English Edition
Dhivehi Edition

ޕިންކް ރިބަން ގެ ނަމުގައި ކެންސަރ އެސޯސިއޭޝަން އިން ބާއްވަމުންދާ ދުވުން އޮކްޓޯބަރ 27 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދުވުމަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން ދާ ހަރަކާތެކެވެ. އެގޮތުން މިއީ މެދު ނުކެނޑި މި ހަރަކާތް ބާއްވާ 5 ވަނަ އަހަރެވެ.

މިއަހަރުގެ މިދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަހައްދުގައެވެ. އެގޮތުން ހަވީރު 16:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ބައިވެރިވުމަށް ކުރިއާލައި ރަޖިސްޓަރީ ކުރާކަށް ނުޖެހެއެވެ. ނަމަވެސް ދުވުމުގައި ބައިވެރިވުމަށްޓަކައި ބޭނުންކުރާ ޓީ ޝާރޓް މިހާރު މާލޭގެ ގިނަ ފިހާރަތަކުން ލިބެން ހުންނާނެކަމަށް އެއެސޯސިއޭޗަން އިން މަޢުލޫމާތު ދެއެވެ.

މިއަހަރުގެ މި ހަރަކާތުގައި ރަސްމީކޮށް ބޭންކް އޮފް މޯލްޑިވްސް އިން ބައިވެރިވާނެކަމަށް އެކުންފުނިން ހާމަކޮށްފައި ވެއެވެ. އެގޮތުން އެކުންފުނީގެ ގިނަ މުވައްޒަފުން ބައިވެރިވާނެކަމަށާއި، އަދި ހަރަކާތް އިންތިޒާމް ކުރުމުގައި ވެސް އަމަލީގޮތުން ބައިވެރިވަމުން ދާކަމަށް ކުންފުނީގެ ސީއީއޯ އެންޑްރިއު ހެއިލީ ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ވެސް ބޭންކް އޮފް މޯލްޑިވްސް އާއި ކެންސަރ އެސޯސިއޭޝަން ގުޅިގެން ތަފާތު އެކި ހަރަކާތްތައް ހިންގާފައިވެއެވެ. އަދި ގިނަ ހަރަކާތްތަކަކީ ވަރަށް ކާމިޔާ ހަރަކާތްތަކެކެވެ.