އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި މިއަދު ތިއްބެވީ ފާއިތުވި 35 އަހަރުތެރޭ ގައުމު ހިންގެވުމަށް އެންމެ އިސްކޮށް ތިއްބެވި ވެރިން ކަމަށްވިޔަސް އެބޭފުޅުންނަށް ރައްޔިތުން މިހާރު އިޖާބަ ނުދޭ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިނިވަންދުވަހުގެ ރަސްމީ ކުޅިވަރުތައް ބެއްލެވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަލޮޅު ދަނޑުގައި ތިއްބަވަނިކޮށް މުޒާހަރާ ކުރުމަށް އިދިކޮޅުފަރާތްތަކުން “ހަވަރު” އެއްކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެހެންނަމަވެސް އެމުޒާހަރާއަށް “އެއްވެސް ރައްޔިތަކު އިޖާބަ ދެއްވާފައިނުވުމުން އެނގިގެންދިޔައީ މިއަދުގެ ސަރުކާރުން ގައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ދިވެހި ރައްޔިތުން ތާއީދު ކުރައްވާ މިންވަރު” ކަމަށް ބުނެފައިވެއެވެ. “އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި މިއަދު މިތިބީ ވޭތުވެދިޔަ 35 އަހަރުގެ އެންމެބޮޑު ބައިގައި މިގައުމު ހިންގަންތިބި ވެރިން ކަމަށްވީހިނދު، އެފަރާތްތަކުގެ ގޮވެއްޔަށް މިއަދު ރައްޔިތުން އިޖާބަނުދޭކަމީ ދިވެހި ލޮބުވެތި ރައްޔިތުން މިއަދު އެފަރާތްތަކުން އެއިރު ގެންގުޅުނު “ޕޮލިޓިކްސް” ބަލައިނުގަންނަ ކަމުގެ ދަލީލެކެވެ.” އެބަޔާނުގައިވެއެވެ. ރައްޔިތުންނަށް ގެނެސްދޭން މިސަރުކާރުން މަސައްކަތްކުރަނީ ގާނޫނީ އަދި ތަހުޒީބީ ޑިމޮކްރަސީއެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެކަމަށް ރައްޔިތުންގެ ތާއިދު އެބައޮތްކަންވެސް މިހާރު ހާމަވެފައިވާ ކަމަށް ބުނެފައިވެއެވެ. ހަވަރު އެއްކޮށްގެން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ ރާއްޖޭގައި އެއްބައިވަންތަކަން ނެތްކަން ޕާކިސްތާނުގެ ބޮޑުވަޒީރަށް ދެއްކުމަށް ކަމަށްވެސް އޭގައި ވެއެވެ. އެކަމަކީ އެއްވެސް އޮއްޓަރެއްނެތް ދަށުދަރައިގެ އަމަލެއް ކަމަށްވެސް ޕީޕީއެމްއިން ބުނެފައިވެއެވެ. ދިވެހިންނަކީ އަބަދުވެސް ސުލްހަމަސަލަސްކަމާއި އަމަންއަމާން ކަމަށް ލޯބިކުރާ ބައެއް ކަމަށް އެބަޔާނުގައިވެއެވެ. އޭގެ އިތުރަށް ދިވެހިންނަކީ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރާ ބައެއް ކަމަށްވެސް ބުނެފައިވެއެވެ.