English Edition
Dhivehi Edition

މިމަހުގެ 19 ވަނަ ދުވަހުގެރޭ އެލްސީއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 6 މީހުންގެ ތެރޭގައި އައްޑޫސިޓީގެ ހިތަދޫ އަށް ނިސްބަތްވާ 2 މީހަކު ހިމެނިއްޖެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 6 މީހުންނަކީ ސ. ހިތަދޫ، ނާސިރައްދޫގެ މުނާޛު މުޙައްމަދު (21އ) އާއި ސ. ހިތަދޫ، ލުހާއު އިބްރާހީމް ޢަރީން އަޙްމަދު (20އ) ގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގެ ސިރުފާން އިބްރާހިމް (20އ) އާއި ވ. ބުލޫނިޔާއާގެ މޫސާ އިބްރާހިމް (21އ) އާއި ނ. މިލަދޫ، ކާރނޭޝަންމާގެ، ޢަބޫބަކުރު ފާރިޢު (20އ) އަދި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. މިމީހުންގެ ޢަބޫބަކުރު ފާރިޢު އާއި އިބްރާހީމް ޢަރީން އަޙްމަދު ޖުލައި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު މޫސާ އިބްރާހިމް ހައްޔަރުކޮށްފައިވަނީ ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި ސިރުފާން އިބްރާހިމް އާއި މުނާޛު މުޙައްމަދުގެ އިތުރުން 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ޖުލައި 25 ވަނަ ދުވަހުއެވެ. މިއެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ މި 6 މީހުންނަކީ މާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންކަން ތަޙްޤީޤަށް އެނގިފައިވާއިރު މިމީހުންގެ މައްޗަށް ކުށް ސާބިކުރެވޭވަރަށް ހެއްކާއި ޤަރީނާ ވަނީ ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޖުލައި 19 ވަނަ ދުވަހުގެރޭ އެލްސިއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މި މާރާމާރީގައި ވަނީ 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭނާގެ ހަށިގަނޑުގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ. އަދި އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.  

ޓެގު