English Edition
Dhivehi Edition

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުޑަކުދިންނަށް ދިމާވާ އަސަރުތައް ދެނެގަތުމަށްޓަކައި ކުރެވޭ ދިރާސާއަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޓީމެއް އައްޑޫސިޓީގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މިޓީމްގެ ފަރާތުން އިއްޔެ ވަނީ އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވާފައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން ކުރެވޭ މި ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް މި ޓީމްގެ ފަރާތުން އައްޑޫސިޓީގައި އިއްޔެއިން ފެށިގެން 2 ދުވަހުގެ މުއްދަތަށް ހަރަކާތްތެރިވާނެއެވެ.

މިޓީމްގެ ފަރާތުން ބޭނުންވި ބައެއް ސުވާލުތަކަށް ކައުންސިލްގެ ފަރާތުން ޖަވާބު ދެއްވީ ޑެޕިއުޓީ މޭޔަރ އަލްފާޟިލް މުޙައްމަދު ޔަސްރިފާއި ކައުންސިލަރ ފައިސަލް އިބްރާހީމް އެވެ. މިބޭފުޅުންގެ އިތުރުން މި ބައްދަލުވުމުގައި ކަމާއިގުޅޭ ސެކްޝަންތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.

މި ޓީމްގެ ބޭފުޅުން މައުލޫމާތު އެއްކުރުމުގެ ގޮތުން ހިތަދޫ އަވަށުގެ ގޭގެއަށް ވަޑައިގެން އާއްމުންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި ކަމާއި ގުޅުން ހުރި މުއައްސަސާތަކަށް ޚާއްސަކޮށް ސިއްޙީ ޚިދުމަތްދެއްވާ ތަންތަނަށް ވަޑައިގެން އެތަންތަނުންވެސް ބޭނުންވާ މައުލޫމާތު އެއްކުރައްވާނެއެވެ.