English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް ފައިނަލްގައި ރޭ ކްރޮއޭޝިއާ އާއި ފްރާންސް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް 1988 ވަނަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ފްރާންސް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފިއެވެ.

20 އަހަރު ފަހު ރޭ ރަޝިޔާގައި ކުޅުނު ފައިނަލް މެޗު ފްރާންސްއިން ކާމިޔާބުކޮށްފައިވަނީ 2-4 ލަނޑުން ކްރޮއޭޝިޔާ ބަލިކޮށްގެންނެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީ ފްރާންސް އިންނެވެ. މި ގޯލަކީ މެޗުގެ 18 ވަނަ މިނެޓްގައި ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި ލަނޑާއި އެކު ކްރޮއޭޝިޔާވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި މެޗުގެ 28 ވަނަ މިނެޓްގައި އިވާން ޕެރިސިޗްގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް ޕެރިސިޖް މި ލަނޑު ކާމިޔާބުކުރިތާ 10 މިނެޓްފަހުން ފްރާންސް އަށް ލިބުނު ޕެނަލްޓީއަކުން އެޓީމު ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ.

ވީއޭއާރު ބޭނުން ކޮށްގެން ރެޕްރީދިން މި ޕެނަލްޓީ އާއި އެކު ފުރަތަމަ ހާފް ފްރާންސް އިން ނިންމާލިއިރު މެޗުގެ 59 ވަނަ މިނެޓްގައި ޕޯލް ޕޮގްބާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ފްރާންސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ޕޮގްބާގެ މި ގޯލާއި އެކު ޕްރާންސްއިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ގިނަ އެމްބާޕޭ ކާމިޔާބު ކުރި ލަނޑުން މެޗުގެ ލީޑު ފުޅާކޮށްފައެވެ..

މި ލަނޑާއި އެކު އުމުރުން 19 އަހަރުގެ އެމްބާޕޭ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ފައިނަލެއްގައި ގޯލެއް ކާމިޔާބުކުރި ދެވަނަ އަށް އެންމެ ހަނގު ކުޅުންތެރިޔާއަށެވެ

ވޯލްޑް ކަޕެއްގެ ފައިނަލެއްގައި މިހާތަނަށް ގޯލެއް ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިއަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ. އެގޮތުން 1958 ވަނަ އަހަރުގެ ފައިނަލްގައި ޕެލޭ ގޯލު ކާމިޔާބުކުރިއިރު އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ.

މި ގޯލަށްފަހު ފްރާންސް އިން މެޗުގެ ކޮންޓްރޯލް އަތުލިއިރު ކްރޮއޭޝިއާގެ ދެވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާރިއޯ މަންޒުކިޗްއެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ފްރާންސްގެ ކީޕަރު ލޮރިސް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

ދެވަނަ ފަހަރަށް ފްރާންސް އިން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ ތާރީހުން ޖާގަ ހޯދާފައެވެ. އެގޮތުން ޑެޝޯމްޕް ވެގެން ގޮސްފައިވަނީ ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ވޯލްޑް ކަޕް ކާމިޔާބުކުރި ތިންވަނަ ފަރާތަށެވެ.