English Edition
Dhivehi Edition

މާލެއާ ހުޅުލެ ދެމެދު އަޅައި “ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު”ގެ މަސައްކަތް ނިންމައި އަންނަ މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މި މަހުގެ 9 ވަނަ ދުވަހު މާލެ އާއި ހުޅުލެ ގުޅުވާ ނިމޭނެ ކަމަށެވެ. އަދި މިއީ މި ސަރުކާރުން ރައީސް ޔާމީން ކުރިއަށް ގެންދާ އުމްރާނީ މަސައްކަތްތަކުގެ ތެރެއިން ހާސިލްވާ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް މުއިއްޒު ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ ޗައިނާގެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައިވާ ގޮތުން ބްރިޖު ނިންމަން ޖެހެނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައި ކަމަށެވެ. އެހެންނަމަވެސް ޖުލައި 26 ވަނަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާތީ ކޮންޓްރެކްޓަރު އަމިއްލައަށް އެ ދުވަހަށް ބްރިޖް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ

އަންނަ ހޯމަ ދުވަހަށް ބްރިޖު ނިންމުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާއިރު ދެން އޮންނާނީ ބްރިޖުގެ ޑެކު މަތީގައި ތާރު އެޅުމާއި ވެހިކަލް ދަތުރުތަކަށް ލޭންތައް ހެދުމާއި ލައިޓު ޖެހުން ފަދަ ކަންކަމެވެ

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. މީގެއިތުރުން 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން ހޭދަކުރަނީ 12 މިލިއަން ޑޮލަރެވެ