English Edition
Dhivehi Edition

ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދީ އަންހެނުން ބާރުވެރިކުރުވުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ ގްލޯބަސް ޕްރޮޖެކްޓްގެ 2 ވަނަ ބުރުގައި އައްޑޫވިމެންސް އެސޯސިއޭޝަން (އަވަ) ގެ ޓީމެއް ބައިވެރިވެއްޖެއެވެ.

ޖޫން މަހުގެ 24 އިން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސްލޮވީނިޔާގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަވައިގެ ރައީސާ ޑރ މަރިޔަމް ޝަކީލާއާއި ނައިބްރައީސާ ޖުވެއިރިއްޔާ ވަޖުދީގެ އިތުރުން އަވައިގެ 3 މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ގްލޯބަސް ޕްރޮޖެކްޓަކީ 6 ގައުމަކާއެކު ޕާޓްނަރޝިޕް ވެގެން ޔޫރަޕިއަން ޔޫނިއަންގެ އިރަސްމުސް ޕްލަސް ޕްރޮގްރާމުގެ ދަށުން ފަންޑްކޮށްދީގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

ސްލޮވީނިޔާގައި މި ޖޫން މަހުގެ 24 އިން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔަ 2 ވަނަ ހަރަކާތެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ މެއި މަހު ސިންގަޕޫރުގައެވެ. ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވަނީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އެކި ދުވަސްތަކަކަށް ބަހާލައިގެން ގްލޯބަސް ޕްރޮޖެކްޓްގައި ބައިވެރިވާ އެހެން ހުރިހާ ގައުމުތަކެއްގައި ޕްރޮގްރާމު ހިންގުމަށް ޝެޑިއުލް ކޮށްފައެވެ.

ހަމަޖެހިފައިވާ ތާވަލެއްގެ ދަށުން ގްލޯބަސް ޕްރޮޖެކްޓް ޕާޓްނާޝިޕްގައި ހިމެނޭ ކޮންމެ ގައުމެއްގައި މި ޕްރޮޖެކްޓްގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު ދެން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވިއެޓްނާމް، ބްރެޒިލް، ފިލިޕީންސް، އަދި ދިވެހިރާއްޖެ މި ތަރުތީބުންނެވެ.

ސްލޮވީނިޔާގެ މި ފަހަރުގެ ހަރަކާތްތަކުގައި މައިގަނޑު ގޮތެއްގައި ހިމެނުނީ އެކި އެކި ޕްރޮޖެކްޓްތައް ރާވާ ހިންގުމަށްޓަކައި ބޭރުގެ އެހީދޭ ޖަމިއްޔާ ޖަމާއަތްތަކުން އެހީ ހޯދާނެ ގޮތްގޮތާއި އެކަންކަން ކުރުމަށް މަގުފަހިކޮށް އެކަން ކުރުމަށް އަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުމެވެ. އަދި ހަމަ އެއާއެކު ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރި ކުރުމަށާއި އަދި ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ހުރި ގޮންޖެހުންތައް ހިމެނޭ ތަފާތު ވޯކްޝޮޕްތައް ކުރިއަށް ގެންދެވުނެވެ.

މި ޕްރޮގްރާމުގެ މަގްޞަދުގެ ތެރޭގައި ހިމެނޭ އެއްކަމަކަށްވާ ސަގާފީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޕްރޮގްރާމުގެ ބައިވެރިން އެބައިވެރިންގެ ގައުމުގެ ސަގާފީ ހަރަކާތްތަކާއި އެތަންތަނުގެ ކެއުމާއި އުފެއްދުންތައް ވަނީ ދައްކާލާފައެވެ. އަދި ހަމަ އެއާއެކު ޕްރޮގްރާމު ހިނގަމުން ދިޔަ ގައުމު ކަމަށްވާ ސްލޮވީނިޔާގެ ކޭމްޕިން މެނީނާ ސަރަހައްދުގައި ހިމެނޭ މުހިއްމު އެކި ތަންތަނަށް ދަތުރުކޮށް އެމީހުންގެ ސަގާފަތާއި ކުޅިވަރު ވެސް ބައިވެރިން ވަނީ ތަޖްރިބާ ކޮށްފައެވެ.

ތަފާތު އެކި ރޮނގުރޮނގުން ރާއްޖޭގެ އަންހެނުންނަށް މިފަދަ ގިނަ ފުރުސަތުތަކެއް ހޯއްދަވައި ދިނުމުގެ މަގްޞަދުގައި މަސައްކަތް ކުރަމުން އަންނަ އައްޑޫވިމެންސް އެސޯސިއޭޝަނުން ވަނީ މި ފަދަ ގިނަ ޕްރޮގްރާމުތަކުގައި ބައިވެރިވެ ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ޖަމިއްޔާގެ މެމްބަރުންނަށް ހުޅުވާލާފައެވެ.