެކު އިންތިހާބު ގައި ވާދަކުރަން ޖެހުމުން ފެންނަމުންދާ ކަންބޮޑުވުންތަކެވެ. އާބާދީ ހަމަނުވާ ރަށްތައް އެއްކޮށްލުމުން އަތޮޅުގެ އެންމެ މީހުން މަދު ދެރަށް ކަމުގައިވާ މަރަދޫފޭދޫ އާއި މީދޫ އެއް ދާއިރާއަކަށް ހެދުން ވެގެންދިޔައީ ދެ ރަށު ރައްޔަތުންނަށްވެސް ބޮޑު ތަކްލީފަކަށެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ތިން ކެންޑިޑޭޓުން ވާދަކުރެއްވި އިރު އޭގެ ތެރެއިން ޕީޕީއެމް ކެންޑިޑޭޓް ފިޔަވައި ދެން ތިބި ދެ ބޭފުޅުންނަކީވެސް މީދޫއަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. މީދޫގައި އެމްޑީޕީން ވާދަކުރެއްވި ކެންޑިޑޭޓް ހިޔާޒް އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބުރުގެ ކެމްޕެއިން ވަރަށް ފޯރިއާއި އެކު ކުރިއަށް ގެންގޮސްފައިވާއިރު މަރަދޫފޭދޫއަށް ނިސްބަތްވާ ޕީޕީއެމް ކެންޑިޑޭޓްގެ މާ ބޮޑު ކެމްޕައިން ހަރަކާތްތަކެއް މީދޫގައި ހިންގާފައެއް ނެތެވެ. މީދޫގައި އިބުރުގެ ކެމްޕެއިން ހަރަކާތްތައް މެކުހަށް ޖަހާފައިވީ ނަމަވެސް މަރަދޫފޭދޫގައި އިބުރުގެ ކެމްޕެއިންގެ މާ ބޮޑޫ ހަރަކާތްތަކެއް ހިންގިފައެއް ނެތެވެ.

“އަސްލު ވާ ގޮތަކީ ކަނޑު ހުރަސްކޮށް ދާން މި ޖެހެނީ. އެއް ކެންޑިޑޭޓަކު ކިހިނެތް ދުރުގަ އޮށް ދެރަށަށް ގޮސް ކެމްޕެއިން ކުރާނީވެސް. އަސްލު އެމްޑީޕީ ކެންޑިޑޭޓަށްވެސް އެ ރަށަށް ގޮސް މާ ބޮޑު ކެމްޕެއިނެއް ނުކުރެވޭ. އެކަމަކު އެ ރަށަކީ ފެށުނީއްސުރެ އެމްޑީޕީގެ ރަށެށްވީމަ އެ ރަށުގެ އެމްޑީޕީ މެމްބަރުން ވަރަށް ގަދައަށް ކެމްޕެއިން ޖެއްސި. އެކަމަކު އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަކަށް އެއީ ފަސޭހަކަމެއް ނޫން.” އިންތިހާބުތެރޭގައި މީދޫގެ ޒުވާނަކު ބުންޏެވެ

. .އެ އިންތިހާބުގައި ދެ ރަށަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުން ކުރި ބުރަ މަސައްކަތުން ހިޔާޒް ހޮވިފައިވާއިރު އެ ޕާޓީގެ ގިނަ މެމްބަރުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މާ ދުރުގައިވާ ރަށަކާ ދާއިރާ ގުޅުވާލާފައިވުމެވެ.

”އަސްލު މީ ވަރަށް އުދަގޫ ކަމެއް. މިހާރު ކައުންސިލަރަކަށް ހޮވޭ މީހަކަށްވެސް ކިހާ ބޮޑު އުދަގުލަކާ މި ކުރިމަތިވަނީ. މާ ދުރުގަ އޮށް ދެ ރަށުގަ މަޝްރޫއުތައް ހިންގުމަކީވެސް ކިހާ އުދަގޫ ކަމެއް. އަނެއްކޮޅުން މަރަދޫފޭދޫ މީހަކު ހޮވިއްޖެއްޔާ އެ މީހަކު މީދޫ މީހުންނަށް ނުވެސް ފެންނާނެ. މީދޫ މީހަކު ހޮވިއްޖެއްޔާ މަރަދޫފޭދޫ މީހުންނަށް ނުފެންނާނެ. މި ދެރަށް ވަކިކޮށްގެން ނޫނީ ދެރަށުން ކުރެ ރަށަކަށް އެއްވެސް ކަމެއް ނުވާނެ.” އިންތިހާބުގެ ކުރިން އެމްޑީޕީގެ މެމްބަރަކު ބުންޏެވެ.
.
ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު އިބުރަތްތަކާއެކު ދެ ރަށުގެ ރައްޔަތުންގެ އެންމެ ބޮޑު އުއްމީދަކީ މަޖިލީސް އިންތިހާބުގައި ދެ ރަށް ވަކިވެ ދެ ދާއިރާގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. އެހެންނަމަވެސް މިއަދު އެ ދުވަސް އައިސް ޖެހުނު އިރުވެސް މި ދެ ރަށް މި އޮތީ ހަމަ ކުރިންވެސް އޮތް ނިކަމެތި ހާލަތުގައެވެ

