2014 ވަނަ އަހަރުގެ މެއިން ފެށިގެން 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހާ ހަމައަށް، އިއުލާން ކުރުމަކާ ނުލައި ފެނަކަ ކޯޕަރޭޝަނަށް މުއައްޒަފުން ވައްދާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި ނެރުއްވި އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި މުއްދަތުގެ ތެރޭގައި އިއުލާން ކުރުމަކާ ނުލާ ފެނަކައަށް އަށްވަނީ 105 މުއައްޒަފުން ވައްދާފައެވެ. އިއުލާން ނުކޮށް، މުވައްޒަފުން ނެގީ ކުންފުނީގެ ހިންގާ ގަވައިދާއި މުވައްޒަފުންގެ ގަވައިދުގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށް ފެނަކައިންވަނީ ބުނެފައެވެ. އޮޑިޓް ރިޕޯޓުގައިވާ ގޮތުން 22 ސެޕްޓެމްބަރ 2016 އިން ފެށިގެން ފެނަކައިންވަނީ އިއުލާން ނުކޮށް މުއައްޒަފުން ނެގުން ހުއްޓާލާފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އިއުލާން ކުރުމަކާ ނުލައި މުވައްޒަފުން ނަގާ ނަމަ، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ފުރުސަތު އޮންނާނެކަމަށާއި ކުންފުންޏާ މެދު އިތުބާރު ކުޑަވާނެކަން ވަނީ ފާހަގަކުރައްވާފައެވެ