ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނަވާޒް ޝަރީފްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނެވެ. އަދި އަރިހުގައި ދައުލަތުގެ ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ. ބޮޑުވަޒީރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. މާލެ ވަޑައިގެން ރައީސް އޮފީހުގައި ރަސްމިއްޔާތެއް ބާއްވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ. ޖުލައި 27 ގެ ނިޔަލަށް ބޮޑު ވަޒީރު ނަވާޒު ޝަރީފު ކުރައްވާ ދަތުރުފުޅުގައި، ރައީސް ޔާމީނާއި ޕާކިސްތާނުގެ ބޮޑުވަޒީރާ ދެ ބޭފުޅުން ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ އެވެ. ނަވާޒް ޝަރީފްގެ މި ދަތުރުފުޅުގައި ތިން ދުވަސް ވަންދެން ރާއްޖޭގައި މަޑުކުރައްވާނެ އެވެ.