English Edition
Dhivehi Edition

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ލިތިއަމް ބެޓްރީޕެކެއް ގޮވުމުގެ ހާދިސާއެއް ހިނގައިފި އެވެ. އިންޑިއާގެ ކޮޗިންއިން ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރުކުރި ޔޫއެލް 166 ފްލައިޓްގައި ގޮވީ ފަސިންޖަރެއްގެ ހޭންޑް ލަގެޖުގެ ތެރޭގައި އޮތް ލިތިއަމް ބެޓްރީ ޕެކަކާއި ދެ މޯބައިލް ފޯނުކަމަށް ސްރީލަންކަން އެއާލައިނުން ބުނެއެވެ. މި ހާދިސާގައި، ފްލައިޓުގައި ތިބި 202 ފަސިންޖަރަކަށް އަދި ކްރޫއިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ސްރީލަންކަން އިން ބުނީ މި ހާދިސާގެ މައުލޫމާތު ވަގުތުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޓްރެފިކް ކޮންޓްރޯލަރުންނާ ހިއްސާ ކުރެވުނު ކަމަށާއި، ފްލައިޓު އެއާޕޯޓުގައި ޖެއްސި ވަގުތު ފަޔާ ފައިޓަރުން އެ ފްލައިޓަށް އެޓެންޑުކުރި ކަމަށެވެ. ސްރީލަންކަން އިން ބުނީ އިއްޔެގެ ފްލައިޓުގައި ފަސިންޖަރުންނަށް ކާބޯތަކެތި ސާރވްކުރި ފަހުން، ފްލއިޓުގެ އޯވަހެޑް ލަގެޖު ބިންއިން ދުން އަރަމުން ދާކަން ފާހަގަކުރެވިގެން އަލިފާން ނިއްވާ ވަސީލަތްތަކާ އެކު ކެބިން ކްރޫއިން ލަގެޖު ބިން ހުޅުވި ކަމަށެވެ. އަދި ދުން ނުކުންނަމުން ދިޔަ ދަބަހަށް ކްރޫއިން ވަގުތުން ފަޔާ އެކްސްޓިންގުއިޝާ ޖަހައި، ފަސިންޖަރުންނާ ދުރަށް އެ ދަބަސް ގެންދިޔަކަމަށާއި ލިތިއަމްގެ ސބަަބުން އަލިފާން ރޯވެދާނެ ކަމަށް ބެލެވޭތީ އެ ދަބަސް ފެން އެއްޗަކަށް ފައްތައިލީ ކަމަށް އެ އެއާލައިނުން ބުންޏެވެ. ސްރީލަންކަން އެއާލައިންސްއާއި ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ވަނީ މި ހާދިސާގެ ތަހުގީގެއް ފަށާފައެވެ.