ކައުންސިލުން އިލެކްޝަން ކަމިޝަނާއި އެކު ބޭއްވި މަޝްވަރާގައި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އައްޑޫގެ އިންތިޚާބީ ދާއިރާތަކަށް ބަދަލު ގެނެސް އިތުރު ދެ ގޮނޑި ލިބުމުގެ ފުރުސަތު ބޮޑު ކަށް ގިނަ ބަޔަކު ދަނީ ގަބޫލުކުރަމުންނެވެ. މީދޫގެ މިހާރު ގެ އާބާދީ އަކީ 2961 މީހުން ކަމުން އާބާދީއަށް ބަލައި އިދާރީ ދާއިރާ ކަނޑައަޅާއިރު މީދޫގެ މިހާރުގެ އާބާދީއަށް 349 މީހުން ހުޅުދޫން އިތުރުކޮށް 3340 މީހުންނާއި އެކު ދާއިރާ ވަކިކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ދެ ރަށުގެ ރައްޔަތުންވެސް ވަނީ ނުރުހުންފާޅުކޮށްފައެވެ.

މި ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު ހުޅުދޫ އަށް ނިސްބަތްވާ ރައްޔަތުން ބުނަމުންދަނީ އެއީ ރަށުގެ ކަންކަމުގައި އެމީހުންނަށް ބަސްބުނަން އޮތް ހައްގު ފޭރިގަތުން ކަމުގައެވެ،މި މައްސަލައިގައި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުންދާއިރު މީދޫ މީހުން ބުނެފައިވަނީ މިނިވަން ރަށެށްގެ ގޮތުން އެ ރަށުގެ މީހުންވެސް ބޭނުންވަނީ ވަކި ގޮނޑިއެއް ކަމަށެވެ. “މީދޫ ދަފްތަރުގައި ތިބި މީހުން މީދޫއަށް ރަޖިސްޓްރީކޮށްގެންވެސް މީދޫ ދާއިރާ ވަކިކުރަން ޖެހޭ. ހުޅުދޫ 349 ރައްޔަތުންގެ ހައްގަށް އެރުމުގެ ހައްގެއް އެއްވެސް ބަޔަކަށް ނެތް” ހުޅުދޫ ޒުވާނަކު ބުނެފައިވެއެވެ

އެހެންކަމުން އަނެއްކާވެސް މި އޮތީ މީދޫ މަރަދޫ ފޭދޫ ދާއިރާގެ މައްސަލަ ބޮޑު ސުވާލެއްގެ ތެރޭގައެވެ. ދެ ރަށުގެ ރައްޔަތުންގެ އެދުމަކީވެސް ވަކި ގޮނޑިއެއް އެ ރަށަކަށް ލިބި އެ ރަށް ތަމްސީލުކުރާ މަޖިލީސް މެމްބަރަކު ހުރުމެވެ. މިހާރުވެސް ދެ ރަށް އޮތް ނިކަމެތި ހާލަތުން ސަލާމަތްވެ ވަކި އިދާރާއެއްގެ ގޮތުގައި މަސައްކަތްތައް ކުރިއަށް ދިއުމެވެ

މީދޫ އާއި މަރަދޫފޭދޫ ދާއިރާ ވަކި ކުރާއިރު ވަކި ރަށްތަކާއި ނުގުޅުވައި ދާއިރާއަށް ބޭނުންވާ އާބާދީ ހަމަކުރުމުގެ ފުރުސަތު އޮތް ނަމަވެސް އިންތިހާބީ ގާނޫނުގައިވާ މުއްދަތުން އެކަން ފުރިހަމަ ކުރެވެން ނެތެވެ. ދެން އޮތްގޮތަކީ މާލޭ ދަފްތަރުގައި ތިބި މީދޫގެ 1600 މީހުން އަނެއްކާވެސް މީދޫއަށް ރަޖިސްޓްރީވުމެވެ. އެކަމަކު މީދޫގެ ރަޖިސްޓްރީގަ ތިބެން ބޭނުންނުވެގެން މާލޭގެ ދަފްތަރުގައި ޖެހިގެން ތިބި މީހުން އެކަން ނުކުރާނެކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ދެން އޮތް ގޮތަކީ ހުޅުދޫގެ 349 މީހުން މީދޫގެ އާބާދީއަށް އިތުރުކުރުމެވެ. އެކަމަކު މިއީ ވުމަށް ވުރެ ނުވުން ގާތްކަމެއްކަން ޔަގީނެވެ. އެހެންކަމުން މަޖިލީސް އިންތިހާބު ފެށޭ އިރުވެސް މި މައްސަލައަށް ހައްލެއް ނުލިބި އަނެއްކާވެސް މަރަދޫ ފޭދޫ އާއި މީދޫ އެއް ދާއިރާއެއްގެ ގޮތުގައި އޮތުމަކީވެސް ދުރުކަމެއް ނޫނެވެ. މި މައްސަލައަށް ރަގަޅު ހައްލެއް ނުލިބިއްޖެ ނަމަ މިއީ ހަމަ ޔަގީނުންވެސް ދެރަށުގެ ރައްޔަތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތިކަމެކެވެ