English Edition
Dhivehi Edition

އީކޯ ޓޫރިޒަމަށް ހާއްސަ ކޮށްގެން އައްޑު އާއި ފުވައްމުލަކުގައި ތަރައްގީ ކުރަމުންދާ ނޭޗާ ޕާކްގެ މަސައްކަތްތައް ނިންމައި އަންނަ މަހުގެ ތެރޭގައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ހިމާޔަތްކޮށްފައިވާ އައްޑޫ ހިތަދޫގައި އޮންނަ އީދިގަލި ކުޅި އާއި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް އައްޑޫގެ ޕާކު ތަރައްގީ ކުރަމުންދާއިރު ފުވައްމުލަކު ޕާކު ހާއްސަ ކޮށްފައިވަނީ އެ ރަށު ފުނާޑު ކުޅި އާއި ދަޑިމަގު ކުޅި އަށެވެ. މި ދެ ސަރަހައްދުގައި ކުޅީގެ އެކި ހިސާބުތަކުގައި ލޮޓަސް މާތަކުން ޒީނަތްތެރިވެފައިވާއިރު، ހިނގާލާފައި ކުޅި ތެރެ ބަލައިލުމަށް ރީތި ދިގު ފާލަންތަކެއް ވެސް ވަނީ އަޅައިފަ އެވެ.އަދި ޕާކު ހުޅުވުމުން، ކުޅި ތެރޭގައި ޑިންގީ އާއި ކެނޯ ފަދަ ތަކެތި ދުއްވުމުގެ ފުރުސަތު ލިބިގެންދާއިރު ބައިސްކަލުގައި ޕާކު ތެރޭގައި ދުއްވާލައި، ތަނުގެ ރީތިކަން ބަލައިލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ކޮމިއުނިކޭޝަން އޮފިޝަލް އަލީ ޝާމީން ވިދާޅުވީ އެތަންތަން ތަރައްގީ ކޮށްފައިވަނީ ތަނުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ކަމަށާއި އެ ތަނުގައި އިމާރާތް ކުރުމުގެ މަސައްކަތްތައް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އައްޑޫ އީދިގަލި ކުރިމަތީގައި ވިޒިޓާސް ސެންޓަރެއް ގާއިމުކޮށްފައިވާ އިރު، ޕާކަށް ވަންނަ ޓިކެޓާއި ކެނޯ އާއި ބައިސްކަލް ފަދަ ތަކެތި ދޫކުރާނީ އެ ތަނުންކަމަށް ޝާމިން ވިދާޅުވިއެވެ. އަދި ކެންޓީނެއް ހަދާފައިވާއިރު ކުޅި އަށް އެރުމަށް ފަހު، ފެންވެރުމުގެ ވަސީލަތްތައް ވެސް އެ ތަނުގައި ވަނީ ގާއިމުކޮށްފަ އެވެ.

މި މަޝްރޫއަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދީފައިވާ 61 މިލިޔަން ރުފިޔާގެ ހިލޭ އެހީގެ ދަށުން މީގެ ތިން އަހަރު ކުރިން ފެށި ޕޮރެޖެކްޓެކެވެ. މި ޕާކްތަކުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އާއި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ)ގެ ދަށުން ތަރައްގީ ކުރާ މި ޕާކުތައް ހިންގާނެ ގޮތުގެ ގަވައިދު އެކުލަވާލައި ގެޒެޓް ކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.