English Edition
Dhivehi Edition

އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށްގެން އޭޝިއަން ރޯވިން ފެޑެރޭޝަނުން ބާއްވާ އޭއާރުއެފް ކޮންގްރެސް މި އޮގަސްޓް މަހުގައި ބާއްވައިފިއެވެ.

އޮގަސްޓްމަހުގެ 22 އިން 23 ގެ ނިޔަލަށް އިންޑޮނޭޝިއާގެ ޕެލަމްބަންގްގައި ބޭއްވި މި ކޮންގްރެސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ރޯވިން އެސޯސިއޭޝަނުގެ ރައީސް އަޙްމަދު ޙަބީބެވެ.

ކޮންމެ 3 އަހަރަކުން ބާއްވާ މި ކޮންގްރެސްގައި ރޯވިން ފެޑެރޭޝަނުގެ ރައީސް ކަމުގެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރެއެވެ. އެގޮތުން ކުރިއަށް އޮތް 3 އަހަރަށް ހޮވިވަޑައިގެންފައިވަނީ ތައިލެންޑް ގެ ރޯވިން އެސޯސިއޭޝަންގެ ރައީސް އެޑްމިރަލް ޗިނަރޮންގެވެ.

މަގާމާ އަލަށް ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި އާ ރައީސް ވަނީ ކުރިއަށް އޮތް 3 އަހަރު ރާއްޖޭގައި އިވެންޓު ބޭއްވުމަށް ފޯކަސް ކުރައްވަވާ ކަމަށާއި އެއީ ވަރަށް ބޮޑު ޝައުގެއް ކަމަށް ވިދާޅުވެފައެވެ.

ރޯވިން ފެޑެރޭޝަނުން ބާއްވާ މި ކޮންގްރެސް އަބަދުވެސް ބާއްވަނީ އޭޝިއަން ގޭމްސް ދުވަސްވަރާ ދިމާކޮށެވެ. އޭޝިއަން ގޭމްސްގެ ރޯވިން މުބާރާތް މިފަހަރު ބާއްވަނީ ވެސް އިންޑޮނޭޝިއާގެ ޕެލަމްބަންގް ގައެވެ.

ކޮންގްރެސް އަށް ފަހު “އޭއޯނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ހަބީބް ވިދާޅުވީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ އެސޯސިއޭޝަން ތަކާއެކު ކޮންގްރެސްގެ ހަވާސާގައި ، ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭގޮތުން ކާމިޔާބު މަޝްވަރާތައް ކުރެވުނު ކަމަށެވެ.

2009 ވަނަ އަހަރު ރާއްޖެގެ ރޯވިން އެސޯސިއޭޝަން ރަޖިސްޓަރީ ކުރެވުނު ފަހުން، ކޮންމެ އަހަރަކުވެސް އޭއާރުއެފްގެ ކޮންގްރެސްގައި ރާއްޖެއިން އަންނަނީ ބައިވެރިވަމުންނެވެ. މީގެ އިތުރުން ރާއްޖޭގައި ރޯވިންގ ކުރިއަރުވައި ކުޅަދާނަ ފަލިޖެހުންތެރިންތަކެއް ތަމްރީނު ކޮށް ބައިނަލް އަގުވާމީ އެކި މުބާރާތް ތަކުގައި އަންނަނީ ވާދަކުރަމުންނެވެ.

ރޯވިން އެސޯސިއޭޝަނުގެ ރައީސް ހަބީބު ވިދާޅުވީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ރާއްޖޭގައި ކުރިއަރަމުން އަންނަ ރޯވިން މިއަށް ވުރެ ކުރިއަށް ގެންދިއުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ކޮންގްރެސް ގައި ބައިވެރިވުމަށް ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން ވެ ދެއްވެވި އެހީތެރިކަން ވެސް ހަބީބް ވަނީ ފާހަގަކޮށް އެފަރާތަށް ޝުކުރު އަދާކުރައްވަވާފައެވެ. މީގެ އިތުރުން މެމްބަރޝިޕް ފީ ދެއްކުމުގައި ހެޔޮއެދޭ ފަރާތްތަކުން ވެ ދެއްވެވި ދީލަތި އެހީތެރިކަންވެސް ހަބީބް ވަނީ ފާހަގަކުރައްވަވާފައެވެ.