English Edition
Dhivehi Edition

ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ދިވެހި ސަރުކާރުން އިންކާރު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގެއާއި ގޯތިތެރޭގައި 24 ޖުލައި 2017 ގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން މީޑިޔާއިން ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެއްވެސް ވޯޓެއް ނެގުމަށް އިއްޔެ އެޖެންޑާކޮށްފައި ނުވާ ކަމަށާއި، އެ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވާފައިނުވާނެ ކަމުގައެވެ. އަދި، ކުރިއަށް އޮތް ރާއްޖޭގެ މިނިވަންދުސް ފާހަގަކުރުމުގެ ހަރަކާތްތަކާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން މާލެ ތެރޭގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވުމާއެކު، 23 ޖުލައި 2017 އިން ފެށިގެން 31 ޖުލައި 2017 އާ ހަމައަށް މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްވެސް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 23 ޖުލައި 2017 ގައި ދަންނަވާފައިވާ ކަމުގައިވެސް ނޫސް ބަޔާނުގައި ވެއެވެ. “ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި، މަޖިލީހުގެ ގަވައިދާ ޚިލާފަށް 24 ޖުލައި 2017 ގައި މަޖިލީހުގައި ކަންތައްތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ގޮވާލައި، އެކަމަށް މަސައްކަތްކޮށްފައިވޭ. އެހެންކަމުން، 24 ޖުލައި 2017 ގައި ޣައިރު ޤާނޫނީ އެއްވެސް ކަމެއް، ނުވަތަ މަޖިލީހުގެ ގެއާއި ގޯތި ތެރޭގައި ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދިނުމަށްޓަކައި، ސަލާމަތީ ގޮތުން އަޅުއްވައިންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެމް.އެން.ޑީ.އެފް. ގައި އެދިވަޑައިގެންފައިވާނެ” ނޫސް ބަޔާނުގައި ވެއެވެ. ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމް.އެން.ޑީ.އެފް. އިން އިއްޔެއެޅުއްވި ޚާއްޞަ ފިޔަވަޅުތަކަކީ، 24 ޖުލައި 2017 ގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، އެ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަނުޖެހުން ހިނގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމް.އެން.ޑީ.އެފް. އިން އެޅުއްވި ޚާއްޞަ ފިޔަވަޅުތަކެއްކަމަށް ސަރުކާރުން ބުނެއެވެ. މިކަމާގުޅިގެން ޚަބަރު ފެތުރުމުގައި ޒިންމާދާރު ކަމާއެކު ހަގީގަތާ އެއްގޮތަށް ޚަބަރު ފެތުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ޚަބަރު ނުފެތުރުމަށް، ހުރިހާ މީޑިޔާއަކަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވަވާފައެވެ.

ޓެގު