English Edition
Dhivehi Edition

ޖަލުގައި ބަންދު ކޮށްފައި ތިބި ގައިދީންނަށް މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާ ތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ކަރެކްޝަންސް ސަރވިސަސް ގެ އޮފިސަރަ ކު ހައްޔަރުކޮށްފި އެވެ.

މިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ކަރެކްޝަންސް ސަރވިސަސްގެ ސްޓާފް ސާޖެންޓް ރޭންކުގެ ފިރިހެން އޮފިސަރެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންނާއި ކަރެކްޝަންސް އިން ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކުރި އެ އޮފިސަރަކީ، ކަރެކްޝަންސް ގެ އޮފިސަރުންނަށް ވެސް މީގެ ކުރިން ޝައްކު ކުރެވިގެން ފާރަލައި ސުވާލުކޮށްފައިވާ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އޭނާ އަތުލައިގަތީ ގިނަ ދުވަސްތަކެއް ވަންދެން އޭނާއަށް ފާރަލައިގެންނެވެ.

މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމަށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު އޭނާވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. ފުލުހުން އެއޮފިސަރު ހައްޔަރުކުރިއިރު އޭނާގެ އަތުން 18،000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

ޖަލަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަބަދުވެސް ކަރެކްޝަންސްގެ އޮފިސަރުން ބައިވެެރިވާ ކަމަށް ތުހުމަތުކުރެވޭތީ ފުލުހުންނާއި ކަރެކްޝަންސް އިން ދޭތެރެއަކުން ހިންގާ އޮޕަރޭޝަންސް ތަކުގައި މިފަދަ ތުހުމަތުތައް ކުރެވި ކަރެކްޝަންސްގެ އޮފިސަރުން ގެންދަނީ ހައްޔަރުކުރަމުންނެވެ.